އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ނަން އިއްވައި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ނެރުމުން ރޮޒައިނާއަށް ވަރަށް ބޮޑަށް ހިތުގައި ޖެހި، އޭނާގެ އުދާސްތައް މިއަދު ސޯޝަލް މީޑިއާއަށް ބަންޑުން ކޮށްލައިފި އެވެ.
ރޮޒައިނާ މަޖިލީހުގެ ތަޅުމުން ބޭރުކުރީ ޕީޕީއެމްގެ ނައިބު ލީޑަރު ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މަޖިލީހުގައި، ވާހަކަ ދައްކަވަމުން ދަނިކޮށް ރޮޒައިނާ ނިޒާމީ ނުކުތާ ނެގި ނަމަވެސް، ރިޔާސަތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އޭނާގެ ނުކުތާއަށް ފުރުސަތު ނުދެއްވުމުން އެވެ.
އެއާ އެކު ރޮޒައިނާ ކޮޅަށް ހުންނަވައި ހަޅޭއްލަވަން ފެއްޓެވި އެވެ. އަދި، ދެ ފަހަރެއްގެ ރައީސް ނަޝީދު ވަނީ ރޮޒައިނާއަށް ނަސޭހަތްތެރިވެފަ އެވެ. އަދި ތިން ވަނަ ފަހަރު އެކަން ތަކުރާރުކުރުމުން އެންމެ ފަހުން ވަނީ ރޮޒައިނާގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފަ އެވެ.
ރޮޒައިނާގެ އިތުރުން އޭނާގެ ފިރިކަލުން ކިނބިދޫ ދާއިރާ މެމްބަރު އަހްމަދު ނާޝިޒުވެސް ނިޒާމީ ނުކުތާ އަށް ތަކުރާރުކޮށް އެދިވަޑައިގަންނަވަމުން ދިޔަ އެވެ.
ނަމަވެސް ރިޔާސަތުން އެ ފުރުސަތެއް ނުދެއްވަ އެވެ.
ތަޅުމުން ބޭރުކުރި މައްސަލައިގައި ރޮޒައިނާވަނީ ފުލުފުލުގައި އޭނާގެ އަމަލުދިފާއުކޮށް ޓުވީޓް ކުރައްވައިފަ އެވެ.
ރޮޒައިނާ ނިސްބަތްވެލައްވާ އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެވެސް ރައީސް މުހައްމަދު ނަޝީދަށް އިޝާރާތްކުރައްވައި ވިދާޅުވީ، ކޮންމެ މީހަކު މަޖިލީހުގެ ރިޔާސަތުގައި އިންނެވިޔަސް މަޖިލީހުގެ ގަވައިދާ އެއްގޮތަށް ނިޒާމީ ނުކުތާ ނެގުމުން އެ ފުރުސަތު ދޭން ޖެހޭނެ ކަަމަށެވެ.
"އަޅުގަނޑު ހުށަހަޅާ އަޅުގަނޑު ވޯޓު ދޭން އެންމެ ބޭނުންވި ބިލްއަށް މިއަދު ވޯޓް ނުދެވުނީ ނިޒާމީ މައްސަލައެއް ނެގީތީ އަޅުގަނޑުގެ ނަން އިއްވައި ބޭރުކޮށްގެން. އަޅުގަނޑަށް މަޖިލީހުގެ ގަވައިދުން ލިބޭ ހައްގެއް ބޭނުންކުރީމާ އަދި އެ ހައްގު ހޯދަން މަސައްކަޔްކުރީމާ މިވެސް އިންސާފުގެ ވައްތަރެއް،" ރޮޒައިނާ ވިދާޅުވި އެވެ.
ރޮޒައިނާ އަދި ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ، އޭނާއާ މެދު މިއަދު އަމަލުކުރި ގޮތާއި ނިމިގެން ދިޔަ މަޖިލީހުގައި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު އޭނާގެ މޫނަށް ފެން ޖެހުމާ ތަފާތެއް ނެތް ކަމަށެވެ.
"ޕީޕީއެމްގެ ޕީޖީ ލީޑަރެއްގެ ހައްގު ހޯއްދަވާ ދެއްވަން މަސައްކަތް ކުރެއްވިއިރު އަޅުގަނޑުގެ ހައްގު ކޮބައިތޯ. މީގެ ކުރިންވެސް މަޖިލީހުގެ ރައީސް އެއް ޕީޕީއެމްގެ ލީޑަރެއްގެ ހައްގު ހޯއްދަވާދެއްވި. އެދުވަހު މޫނަށް ކުޅު އައީ. މިއަދު ތަޅުމުން ނުކުންނަށް ޖެހުނީ. މަޖިލިސް ގަވައިދުގެ ބޭނުމެއް ނެއް،" ރޮޒައިނާ އޭނާގެ ޝުއޫރުތައް ބަންޑުންކޮށްލަމުން އަސަރާއެކު ކުރި ޓުވީޓެއްގައި ވިދާޅުވި އެވެ.