ޔާމީން ސަރުކާރަށް ވުރެ މި ސަރުކާރުގެ ސިޔާސީ މުވައްޒަފުން 69 ޕަސެންޓް އިތުރު

ކެބިނެޓް ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް

ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ވުރެ މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 69 ޕަސެންޓް އިތުރުވެ އެ މީހުންގެ މުސާރަ އާއި އިނާޔަތްތަކަށް އަންނަ އަހަރު 331.2 މިލިއަން ރުފިޔާ ހަރަދުވާނެކަން ހާމަވެއްޖެ އެވެ.

އަންނަ އަހަރަށް މަޖިލީހަށް ހުށަހަޅާފައިވާ 2020 ގެ ބަޖެޓްގައިވާ ގޮތުގައި، އަންނަ އަހަރު ސިޔާސީ މުވައްޒަފުންގެ ގޮތުގައި 785 މުވައްޒަފުން ތިއްބަވާނެ އެވެ. އަދި އެ ބޭފުޅުންގެ މުސާރަ އާއި އިނާޔަތަށް، 331.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބަޖެޓްގައި ވަނީ ލަފާކޮށްފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ދިޔަ ޖުލައި މަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، މިދިޔަ ސަރުކާރު ނިމުނު އިރު ސިޔާސީ މަގާމުތަކުގެ އަދަދު ހުރީ، 465 ގައި ކަމަށެވެ. އަދި ޔަގީންކަން ދެއްވީ އެއަށް ވުރެ މައްޗަށް މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ނުދާނެ ކަމަށެވެ.

އެ ޕްރެސްގައި ރައީސް ސޯލިހު ވިދާޅުވީ؛ "ހަމަގައިމު ވެސް ރައީސް ޔާމީން ސަރުކާރަށް ވުރެ ސިޔާސީ މަގާމުތައް މަދުވާނެ. އެ ޔަގީންކަން ބާއްވާ. އެއަށް ވުރެ މާ ބޮޑަށް ވެސް މަދުކޮށް ބަހައްޓާނެ" ކަމަަށެވެ.

މި ސަރުކާރުގެ ސިޔާސީ މަގާމުތައް ރައީސް ޔާމީންގެ ސަރުކާރަށް ވުރެ އިތުރުވި ސަބަބާ ގުޅޭ ގޮތުން، ކޮމެންޓެއް ހޯދުމަށް ގުޅި ނަމަވެސް ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު ފޯނެއް ނުނަންގަވަ އެވެ.

ސިޔާސީ މުވައްޒަފުން އެންމެ ގިނައީ ރައީސް އޮފީހުގަ އެވެ. ބަޖެޓްގެ ތަފާސް ހިސާބުގައިވާ ގޮތުގައި، އެ އޮފީހުގައި 377 ސިޔާސީ މުވައްޒަފުން އެބަތިއްބެވެ. އަދި 65 ކޮންޓްރެކްޓް މުވައްޒަފުންނާއި އެހެނިހެން މުވައްޒަފުންގެ ގޮތުގައި ތިބި 12 މުވައްޒަފުންނާ އެކު ރައީސް އޮފީހުގެ މުވައްޒަފުންގެ އަދަދު 465 އަށް އަރަ އެވެ.

ދެން އެންމެ ގިނަ ސިޔާސީ މުވައްޒަފުން މަސައްކަތް ކުރަނީ ހެލްތު މިނިސްޓްރީގަ އެވެ. އެ މިނިސްޓްރީގެ ދަށުގައި 109 ސިޔާސީ މުވައްޒަފުން މަސައްކަތް ކުރާކަމަށް ތަފާސް ހިސާބުތަކުގައިވެ އެވެ. ފޮރިން މިނިސްޓްރީގައި 86 ސިޔާސީ މުވައްޒަފުން މަސައްކަތް ކުރައްވަ އެވެ.

ބަޖެޓްގައިވާ ގޮތުގައި ސިޔާސީ މުވައްޒަފުންނާއި ސިވިލްސާވެންޓުންނާއި ޔުނީފޯމް ބޮޑީތަކުގެ މުވައްޒަފުންނާ އެކު އަންނަ އަހަރު ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ޖުމްލަ 8.7 ބިލިއަން ރުފިޔާ ހަރަދުވާނެ އެވެ. ސަރުކާރު ބަޖެޓުން މުސާރަދޭ މުވައްޒަފުންގެ ޖުމްލަ އަކީ 45،835 އެވެ.

ސިޔާސީ މަގާމުތައް މަދުކުރުމަކީ މި ސަރުކާރުގެ ވައުދަކަށް ވާއިރު، ސަރުކާރުންބުނެފައި ވަނީ މިސަރުކާރުން ވެރިކަމަށް އައި އިރު ހުރި ވަރަށް ވުރެ ސިޔާސީ މަގާމުތައް 20-30 ޕަސެންޓް ދަށްކުރާނެ ކަމަށެވެ.

comment ކޮމެންޓް