ބޭންކްރަޕްސީ އަދި އިންސޮލްވެންސީ ގާނޫނެއް އެކުލަވާލަނީ

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް-- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މާލީ މައްސަލަތަކަށް ދިގުދެމިގެންދާ ދިއުމަށް ނިމުމެއް ގެނެސް، އަވަސް ހައްލެއް ހޯދައިދިނުމަށްޓަކައި 2020 ވަނަ އަހަރު ބޭންކްރަޕްސީ ޤާނޫނަކާއި އިންސޮލްވެންސީ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް މިރޭ ބީއެމްއެލްއިން ހުޅުވި ބިޒްނަސް ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ ރާއްޖޭގެ މާލީ ދާއިރާއަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.

މީގެ ކުރިން ބީއެމްއެލްގެ ވަކީލެއްގެ ހައިސިއްޔަތުން ކުރެއްވި ތަޖުރިބާތަކުގެ އަލީގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ ކޯޓުތަކުގައި އެގްރިމަންޓްތައް ތަންފީޒު ކުރުމަށް ދަތިތަކެއް ދިމާވާ ކަމަށެވެ.

ހަމައެއާއެކު ރަހުނު ވިއްކާ ނުލެވި ދިގުދެމިގެން ގޮސް، ބޭންކާއި ލޯނު ނަގާ ފަރާތާއި މޯގޭޖް ކުރާ ފަރާތުގެ އިތުރުން ގެރެންޓަރު ވެސް އެކަމުގެ ތެރޭގައި ތާށިވެގެން އެތައް ދުވަހެއް ވަންދެން އުޅޭ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް-- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

"އަޅުގަނޑުމެން އިރާދަކުރެއްވީ މި އަންނަ އަހަރުގެ ކުރީކޮޅުގައި އިންސޮލްވެންސީ އެކްޓަކާ ބޭންކްރަޕްޓްސީ އެކްޓެއް މަޖިލީހަށް ހުށަހަޅާނަން. އޭގެ ސަބަބުން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިދެންނެވި ކަހަލަ ޒަމާންވީ، ދުވަސްވީ ކަންކަމަށް ހައްލެއް ލިބިގެންދާނެ،" މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ އެ ގާނޫނުތައް ވުޖޫދުވުމުން ގިނަ ދުވަސްތަކެއް ވަންދެން ނުނިމި ހުންނަ މައްސަލަތައް ކޮންމެވެސް އެއްގޮތަކަށް ނިމޭނެ ކަމަށެވެ.

ލޯނު ނަގާ ފަރާތްތަކާއި ލޯނު ނުދެއްކޭ ފަރާތްތަކުގެ އިތުރުން ބޭންކްތަކާއި އިންވެސްޓަރުންނަށް އެ ގާނޫނުތަކުގެ ސަބަބުން ޔަގީންކަމެއް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް