މެމްބަރުން ގޭގައި ތިއްބަސް ބަހުސަށް ގެންނާނަން: ނަޝީދު

2019 ވަނަ ރައްޔިރުން މަޖިލީހުގެ ޖަލްސާގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

މިހާރު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ބަހުސްގައި ބައިވެރިވުމަށް، މެމްބަރުން ގޭގައި ތިއްބެވި ނަމަވެސް ބަޖެޓް ބަހުސަށް އެ މެންބަރުން ތަޅުމަށް ގެންނަވާނެ ކަމަށް މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބަޖެޓު ބަހުސް ފެށުމުގެ ކުރިން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ބަޖެޓު ބަހުސަށް ކޮންމެ މެމްބަރަކަށް ވެސް ލިބިވަޑައިގަންނަވާނީ 15 މިނެޓު ކަމަށާއި ވަގުތު ޖެހޭ އިރު މަޖިލީހުގެ ތަޅުމުގައި މެމްބަރު ވަޑައިގެން ނެތް ނަމަ، ބަހުސް ކުރުމުގެ ފުރުސަތު ގެއްލޭނެ ކަމަށެވެ.

"މިތާނގައި ވަގުތު ޖެހޭ އިރުގައި ވަޑައިގެން ނެތިއްޔާ ފުރުސަތު ގެއްލޭނެ. ހަނދުމަފުޅު ބަހައްޓަވައްޗޭ. އެހެން ބަހުސްތަކާ މި ބަހުސް ވަރަށް ބޮޑަށް ތަފާތުވާނެ. ކޮންމެ އިއްޒަތްތެރި މެމްބަރަކަށް 15 މިނެޓު ލިބިވަޑައިގަންނަވާނެ. އެއް މެމްބަރަކަށް ފަހު އަނެއް މެމްބަރެއްގެ ނަން އަޅުގަނޑު ދަންނަވަމުން ދާނަން،" ނަޝީދު ވިދާޅުވި އެވެ.

މިއަދުގެ މަޖިލިސް ޖަލްސާ ހަވީރު ފަހެއް ޖަހަންދެން ކުރިއަށް ގެންދަން މިއަދު ވަނީ ފާސްކޮށްފަ އެވެ. ބަހުސްގެ ވަގުތު އިތުރުކުރުމަށް ނެގި ވޯޓުން އެގޮތަށް ފާސްވީ ޖަލްސާއަށް ހާޒިރުވެ ތިއްބެވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

ނަޝީދު ވިދާޅުވީ 87 މެމްބަރުން ބަޖެޓަށް ބަހުސްކުރަން 21 ގަޑިއިރު ބޭނުންވާ ކަމަށެވެ. އެހެންކަމުން ކޮންމެ މެމްބަރަކު ވެސް ބަހުސްގައި ބައިވެރިވެވަޑައިގަތުމަށް ފުރުސަތަށް އެދިވަޑައިގެން ފުރުސަތުގެ ބޭނުން ކުރެއްވުމަށްފަހުގައި ތަޅުން ދޫކުރެއްވުމަށް ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ.

ވަގުތު ޖެހޭ އިރު މެމްބަރަކު ޖަލްސާގައި ނެތް ނަމަ، ދެން ފަހުން ފުރުސަތު ނޭރުވޭނެ ކަމަށާއި އެހެން ނަމަވެސް ކޮންމެ ބޭފުޅަކަށް ވެސް ފުރުސަތު އަރުވަން އެންމެ ބޮޑަށް އެދިވަޑައިގަންނަވާނީ އެމަނިކުފާނު ކަމަށް ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑު ސާޖަންޓް އެޓް އާމްސް ބޭނުންކޮށްގެން އެބޭފުޅާއަށް ދަންނަވައިގެން ތިޔަ އިއްޒަތްތެރި މެމްބަރުން ގޭގައި ތިއްބެވި ނަމަވެސް، ސާޖަންޓް އެޓް އާމްސް އަށް ދަންނަވާނަން ފުރުސަތު ޖެހޭ ގަޑިއަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތިޔަ ބޭފުޅުން މިތަނަށް ގެންނާނަން." ނަޝީދު ވިދާޅުވި އެވެ.

comment ކޮމެންޓް