މިއީ އެންމެ ފުރިހަަމަ ބަޖެޓެއް، ރާއްޖެ ބަދަލުކޮށްލާނެ: މަޖިލިސް ރައީސް

ރައްޔިތުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު --- ފޮޓޯ: މަޖިލިސް

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރަށް ލަފާކުރާ ބަޖެޓަކީ، އެންމެ ފުރިހަމަ ބަޖެޓެއް ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބަޖެޓަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި އެވެ.

ވިހިވިއްސަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ދައުލަތުން ހުށަހަޅާފައިވާ 37.5 ބިލިއަން ރުފިޔާގެ ބެޖެޓުގެ ބަހުސް މިއަދު ވަނީ ފަށައިފަ އެވެ. ބަހުސް ފެށުމުގެ ކުރިން، ރައީސް ނަޝީދު ވަނީ ބަޖެޓާ ގުޅޭގޮތުން ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން މި ބަޖެޓަކީ ވަރަށް ބޮޑު ބަޖެޓެއްކަން ފާހަގަކުރެއްވި އެވެ.

ނަމަވެސް ބަޖެޓުގައި ކޮންމެ ދާއިރާއަކަށް ވެސް ބޮޑު ފައިދާއެއް ލިބޭނެ ގިނަ އަދަދެއްގެ ކަންކަން ހިމަނާފައިވާ ކަމަށާއި "ނެތް ހަމަ އެކައްޗެއް ވެސް ނެތް" ކަމަށް ވިދާޅުވި އެވެ.

"ދެން އިއްޒަތެރި މެމްބަރުންނަށް ވިދާޅުވެވޭނެ ހަރިންމައެއް ނެތޭ. ނުވަތަ އިއްޒަތެރި މެމްބަރަކު ވިދާޅުވެދާނެ އެއްގަމު ތޮށްޓެއް އަނެއްކާ އޮތީ ބޮޑުކުރަން ވެފައޭ. އެހެން ނަމަވެސް އަޅުގަނޑު ވަރަށް ރަނގަޅަށް މި ދަންނަވަނީ އިނގޭތޯ ރާއްޖޭގެ ލޮބުވެތި ރައްޔިތުން 120 މިލިއަން ތީގެން ކޮންމެ ރަށަކަށް އެބަ ހަރަދުކުރޭ މިބަޖެޓުން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ބަޖެޓު އެންމެ ފުރިހަމާ ސަބަބަކީ ލާމަރުކަޒީ ނިޒާމުން ބަޖެޓު ވިސްނާފައި އޮތުން ކަމަށެވެ. އެގޮތުން ބްލޮކް ގްރާންޓުގެ ގޮތުގައި މިހާރު ކައުންސިލްތަކަށް ދެމުންގެންދާ ފައިސާގެ ދެގުނަ، މިހާރު ހުށަހަޅާފައިވާ ބަޖެޓުން ދޭން ކަނޑައަޅާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އަދި ކައުންސިލްތަކަށް އަމިއްލަ އަށް އާމްދަނީ ހޯދުމުގެ އިހްތިޔާރު ލިބިގެންދާނެ ކަންވެސް ފާހަގަކުރެއްވި އެވެ.

"މުޅި ރަށް، ދޭ އެބަ ކައުންސިލްތަކަށް. އަދި ރަށުގައިވާ ހުރިހާ އާމްދަނީއެއް އެހެންވީމަ އެ ކައުންސިލަކަށް އެބަ ހޯދޭ. އަޅުގަނޑު ދަންނަވާނީ މި ބަޖެޓު މިއީ ދިވެހިރާއްޖެ ބަދަލުކުރާނެ ބަޖެޓެއް ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވަނީ ދައުލަތުގެ ބަޖެޓު ބޮޑުވަމުން އައި ގޮތަށް ވެސް އަލިއަޅުވާލައްވައި ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން ދައުލަތުގެ ބަޖެޓު މިލިއަނެއްގެ ރޮނގު ހުރަސްކޮށްފައި ވަނީ 1967 ވަނަ އަހަރު ކަމަށާއި ބަޖެޓު ބިލިއަންގެ ރޮނގު ހުރަސްކޮށްފައިވަނީ 2004 ވަނަ އަހަރުގެ ސުނާމީއަށް ފަހުގައި ކަން ފާހަގަ ކުރެއްވި އެވެ.

ދެހާސް އަށްވަނަ އަހަރު ހަތް ބިލިއަނުގައި ހުރި ބަޖެޓު 37 ބިލިއަނަށް ބޮޑުވެގެން ދިޔައީ 17 ވަނަ ރައްޔިތުންގެ މަޖިލީހުން ޓެކްސް ނެގުމުގެ ގާނޫނުތައް ބަލައިގަތުމުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، 2020ގެ ބަޖެޓަކީ ވަރަށް ފުރިހަމަ ބަޖެޓެއް ކަމަށާއި ބަޖެޓު އޮތް ގޮތަށް ފާސް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ސަރުކާރުން ބުނާގޮތުން 2020 ވަނަ އަހަރަށް ހުށަހެޅި ބަޖެޓަކީ އުންމީދީ ބަޖެޓެކެވެ.

2020 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ދިނުމަށް ވަނީ ހުށަހަޅައިފަ އެވެ.

ބަޖެޓުގައި ބަޔާންކޮށްފައިވާ ގޮތުން އަންނަ އަހަރުން ފެށިގެން ކައުންސިލްތަކަށް ބަޖެޓް ދެމުންއައި އުސޫލު، 'ބްލޮކް ގްރާންޓް' އުސޫލުން ފައިސާ ދޫކުރާ ގޮތަށް ބަދަލުކުރަން ވަނީ ހުށަހަޅާފަ އެވެ.

ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓުގެ ޖުމްލަ ބަހަން ނިންމާފައިވާ ގޮތް:

ރަށު ކައުންސިލްތަކަށް ހަތް ޕަސެންޓް
އަތޮޅު ކައުންސިލްތަކަށް 51 ޕަސެންޓް
ސިޓީ ކައުންސިލްތަކަށް 51 ޕަސެންޓް

އެ ބަދަލާއެކު 2019 ވަނަ އަހަރަށް ފާސްކުރި ބަޖެޓާ އަޅާބަލާއިރު ރަށު ކައުންސިލްތަކަށް ލިބޭ ފައިސާ ގާތްގަނޑަކަށް 148.6 ޕަސެންޓް، އަތޮޅު ކައުންސިލްތަކަށް ލިބޭ ފައިސާ 155.1 ޕަސެންޓް އަދި ސިޓީ ކައުންސިލްތަކަށް ލިބޭ ފައިސާ 433.4 ޕަސެންޓް އިތުރުވާނެ ކަމަށް އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައި ވަނީ ލަފާކޮށްފަ އެވެ.

comment ކޮމެންޓް