ކުޅިވަރު ކަވަރު ކުރާ ނޫސްވެރިންނަށް ފުރުސަތުތައް އިތުރު ކުރަނީ

ޓުއަރިޒަމް މިނިސްޓަރު އަދި ގައުމީ ޓީމުގެ އެޑްވައިޒަރީ ކޮމިޓީ ޗެއާމަން އަލީ ވަހީދު --- ފޮޓޯ// އެފްއޭއެމް

ރާއްޖޭގައި ކުޅިވަރާ ބެހޭ ނޫސްވެރިކަން ކުރާ ޖާނަލިސްޓުންނަށް އަންނަ އަހަރު ފެށުމާ އެކު ތަމްރީން ހެދުމުގެ ފުރުސަތުތައް އިތުރު ކުރަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަދި ގައުމީ ޓީމަށާއި ފުޓުބޯޅަ އިދާރައިގެ އެކްސްކޯއަށް ލަފާ ދޭ ކޮމިޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އިއްޔެ ހަވީރު މާފަންނު ޓާފުގައި ކުރިއަށް ދިޔަ ގައުމީ ޓީމު ކުޅުންތެރިންގެ މައުލޫމާތު ހިމެނޭ ސަޕްލިމެންޓާއި ގައުމީ ޓީމުގެ އޮފިޝަލް ލަވަ ލޯންޗު ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވަނީ ރާއްޖޭގެ ކުޅިވަރު ނޫސްވެރިން ކުރަމުން އަންނަ ބުރަ މަސައްކަތަށް ތައުރީފްކޮށް ވާހަކަފުޅު ދައްކަވައިފަ އެވެ. އެގޮތުން އޭނާ ވަނީ އެ ނޫސްވެރިންނަށް މިހާރު ހުރި ފުރުސަތުތައް އިތުރު ކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

އަލީ ވަހީދު ގައުމީ ޓީމު ކޮމިޓީގެ ޗެއާމަން ކަމާ ހަވާލުވުމަށް ފަހު ފުރަތަމަ ކަމަކަށް ކުރެއްވި ކަމަކީ ވެސް ރާއްޖޭގެ ކުޅިވަރު ނޫސްވެރިންނާ ބައްދަލު ކުރެއްވުމެވެ. އެގޮތުން އެފްއޭއެމް ހައުސްގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި އޭނާ ވަނީ ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވައި އެކަންކަން ހައްލު ކުރުމަށް ކުރެވޭނެ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.

އިއްޔެ ގައުމީ ޓީމުގެ ކުޅުންތެރިންގެ މައުލޫމާތު ހިމެނޭ ގޮތަށް ލޯންޗު ކުރި ސަޕްލިމެންޓަކީ ވަކި މެޗަކާ ގުޅުވައިގެން ރާއްޖޭގައި މިގޮތަށް ނެރުނު ފުރަތަމަ ސަޕްލިމެންޓެވެ. މި ސަޕްލިމެންޓުގައި އަލިއަޅުވާލާފައިވާ ބައެއް މައުލޫތަކަށް ބަލާ އިރު ސަރަހައްދީ ފުޓުބޯޅައިގައި ރާއްޖެ އޮތް ހާލަތާއި ސަޕޯޓަރުން ގައުމީ ޓީމާ އެކު ތިބުމުގެ މުހިންމުކަމާއި ގައުމީ ޓީމުން އަބަދުވެސް ދިވެހިންގެ ލެޔާ ކުޅެލާ ވާހަކަތަކުގެ އިތުރުން ފަހު ދެ މެޗުގައި ރާއްޖެ ބަލިވި ސަބަބުތައް ހިމެނެ އެވެ.

އަަދި ގައުމީ ޓީމަށް ކުރިން ކެޕްޓަންކަން ކޮށްދީފައި ތިބި ބޭފުޅުންގެ ބަސްކޮޅުތަކާއި ޓީމުގެ އެންމެ ދޮށީ ކުޅުންތެރިޔާއާއި ހަގު ކުޅުންތެރިޔާގެ ހާއްސަ މައުލޫމާތުކޮޅެއް ވަނީ ހިމަނައިފަ އެވެ. އެއާ އެކު ގައުމީ ޓީމުގައި ހިމެނޭ ކޮންމެ ކުޅުންތެރިއެއްގެ މައުލޫމާތު ވެސް އެ ސަޕްލިމެންޓުގައި ކުރުގޮތަކަށް ވަނީ ހިމަނާފައިވެ އެވެ.

އަށް ސޮފުހާ ހިމެނޭ މި ސަޕްލިމެންޓް ލިޔެ ތައްޔާރުކޮށްފައި ވަނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅެތި ކުޅިވަރުގެ ނޫސްވެރިންގެ ޓީމަކުންނެވެ. އެގޮތުން ނޫސްވެރިކަމުގެ ގައުމީ އިނާމު ހާސިލްކޮށްފައިވާ މުހައްމަދު ޝަހީބާއި، މޫސާ ލަތީފު، އިމާދު ލަތީފު އަދި ހަސަން އާމިރުގެ އިތުރުން މުހައްމަދު ހަމްދޫންގެ ލިޔުންތައް މި ސަޕްލިމެންޓުގައި ހިމަނާފައިވެ އެވެ.

"މިކަމުގައި އިސްކޮށް އުޅުއްވީ އަޅުގަނޑުމެން ކުޑައިރު ދަނޑަށް ދާއިރު ވެސް އާޓިކަލްތައް ލިޔުއްވި މުހައްމަދު ޝަހީބް. އަޅުގަނޑު ދެކޭ ގޮތުގައި މިއީ ރަނގަޅު ފެށުމެއް. މިކަމަށް ސަޕޯޓަރުންގެ ފަރާތުން ލިބޭ ތަރުހީބަށް ބަލައި، ކުރިއަށް އޮތް ސީޒަނުގައި އަޅުގަނޑުމެން ހަދާ މާސްޓާ ޕްލޭންގައި ގައުމީ ޓީމު ކުޅޭ މެޗުތަކުގައި މީގެ ސަޕްލިމެންޓް ބޭނުން ކުރުމަކީ އަޅުގަނޑުމެން ވިސްނާނެ ކަމެއް،" އަލީ ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ދާދި ފަހުން ސްޕެއިނަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގެ ނޫސްވެރިން ވަނީ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ލަ ލީގާގެ މެޗެއް ސްޓޭޑިއަމުގައި ތިބެގެން ކަވަރު ކޮށްފައި ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ރާއްޖެއަށް ބޭރުގެ ނޫސްވެރިން ތަމްރީން ކުރުމަށްޓަކައި ގެނެސްދޭނަން. އަދި ރާއްޖޭގެ ނޫސްވެރިން މިހާރަށް ވުރެން ގިނައިން މިކަމުގެ ތަމްރީންތަކަށް ބޭރަށް ފޮނުވައިދޭނަށް މި ފެށޭ އަހަރުގެ ޕްލޭނާ އެއްގޮތަށް."

comment ކޮމެންޓް