ސަރުކާރުން ކުރާ ބައެއް ވިޔަފާރިތައް އާންމުންނަށް ދޫކޮށްލާނެ: އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: ސަރުކާރުން ވިޔަފާރީއާ ދުރުވެ ޕްރައިވެޓް ސެކްޓާރއަށް ދޫކޮށްލާނެ ކަމަށް ވިދާޅުވި --- ފައިލް ފޮޓޯ/ މަޖިލިސް

ސަރުކާރުން ވިޔަފާރީކުރުން މަދުކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން ކުރާ ބައެއް ވިޔަފާރިތައް އަންނަ އަހަރުގެ ތެރޭގައި އާންމު ފަރާތްތަކަށް ދޫކޮށްލާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސް މަރުހަލާގައި މަޖިލީހުގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ، ސަރުކާރުގެ ކުންފުނިތައް ބަހާފައި ވަނީ ދެ ބަޔެކަށް ކަމަށާއި އެއީ އާންމުންނަށް ކޮންމެހެން މުހިންމު ހިދުމަތް ދޭ ކުންފުނިތަކާއި ސަރުކާރު ހިއްސާ ވެގެން ވިޔަފާރީ ކުރާ ކުންފުނިތައް ކަމަށެވެ.

އެގޮތުން ހިދުމަތް ދޭ ކުންފުނިތައް ބެހެއްޓުމަށް ފަހު، ވިޔަފާރި ކުރާ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމުގެ ވިސްނުން އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއީ އަންނަ އަހަރުގެ ތެރޭ ކުރާނެ މަސައްކަތެއް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސަރުކާރުގެ މެނިފެސްޓޯގެ ވައުދެއް އެއީ ސަރުކާރުން ވީހާ ވެސް ބޮޑަކަށް ވިޔަފާރީގައި އުޅޭ އުޅުން މަދުކޮށް ޕްރައިވެޓް ސެކްޓާއަށް އެކަން ދޫކޮށްލުން. އެމަސައްކަތް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އަހަރުގައި އަޅުގަނޑުމެން ކުރަމުން ގެންދާނަން،" އަމީރު ވިދާޅުވި އެވެ.

ކުންފުނިތައް ޕްރައިވަޓައިޒްކޮށްގެން ލިބޭ އާމްދަނީ ބަޖެޓުން ފެންނަން ނެތީ އެކަމާ ގުޅޭ ދިރާސާތައް އަދި ނުނިމޭތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން، ޕްރައިވެޓް ސެކްޓާއަށް ދުކުރެވޭނީ ކޮންކޮން ވިޔަފާރިތަކެއްތޯ ބަލަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މަޖިލީހުގެ މިހާރުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ދިރާގާއި ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ ބައެއް ހިއްސާތައް ބޭރުގެ ފަރާތްތަކަށް ވިއްކާލި އެވެ.

މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ ސަރުކާރުން ކުރާ ވިޔަފާރިތައް ޕްރައިވެޓް ސެކްޓަރަށް ދޫކޮށްލުމަކީ މި ސަރުކާރުގެ ސިޔާސަތަކަށް ވާން ޖެހޭ ކަމަށެވެ. އަދި އެ ސިޔާސަތުގެ ސަބަބުން ދައުލަތަށް އިތުރު އާމްދަނީ ހޯދޭނެ ކަމަށް ވެސް އީވާ ވިދާޅުވި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ގޮތަށް އުފައްދާފައިވާ އެސްޓީއޯގެ ބައެއް ބޮޑެތި ވިޔަފާރީތައް ހުއްޓާލައި އެ ވިޔަފާރީތައް ކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވައުދުވެވަޑައިގެންފަ އެވެ.

comment ކޮމެންޓް