ސިޑިބަރިތައް ހުޅުވުމަށް ހުއްދަ ނުލިބުމުން މިފަހަރުވެސް ވިއްކަނީ 3،000 ޓިކެޓް

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާއި އޮމާން ބައްދަލުކުރި މެޗުގެ ތެރޭން: އެ މެޗުން ރާއްޖެ ބަލިވީ 3-1 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ވޯލްޑްކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި އަންނަ ބުރާސްފަތި ދުވަހު ދިވެހިރާއްޖެއާއި ފިލިޕީންސް ވާދަކުރާ މެޗަށް، ރަސްމީ ފުޓްބޯޅަ ދަނޑުގައި ބަންދުކޮށްފައި އޮތް ސިޑިބަރިތައް ބޭނުންކުރުމަށް ހުއްދަ ނުލިބުމުން އެ މެޗުގައިވެސް ސަޕޯޓަރުން ވިއްކުމަށް ހަމަޖެހިފައިވަނީ 3،000 އެއްހާ ޓިކެޓުކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ސިޑި ބަރިތަކުގައި ރެނދުލުމުގެ ސަބަބުން ގަލޮޅު ދަނޑުގެ ސަހަރާއާއި ވީ ސިޑިބަރިޔާއި އިރުމަތީ ފަރާތު ސިޑިބަރި ވަނީ މިއަހަރު ކުރީކޮޅު މަރާމާތު ކުރުމަށް ބަންދުކޮށްފައެވެ. އެހެން ނަމަވެސް އަދިވެސް އެ ސިޑިބަރިތައް މަރާމާތު ކުރުމުގެ މަސައްކަތް ނުނިމޭތީ އެންމެ ފަހުން ވޯލްޑްކަޕު ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ދޫކޮށްފައި ވަނީ 3،500 ޓިކެޓެވެ. ގަލޮޅު ދަނޑުގެ އަސްލު ކެޕޭސިޓީ އަކީ 8،000 ސީޓެވެ.

ޓިކެޓް ވިއްކުމަށް އެފްއޭއެމް ޓާފުގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން --- އެފްއޭއެމް

އެހެން ނަމަވެސް މި މަހު އޮންނަ ދެ މެޗަށް ސަޕޯޓަރުން އިތުރު ކުރުމަށް އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އަޑިން ތަނބު ވިއްދައިގެން ނަމަވެސް އެއް ސިޑިބަރި ބޭނުން ކުރެވޭނެ ގޮތެއް ވޭތޯ ބެލުމަށް އެފްއޭއެމްއިން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް އެމްއެންޑީއެފްއިން އެކަމަށް ހުއްދަ ނުދިނުމުން މިފަހަރުގެ ދެ މެޗަށްވެސް ދަނޑަށް ވެއްދޭނީ 3،000 އެއްހާ ސަޕޯޓަރުންނަށް ކަމަށް އެފްއޭއެމްއިން ބުނެއެވެ.

"އަޅުގަނޑުމެންގެ ގައުމީ ޓީމަށް ލަފާ ދޭ ކޮމިޓީގެ ޗެއާމަން އިސްނަންގަވައިގެން ގަލޮޅު ދަނޑުގެ ސިޑިބަރިތައް ހުޅުވޭނެ ގޮތެއް ވޭތޯ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ. އެހެން ނަމަވެސް ފަހު ވަގުތު އެކަމަށް ހުއްދު ލިބޭ ގޮތެއް ނުވި. އެހެން ކަމުން އަންނަ މެޗުގައިވެސް ލިބިގެންދާނީ 3،200 ޖާގަ،" ގައުމީ ޓީމު ކުޅުންތެރިން ހިމެނޭ ސަޕްލިމެންޓަކާއި ގައުމީ ޓީމުގެ އޮފިޝަލް ލަވަ ލޯންޗް ކުރުމަށް މިއަދު ހަވީރު އެފްއޭއެމް ޓާފުގައި ބޭއްވި ރަސްމިއްޔާތުގައި ބައްސާމް ވިދާޅުވި އެވެ.

ގަލޮޅު ދަނޑަށް ލިމިޓެޑް ޖާގައެއް އޮތް ނަމަވެސް ދަނޑާ ދިމާ މަޖީދީމަގުގައި ބޮޑު ސްކްރީނެއް ހަރުކުރެވިގެން މެޗު ބެލުމުގެ އިންތިޒާމު ފަހިވާނެކަމަށް ގައުމީ ޓީމަށް ލަފާދޭ ކޮމިޓީގެ ޗެއާމަން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، ދަނޑުގެ ސިޑިބަރިތައް ނުހުޅުވޭތީ ދަނޑުން މަދު ޖާގައެއް ލިބިގެން ދިޔަ ކަމުގައި ވިޔަސް ބޭރުގައި ތިއްބަވައިގެން ވެސް ދަނޑަށް އަޑު އިވޭ ވަރަށް ސަޕޯޓު ކުރަން ޖެހޭނެ ކަމަށެވެ. އަދި މެޗު އޮންނަ ދުވަހު މެންދުރު ނަމާދު ކޮށްގެން ދެން ކެއުމުގެ ކަންތަކާއި އެހެނިހެން ކަންތައްވެސް އޮންނާނީ މަޖީދީމަގުގައި ކަމަށެވެ.

"ބޭރުގެ ގައުމުތަކުގައި ވެސް ހަތަރެއް ޖަހާއިރު މެޗު ފަށަންޏާ، ދޭއް ޖަހާ އިރަށް ދަނޑު ހުޅުވާނެ. އަޅުގަނޑުމެން ކުޑަ އިރު ޓިއުޝަން ކަޓުވާލައިފައި ގޮސް މެޗު ބަލަން ދާ އިރު ލިބޭ ބަދަން ޕެކެޓުވެސް ލިބޭނެ ގޮތް ހެދުމަށް އިވެންޓް މެނޭޖްމެންޓް ޓީމަށް ވާނީ އަންގާފައި،" އަލީ ވަހީދު ވިދާޅުވިއެވެ.

ޓިކެޓު ވިއްކުން އެހެން ފަހަރުތަކާ ހިލާފަށް މިފަހަރު އެފްއޭއެމްގެ ޓާފުގައި އޮންނަ އިރު މިހާރުވެސް ދަނީ ފޯރިއާއެކު ޓިކެޓު ވިއްކުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ޓިކެޓުގެ އިތުރުން ގައުމީ ޓީމުގެ ޖާޒީވެސް ގަނެވެން އެ ސަރަހައްދުގައި ހުންނަ އިރު ޓިކެޓު ގަންނަ ކޮންމެ ފަރާތަކަށް ގައުމީ ޓީމުގެ ކުޅުންތެރިންނާ ބެހޭ ހާއްސަ ސަޕްލިމެންޓެއްވެސް ލިބޭނެއެވެ.

އަންނަ ބުރާސްފަތި ދުވަހު އޮންނަ މެޗަށް 3،200 ޓިކެޓު ދޫކުރާ އިރު އޭގެ ތެރެއިން 200 ޓިކެޓް ފިލިޕީންސަށް ދޭންޖެހެއެވެ. ތިން ހާސް ހަމަވުމަށްފަހު ބާކީ ހުންނަ ސީޓުތައް ދޭން ހަމަޖެހިފައި ވަނީ ކުރީގެ ފުޓުބޯޅަ ކުޅުންތެރިންނަށާއި މިހާރުގެ ކުޅުންތެރިންގެ އާއިލާތަކަށެވެ.

ކޮލިފައިންގައި ރާއްޖެ މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު އޭގެތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ ގައުމުން ބޭރުގައި ގުއާމް އަތުން 0-1 އިން މޮޅުވި މެޗެވެ. އޭގެ ފަހުން މާލޭގައި ޗައިނާ އަތުން 0-5 އިން ބަލިވިއިރު، ޔޫއޭއީގައި ސީރިއާއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ.

އަންނަ ބުރާސްފަތި ދުވަހު ހަވީރު 4:00 ގައި ފިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު، މިމަހުގެ 19 ވަނަ ދުވަހު ރާއްޖެ ނުކުންނަން ޖެހޭނީ ގުއާމްއާ ދެކޮޅަށެވެ. މި ދެ މެޗަށް ތައްޔާރުވުމުގެ ގޮތުން ދިވެހި ޓީމް މިފަހަރު ކޭމްޕު ކޮށްފައިވަނީ މެލޭޝިއާގައެވެ.

comment ކޮމެންޓް