ފަސޭހަކަމާ އެކު ރާއްޖެ ބަލިކޮށް ނޭޕާލް ޗެމްޕިއަންކަން ހޯދައިފި

ވޯލްޑް ޗެމްޕިއަންޝިޕް އަންހެން ވޮލީބޯޅަ މުބާރާތުގެ އޭވީސީ ކޮލިފައިން ބުރުގައި ރާއްޖެ އާއި ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން --- ސަން ފައިލް ފޮޓޯ: މުހައްމަދު އަފްރާހު

ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ އޭވީސީ ސީނިއާ ވިމެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފައިނަލުގައި މިއަދު ކުޅުނު މެޗުން ރާއްޖޭގެ ގައުމީ އަންހެން ޓީމުގެ މައްޗަށް ފަސޭހަކަމާ އެކު ސީދާ ތިން ސެޓުން ކުރި ހޯދައި ނޭޕާލުން ތަށި އުފުލާލައިފި އެވެ.

ޑާކާގެ ޝަހީދު ސުރަވާރުދީ އިންޑޯ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި ނޭޕާލުން ވަރުގަދަ ކުޅުމެއް ދެއްކި އިރު ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ. އެ މެޗުގެ ސެޓުތައް ފަސޭހަކަމާ އެކު ނޭޕާލުން ގެންދިޔައިރު ތިން ސެޓުގައި ވެސް ރާއްޖެއަށް މާ ވާދަވެރި ކުޅުމެއް ދެއްކިފައެއް ނުވެ އެވެ. މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެ ނޭޕާލް ޗެމްޕިއަންކަން ހޯދި އިރު ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ދެކޮޅަށް ނޭޕާލް ކުޅުނު މެޗުން ވެސް އެ ޓީމު އިއްޔެ ވަނީ ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްފަ އެވެ.

ރާއްޖޭގެ މައްޗަށް ނޭޕާލުން ކުރިހޯދުމުގައި މި މެޗުގައި ވެސް މޮޅު ކުޅުމެއް އެ ޓީމުގެ ތަރި ޕްރަތީބާ މާލީ އެވެ. ޕްރަތީބާގެ އިތުރުން ނޭޕާލުގެ ގިނަ ކުޅުންތެރިންނަކީ ރާއްޖޭގެ މުބާރާތްތަކުގައި ކުޅެން އަންނަ ކުޅުންތެރިންނެވެ. އެހެންކަމުން ރާއްޖޭގެ ކުޅުންތެރިން ކައިރީގައި ކުޅެން ޖެހޭ ގޮތް ވިސްނައިގެން ނޭޕާލުން ނަތީޖާ ނެރުނީ އެވެ.

ރާއްޖެ މިއަދުގެ މެޗުން ބަލިވި ނަމަވެސް މިއީ މިފަދަ ބޮޑު މުބާރާތެއްގައި ރާއްޖޭގެ ވޮލީ ޓީމެއް ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ. ފަސް ޓީމު ވާދަކުރާ މި މުބާރާތުގެ ފުރަތަމަ މެޗުން ރާއްޖެ މޮޅުވީ ކިރްގިސްތާނާ ވާދަކޮށް ފޯރިގަދަ ކުޅުމަކަށް ފަހު 3-2 ސެޓުންނެވެ. އެ އަށް ފަހު މުބާރާތް ބާއްވާ ބަންގްލަދޭޝްގެ އިތުރުން އަފްގާނިސްތާންގެ މައްޗަށް ރާއްޖޭން ކުރިހޯދީ ސީދާ ތިން ސެޓުންނެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ސެޓު ރާއްޖެއިން ފެށީ ވަރުގަދަޔަށެވެ. ތިން ޕޮއިންޓްގެ ލީޑަކާ އެކު ފަށައިގެން ހަތް ޕޮއިންޓާ ހަމައަށް ދިޔަ އިރު ވެސް ރާއްޖެ ލީޑު ކުރި އެވެ. ނަމަވެސް އެހިސާބުން ނޭޕާލްގެ ކުޅުން ރަނގަޅުކޮށް ރާއްޖެ ހަތް ޕޮއިންޓްގައި ބާއްވާފައި 17 އާ ހަމައަށް ޕޮއިންޓް ނަގާލި އެވެ. އެހިސާބުން ރާއްޖެ ކޮންމެސް ވަރަކަށް ކުޅުން ރަނގަޅު ކުރި ނަމަވެސް ނޭޕާލުން އެ ގެންދިޔަ ގޮތަށް ގޮސް ސެޓު ގެންދިޔައީ އެވެ. އެ ސެޓު އެ ޓީމުން ކާމިޔާބު ކުރީ 25-13 އިންނެވެ.

ފުރަތަމަ ސެޓުން ލިބުނ ހިތްވަރާ އެކު ނޭޕާލުން ދެވަނަ ސެޓު ފެށީ ވަރުގަޔަށެވެ. އެ ސެޓުގެ ފުރަތަމަ ކޮޅު ރާއްޖެއިން ނޭޕާލާ ވާދަވެރިކޮށް ޕޮއިންޓްތައް ނެގުމަށް މަސައްކަތް ކުރި އެވެ. ނަމަވެސް ތިން ވަނަ ޕޮއިންޓާ ހަމައިން ވާދަވެރިކަން ގެއްލި ނޭޕާލް ވަނީ ފަރަގު ބޮޑުކޮށް އެ ސެޓު ވެސް ފަސޭހަކަމާ އެކު ގެންގޮސްފަ އެވެ. އެ ސެޓު ނޭޕާލް ކާމިޔާބު ކުރީ 12-25 އިންނެވެ.

ފަހު ސެޓު ފެށިގޮތަށް ނޭޕާލް އެއްވެސް ދުލެއް ނުދީ ރާއްޖޭގެ ކުޅުންތެރިންގެ ބޯ މަތިން ބޯޅަތައް އޮއްސާ، އުކަމުން ދިޔަ އިރު ރާއްޖެ ކުޅުންތެރިންގެ ފަރާތުން ފެނުނީ މެޗު ދޫކޮށްލައިގެން ތިބި މަންޒަރެވެ. ނޭޕާލް ކުޅުންތެރިން ވަރުގަދައަށް އެޓޭކް ކުރި އިރު ރާއްޖެއަށް އެ ފެންވަރުގައި ޑިފެންސް ނުކުރެވުމުން އެ ސެޓު ވެސް ފަސޭހަކަމާ އެކު ނޭޕާލުން ނިންމާލީ 25-8 އިން ސެޓު ކާމިޔާބުކޮށްގެންނެވެ.

ގައުމީ ޓީމު މި މުބާރާތަށް ތައްޔާރުވީ ކޯޗު އަހުމަދު އަދީލް (ބޭބެ)ގެ އިރުޝާދުގެ ދަށުންނެވެ. އެކަމަކު މުބާރާތުގައި ޓީމަށް ބެންޗުގައި އިރުޝާދު ދިނީ ބޭބެގެ އެހީތެރިކަމާ އެކު އެސިސްޓަންޓް ކޯޗު މުހައްމަދު ފައިސަލް އެވެ. ބޭބެ އަށް ބެންޗުގައި އިނދެ ޓީމަށް އިރުޝާދު ނުދެވެނީ މުބާރާތަށް ފޮނުވި ދެ ޓީމު ލިސްޓުގެ ތެރެއިން އޭވީސީން ބަލައިގަތް ޓީމު ލިސްޓުގައި ކޯޗެއްގެ ގޮތުގައި ބޭބެގެ ނަން ނެތުމުންނެވެ.

comment ކޮމެންޓް