ގާޒީ އަލީ ރަޝީދުގެ މައްސަލަ އަވަހަށް ބެލުމަށް އިދިކޮޅުން ގޮވާލައިފި

ކްރިމިނަލް ކޯޓުގެ އިސްގާޒީ ކަމަށް ހަަމަޖެއްސެވި، ގާޒީ އަލީ ރަޝީދު --- ސަންފޮޓޯ

ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާފައިވާ މައްސަލަ ބެލުން ލަސްވަމުންދާ ކަމަށް ބުނެ އެ މައްސަލަ އަވަހަށް ބެލުމަށް އެދި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފި އެވެ.

އިދިކޮޅު ކޯލިޝަނުން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ފަނޑިޔާރު އަލީ ރަޝީދުގެ ސުލޫކީ މައްސަލައެއް މިދިޔަ އާދިއްތަ ދުވަހު ޖޭއެސްސީއަށް ހުށަހަޅާފައިވާ ކަމުގެ ސިޓީއެއް ލިބިފައިވާ ކަމަށެވެ.

ގާޒީ އަލީ ރަޝީދުގެ ސުލޫކީ މައްސަލައަކީ އެ ކޯލިޝަންގެ މަސްލަހަތު ހިމެނޭ މައްސަލައެއް ކަމަށާއި އެ މައްސަލަ ނުބަލާ ލަސްވަމުންދާ ކަމަށް ބުނެ އެ ކޯލިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ކޯލިޝަނުން ބުނެފައި ވަނީ ފަނޑިޔާރުންގެ ގާނޫނުގެ 29 ވަނަ މާއްދާއާ ހިލާފަށް ގާޒީ އަލީ ރަޝީދު ވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ޝަރީއަތާ ބެހޭ ގޮތުން ވަކި މީޑިއާއަކަށް މައުލޫމާތު ދެއްވާފައި ކަމަށެވެ. އެކަމަކީ ޖޭއެސްސީއިން ވަގުތުން ވަގުތަށް ފިޔަވަޅު އަޅަން ޖެހޭ މައްސަލައެއް ކަަމަށް ވެސް އެ ކޯލިޝަނުން ވަނީ ބުނެފަ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ވަކި ތައައްސުބެއްގެ ތެރެއިން އެ މައްސަލަ ބެލުން ލަސްކޮށް ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް، ހެދިފައިވާ ގާނޫނުތަކާ އެއްކިބާވެ ކަންކަން ކުރަމުންދާ ކަމަށާއި އެކަންތައް ކުށްވެރި ކުރާ ކަމަށެވެ.

އެފަދަ އަމަލެއް ހިނގާ ދިޔުމުން އެ ފަނޑިޔާރަކު އަމިއްލައަށް މައްސަލައަކުން ތަނާޒުލްވާން ޖެހޭ ކަމަށް ކޯލިޝަނުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް