ގައުމީ ޓީމުގެ އިސްތިހާރު ބޯޑުތައް ހިލޭ ޖެހުމުގެ ހުއްދަ ދީފި

ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

ގައުމީ ފުޓުބޯޅަ ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ވޯލްޑް ކަޕާއި އޭޝިއަން ކޮލިފައިންގެ ދެ މެޗު ނިމެންދެން އިސްތިހާރު ބޯޑުތައް މާލޭގައި މުޅިން ހިލޭ ބެހެއްޓުމުގެ ހުއްދަ ކައުންސިލުން ދީފައިވާ ކަމަށް މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ބުނެފި އެވެ.

ކުރިއަށް އޮތް ދެ މެޗަށް ފޯރި އިތުރު ކުރުމުގެ ގޮތުން ސަރުކާރާއި އެފްއޭއެމް އަދި ސިޔާސީ ޕާޓީތައް ވެސް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު ގިނަ އާއްމުންގެ ފަރާތްތަކުން ވެސް އަންނަނީ އެކަމަށް އެއްބާރުލުންދީ އަލުން އަނބުރާ ގައުމީ ފޯރި ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މުޅި މާލޭގެ އެކި ހިސާބުތަކުގައި ގައުމީ ޓީމުގެ ބޮޑެތި ބިލް ބޯޑުތަކެއް ވެސް ވަނީ ހަރުކޮށްފަ އެވެ.

މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމީ ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން މުޅިން ހިލޭ އިސްތިހާރު ކުރުމުގެ ހުއްދަ ކައުންސިލުން ދީފައިވާ ކަމަށެވެ.

ގައުމީ ޓީމަށް ހިތްވަރުދީ ސަޕޯޓަރުންގެ ފޯރި އިތުރު ކުރުމަށް ޓަކައި މިހާތަނަށް ގައުމީ ޓީމަށް ލަފާ ދޭ ކޮމިޓީގެ އިސްނެންގެވުމާ އެކު ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. އެގޮތުން ރައްޔިތުން މަޖިލީހުގެ ޓީމަކާއި ރައީސް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ކެޕްޓަންކަން ކުރެއްވި ޓީމަކާ ދެމެދު ރަހުމަތްތެރިކަމުގެ މެޗެއް ވެސް ވަނީ ކުޅެފަ އެވެ. އަދި ކުރީގެ ލެޖެންޑުންނާ އެކު "މަވެސް ދާނަން" މި ނަމުގައި ބޮޑު ކެމްޕޭނެއް ވެސް ފަށާފައިވާ އިރު ގައުމީ ޓީމުގެ އައު ލަވައަކާއި ޓީމު ކުޅުންތެރިންގެ މައުލޫމާތު ހިމެނޭ ސަޕްލިމެންޓެއް ވެސް ވަނީ އިއްޔެ ލޯންޗު ކޮށްފަ އެވެ.

ނަމަވެސް މި ފަހަރުގެ ދެ މެޗުގައި ވެސް ދަނޑުން ލިމިޓް ސީޓުތަކެއް ލިބެން ހުރުމާ އެކު ވީހާ ވެސް ގިނަ ސަޕޯޓަރުންތަކެއް މީގައި ޝާމިލް ކުރުމުގެ މަގުސަދުގައި މަޖީދީމަގު ބަންދުކޮށް ބޮޑު ސްކްރީނުން މެޗު އަޅުވާ ގޮތަށް މިހާރު ވަނީ ހަމަޖެހިފަ އެވެ.

ކޮލިފައިންގައި ރާއްޖެ މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު އޭގެތެރެއިން މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ. އެއީ ގައުމުން ބޭރުގައި ގުއާމް އަތުން 0-1 އިން މޮޅުވި މެޗެވެ. އޭގެ ފަހުން މާލޭގައި ޗައިނާ އަތުން 0-5 އިން ބަލިވި އިރު، ޔޫއޭއީގައި ސީރިއާއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ.

މާދަމާ ހަވީރު 4:00ގައި ފިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗަށް ފަހު، މިމަހުގެ 19 ވަނަ ދުވަހު ރާއްޖެ ނުކުންނަން ޖެހޭނީ ގުއާމްއާ ދެކޮޅަށެވެ. މި ދެ މެޗަށް ތައްޔާރުވުމުގެ ގޮތުން ދިވެހި ޓީމް މިފަހަރު ކޭމްޕު ކޮށްފައި ވަނީ މެލޭޝިއާގަ އެވެ.

comment ކޮމެންޓް