އަފްރާޝީމްގެ މަރުގެ ރިޕޯޓު ކަމާ ބެހޭ ފަރާތްތަކާ ހިއްސާކޮށްފި

ޑރ. އަފްރާޝީމް --

އަނިޔާވެރި ގޮތަކަށް މަރާލި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލަ ތަހުގީގުކޮށް، ރިޔާސީ ކޮމިޝަނުން އެކުލަވާލި ތަހުގީގު ރިޕޯޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ކަމާ ބެހޭ މުއައްސަސާތަކާ ހިއްސާކުރައްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނެފައިވަނީ ރައީސް ވަނީ އެ ރިޕޯޓާ ގުޅުންހުރި މުއައްސަސާތަކާ އެ ރިޕޯޓު ހަވާލުކުރައްވާފައިވާ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލިސް، މޯލްޑިވްސް ޕޮލިސް ސާވިސް، ކައުންޓާ ޓެރަރިޒަމް ސެންޓަރު، އެޓާނީ ޖެނެރަލް އަދި ޕްރޮސެކިއުޓާ ޖެނެރަލްއާ ރިޕޯޓު ހިއްސާކޮށްފައިވެއެވެ.

އަފްރާޝީމް އަލީގެ މަރުގެ ތަހުގީގު ގެއްލުވާލާފައިވާ މީހުންނާއި މަރާލާފަައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ތަހުގީގުކޮށް ނިންމައި ރައީސަށް އެ ރިޕޯޓު ހުށަހަޅާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.

އަފްރާޝީމްގެ މަރުގެ ތަހުގީގުގެ ރިޕޯޓުގެ މައުލޫމާތު ހާމަކުރައްވާނެކަމަށް ރައީސް ސޯލިހު ވަނީ މިދިޔަ އާދިއްތަ ދުވަހު ވިދާޅުވެފައެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ މީގެ ހަތް އަހަރު ކުރިން 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އޭނާ ދިރުއުޅުއްވި ހ. ފުންވިލުގެއަށް ވަދެވަޑައިގަންނަވަނިކޮށެވެ.

އަފްރާޝީމްގެ މަރަށް އިންސާފު ހޯދައިދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ. މީގެ ކުރިން މަރު ކޮމިޝަނުން ބުނެފައި ވަނީ އަފްރާޝީމް މަރާލުމުގެ ފަހަތުގައި ތިބި މީހުން މިހާރު ހޯދިފައިވާ ކަމަށެވެ. އަދި އަފްރާޝީމް އާއި އާއިލާއަށް އިންސާފު ހޯދައިދެވޭނެ ކަމުގެ ޔަގީންކަން ވެސް ކޮމިޝަނުން ވަނީ ދީފައެވެ.

comment ކޮމެންޓް