ލިވިން ބްރޯކް އިން މާލެ: ކުދި ޖާގައިގައި ކުޑަކުދިންގެ އަންނައުނު ތަރުތީބުކުރުން

ކުޑަކުދިންގެ ހެދުން ތަރުތީބުކުރުން -- ސަން ފައިލް ފޮޓޯ

އާންމު ދިރިއުޅުމުގެ އެކި ކަންކަމުގައި ފަސޭހަ، ޖީބަށް ލުއި އަދި "ސަޅި" ގޮތްގޮތަށް ކަންކަން ކުރެވޭނެ ޓިޕްސްތަކެއް "ލިވިންގް ބްރޯކް" ސީރީޒްގައި ގެނެވިއްޖެ އެވެ.

މި ހަފްތާގެ "ލިވިންގް ބްރޯކް"ގެ އެޕިސޯޑު ހާއްސަކުރަނީ ކުދި ޖާގަތަކުގައި ކުޑަކުދިންގެ އަންނައުނާއި އެހެނިހެން ތަކެތި ތަރުތީބުކުރާނެ ގޮތެވެ.

ކޮޓަރީގައި އެންމެ އަލަމާރިއަކާއި އެނދަކާއި ކުޑަވަރެއްގެ ޑްރެސިން ޓޭބަލްއެއް ބެހެއްޓުމުން ނަމާދުކޮށްލާނެ ޖާގަ އާންމުކޮށް ގިނަ ގޭގޭގައި ލިބޭނީ ކިރިޔާ އެވެ. ކުޑަ ދަރިފުޅެއް ނިދާނެ އެނދެއް "ފިޓު"ކޮށްލެވޭނީ ވެސް ވަރަށް ހާލުންނެވެ. ދެން ދަރިފުޅުގެ އަންނައުނު ބެހެއްޓުމަށް ކޮޓަރީގައި އިތުރު އަލަމާރިއެއް ކޮޓަރީގައި ބަހައްޓާނީ ކިހިނެއް ހެއްޔެވޭ؟

ހެދިދާނެ ގޮތެއް އެބަ އޮތެވެ--ކޮޓަރީގައި މިހާރު ހުރި އަލަމާރިއާއި ކަބަޑުތަކުގައި ދަރިފުޅުގެ ތަކެތި ލާނެ ޖާގަ ހޯދިދާނެ އެވެ. ދަރިފުޅުގެ ކުދިކުދި ހެދުންތަކާއި ރުމާތަކާއި އަތާއި ފަޔަށް ލައްވާ އަންގިތައް މުޅި ކަބަޑުގެ ތެރެއަށް ގެއްލިގެން އުޅެންޖެހުމުގެ ބަދަލުގައި، ތަރުތީބުކޮށްގެން ގެންގުޅޭވޭނެ ގޮތްތަކެއް އެބަ ހުއްޓެވެ.

ކޮންމެ މީހަކާއި އެމީހަކު ދިރިއުޅޭ ގެއާއި އެ ގޭގެ ޖާގައާއި ތަރުތީބުތައް ތަފާތު ވާނެއެވެ--މި ލިޔުމުގެ ޒަރިއްޔާއިން މި ދެނީ ޚިޔާލުތަކެކެވެ.

އަންނައުނު ތަރުތީބުކުރުމަށްފަހު ވަށިގަނޑުގައި --- ސަން ފޮޓޯ

ސައިޒާއި ބާވަތް ވަކިވަކިން

އަލަތު ދަރިފުޅަށް މަރުހަބާ ކިޔުމަށް މި ސީރީޒްގެ ޕާޓްނަރު، ލައިފްސްޓއިލް ބްލޮގާ "ބްރޯކްއޭސްއެމްވީ" ހުރީ ކެތްމަދުވެފަ އެވެ. އޭނާގެ ދަރިފުޅަށް ޓަކައި ވާންޖެހޭ އެންމެ ތައްޔާރީތައް ވަމުން ދާ އިރު، އޭނާގެ ކުޑަކުޑަ އެޕާޓްމަންޓުގައި ދަރިފުޅަށް ހާއްސަ އަލަމާރިއެއް ބަހައްޓާނެ ޖާގައެއް ނެތެވެ. ދެން ޖެހެނީ އެންމެ "މިނިމަލް" ގޮތެއްގައި ދަރިފުޅަށް ހޯދާފައި ތަކެތި ތަރުތީބުކޮށްލާށެވެ.

ކުރެވިދާނެ އެއް ކަމަކީ ވަތްގަނޑު ލީ ކުޑަ ކަބަޑެއް ހޯދުމެވެ--ދަރިފުޅަށް ގިނަ، ކުދިކުދި ތަކެތި ހޯދަމުން ދާ އިރު އެންމެ "ޕްރެކްޓިކަލް" ކަމަކީ ހެދުންތަކުގެ ބާވަތާއި ސައިޒަށް ބަލާފައި ވަކިވަކިން ތަރުތީބުކުރުމެވެ. ފުރަތަމަ ދެ ތިން ހަފްތާގައި ބޭނުންކުރާ ލިބާސްކޮޅުތަކާއި، ދެން ބޭނުންކުރާ "ރޮމްޕާސް"އާއި ނިދާ ހެދުމާއި ކުދި ސޯޓާއި ހަރުވާޅު ހޯދާފައި، ސައިޒަށް ބަލައިގެން ފަތްޖެހުމުން ފަސޭހަވާނެއެވެ. އަދި ފަތްޖަހާ ތަކެތި ކުދިކުދި ވަށިގަނޑުގައި ތަރުތީބުން އަޅާފައި ބެހެއްޓުމުން ހޯދުމަށާއި ނެގުމަށް ވެސް ފަސޭހަވާނެ އެވެ.

ކުޑަކުދިންގެ އަންނައުނުގެ ބާވަތެއް ފަތްޖަހަނީ -- ސަން ފޮޓޯ

ފަށްޖަހާނީ ހެދުންތައް ކޮޅަށް ހުންނަހެން

ކުދި ވަށިގަނޑުތަކުގައި ކޮންމެ ބާވަތެއްގެ ހެދުމެއްވެސް އަޅާފައި ބެހެއްޓި ނަމަވެސް އެ އެއްޗެއް ފަތްޖަހާ ގޮތް ވަރަށް މުހިންމެވެ. ވަށިގަނޑުގައި ގިނަ އިރު ރީއްޗަށް ހެދުންތައް ހުންނާނީ މަތިން ތިރިއަށް ނުވަތަ "ވާޓިކަލް"ކޮށް ތަރުތީބުކޮށްފައި އެޅުމުންނެވެ. އަދި އެއް ވައްތަރުގެ ގިނަ ހެދުން ހުންނަ އިރު، ކުލައާއި ޑިޒައިންވެސް ރަނގަޅަށް ފެންނަން ހުންނާނެއެވެ.

ކޮސްމެޓިކްސް، ނެޕީ އެކްސެސަރީޒް އަތްފޯރާ ހިސާބެއްގައި

ވިހައިގެން އުޅޭ ފުރަތަމަ ދުވަސްކޮޅު ގުދުވެ، ތަކެތި އުފުލުމަކީ ތަކުލީފަކަށް ވެދާނެ އެވެ. އހެެންކަމުން ފަސޭހައިން އެއްޗެހި އަތުޖެހޭނެ ހިސާބުގައި ބެހެއްޓުން މުހިންމެވެ. ދަރިފުޅުގެ ނެޕީއާއި ރީތިވާ ސާމާނާއި މަންމައަށް ބޭނުންވާ ތަކެތި އެއް ވަތްގަނޑެއްގައި، އެކުގައި ބެހެއްޓިދާނެއެވެ. ދަންވަރުވެސް ނެޕީ ބަދަލުކުރަން ޖެހިއްޖެ ނަމަ، ނަގަން ދިއުމަކީ މާ ބޮޑު މަސައްކަތަކަށް ނުވާނެހެން ބޭނުންޖެހޭ ތަކެތި ނިދާ އެނދާ ގާތުގައި ބެހެއްޓިދާނެއެވެ.

ކުޑަކުދިންގެ އަންނައުނުގެ ބާވަތްތަކެއް ފަތްޖަހާފައި -- ސަން ފޮޓޯ

އަލަމާރިއާއި ކަބަޑު ހޯދުމުގައި އަގު ބޮޑެތި، އާ ތަކެތި ހޯދުމުގެ ބަދަލުގައި ސެކަންޑް-ހޭންޑް ސާމާނު ހޯދިދާނެ އެވެ. އަދި ތިމާ ދިރިއުޅޭ ޖާގައާ އެކަށޭނަ ފަރުނީޗަރާއި އެނޫން ވެސް ތަކެތި ހިޔާރުކުރުން މުހިންމެވެ. އެއްފަހަރާ މާ ބައިވަރު ހެދުން އެއް ސައިޒުން ގަތުމުގެ ބަދަލުގައި ދަރިފުޅު ހެދި ބޮޑުވާ ވަރަށް އެކަށޭނަކޮށް ހެދުން ގަތުމުން ރަނގަޅުވާނެ އެވެ--އަގު ހެޔޮވެފައި ފަހަށް ރައްކާވެސް ކުރެވޭނެ އެވެ.

comment ކޮމެންޓް