ގުރޫޕް ސްޓޭޖް ފަހު މެޗު ރާއްޖެއިން ފަސޭހަކޮށްލުމުން އެއްވަނަ ނޭޕާލަށް

ސެންޓްރަލް ޒޯން އަންހެން ވޮލީ މުބާރާތުގައި ރާއްޖެ ކުޅުނު މެޗެއްގެ ތެރެއިން --- ފޮޓޯ// ދާކާޓްރިބިއުން

ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ އޭވީސީ ސީނިއާ ވިމެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ގުރޫޕް ސްޓޭޖް ފަހު މެޗުގައި ރާއްޖެއިން މެޗު ފަސޭހަކޮށްލުމުން ނޭޕާލް އެއްވަނައިގައި އޮވެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ޑާކާގެ ޝަހީދު ސުރަވާރުދީ އިންޑޯ ސްޓޭޑިއަމްގައި މިއަދު ކުޅުނު އެ މެޗުން ނޭޕާލް ރާއްޖޭގެ މައްޗަށް ކުރި ހޯދީ ސީދާ ތިން ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. މި މެޗުން ބަލިވި ނަމަވެސް ރާއްޖެ ވަނީ ވޭތުވެ ދިޔަ ތިން މެޗު ކާމިޔާބުކޮށް ފައިނަލުގެ ޖާގައެއް ކުރިން ވެސް ކަށަވަރު ކޮށްފައެވެ. ފައިނަލުގައި ވެސް މި ދެ ޓީމުގެ ކުރިމަތިލުމެއް އޮތުމުން ރާއްޖެ މެޗަށް ނުކުތީ ވެސް މި މެޗަކީ ފައިނަލަށް ޕްރެކްޓިސް މެޗެއްގެ ގޮތުގައި ދެކިގެންނެވެ.

މެޗުގެ ސެޓުތައް ނޭޕާލުން ގެންދިޔައީ 25-14، 25-05 އަދި 25-13 އިންނެވެ. މި މެޗުގައި ނޭޕާލާއި ރާއްޖޭންވެސް ކުޅުނީ ގިނަ ބަދަލުތަކެއް ގެނެސްގެން ގިނަ ކުޅުންތެރިންނަށް ފުރުސަތު ދީގެންނެވެ. ނަމަވެސް އެ މެޗުގައި ނޭޕާލްގެ ފަރާތުން ފެނުނީ ވަރުގަދައަށް އެޓޭކު ކުރި މަންޒަރެވެ. މި މެޗުން ލިބުނު ފިލާވަޅާ އެކު މާދަމާ އޮންނަ ފައިނަލަށް ރާއްޖެއިން ރަނގަޅަށް ތައްޔާރުވާން ޖެހެއެވެ.

ފަސް ޓީމު ވާދަކުރާ މި މުބާރާތުގެ ފުރަތަމަ މެޗުން ރާއްޖެ މޮޅުވީ ކިރްގިސްތާނާ ވާދަކޮށް ފޯރިގަދަ ކުޅުމަކަށް ފަހު 3-2 ސެޓުންނެވެ. އެއަށްފަހު މުބާރާތް ބާއްވާ ބަންގްލަދޭޝްގެ އިތުރުން އަފްގާނިސްތާންގެ މައްޗަށް ރާއްޖޭން ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. މިއީ އަންހެން ވޮލީ މުބާރާތެއްގައި ރާއްޖެ މިހާ ބޮޑު ކާމިޔާބީއެއް ހޯދި ފުރަތަމަ ފަހަރެވެ. މިފަހަރު ޓީމު ރާއްޖެ އަންނާނީ ރިހި ނޫނީ ރަން މެޑަލް ކަރަށް މަހާލައިގެންނެވެ.

ގައުމީ އަންހެން ވޮލީ ޓީމު ފަހަކަށް އައިސް ރަނގަޅު ކުރިއެރުންތަކެއް ހޯދަމުން އަންނައިރު، މި މުބާރާތަށް ޓީމު ތައްޔާރުވީ ކޯޗު އަހުމަދު އަދީލް (ބޭބެ) އިރުޝާދުގެ ދަށުންނެވެ. ގައުމީ އަންހެން ޓީމުގައި ހިމެނޭ ބައެއް ކުޅުންތެރިން ވަނީ ދާދި ފަހުން ބޭބެގެ އިރުޝާދުގެ ދަށުން ލަންކާގައި އޮތް މުބާރާތެއްގައި ކްލަބް ވެމްކޯ ޓީމަށްވެސް ކުޅެފައެވެ.

ރާއްޖެއިން ވަނީ އަންނަ ފަހަރު މި މުބާރާތް ބޭއްވުމަށް ކުރި ބިޑު ކާމިޔާބު ކޮށްފަ އެވެ. މާދަމާ ކުޅޭ ފައިނަލް ފަށާނީ ރާއްޖެ ގަޑިން މެންދުރު ދޭއް ޖަހާއިރު އެވެ.

comment ކޮމެންޓް