ފިލިޕީންސް މެޗަށް ޓިކެޓު ވިއްކުން ކުލަގަދަ ގޮތެއްގައި މިއަދު ފަށަނީ

އަލީ އަޝްފާގު (ދަގަނޑޭ) ގައުމީ ޓީމާ އެކު ފަރިތަކުރުންތަކުގެ ތެރޭގައި --- ފޮޓޯ// އެފްއޭއެމް

ވޯލްޑް ކޮޕް ކޮލިފައިންގައި ރާއްޖެ އާއި ފިލިޕީންސް ކުޅޭ މެޗުގެ ޓިކެޓު ވިއްކުން ކުލަގަދަ ހަރަކާތްތަކަކާ އެކު މިއަދު ހަވީރު މާފަންނު އެއް ނަންބަރު ޓާފް ދަނޑުގައި ފަށަން ހަމަޖެހިފައިވާ ކަމަށް ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.

އަންނަ ބުރާސްފަތި ދުވަހު ހަވީރު 4:00ގައި ފިލިޕީންސްއާއި ދެކޮޅަށް ކުޅޭ މެޗުގެ ޓިކެޓު ވިއްކުން އެހެން ފަހަރުތަކާ ޙިލާފަށް މިފަހަރު ޓާފް ދަނޑުގައި ބާއްވާ އިރު މިފަހަރު އެކަން އޮންނާނީ ކުރިއަށް ވުރެން ފަސޭހަ އިންތިޒާމެއްގެ ދަށުންނެވެ. އަދި ޓިކެޓު ވިއްކުން މިފަހަރު ފޯރިއާ އެކު ބާއްވަނީ ސަޕޯޓަރުންގެ މެދުގައި ގައުމީ ޖޯޝް އިތުރު ކުރުމަށާއި ސަޕޯޓަރުންނަށް ވީހާ ވެސް ފަސޭހަ ނިޒާމަކުން ޓިކެޓު ލިބޭނެ ގޮތް ހެދުމުގެ ބޭނުމުގައި ކަމަށް އެފްއޭއެމުން މައުލޫމާތުދެ އެވެ.

ޓިކެޓު ނެގުމުގެ އިތުރަށް މި ހަރަކާތުގެ ތެރެއިން ޤައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނާއި ބައްދަލުކުރުމުގެ ފުރުސަތު ލިބުމުގެ އިތުރުން ޤައުމީ ޖާރޒީ ވިއްކުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެފްއޭއެމުން ވަނީ ބުނެފަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގެ ޓިކެޓު ހަ ގަޑިއިރު ނަވަނީސް ވަނީ ވިކި ހުސްވެފަ އެވެ. ދަނޑުގެ އިރުމަތީ ފަރާތު ސިޑިބަރިތަކުގައި ރެނދުލާފައިވާތީ އެ ސަރަހައްދު ބޭނުންކުރުން ހުއްޓާލުމަށް ހައުސިން މިނިސްޓްރީން އަންގާފައިވުމުން އެ މެޗަށް ވިއްކާފައިވަނީ 3500 ޓިކެޓެވެ.

މި މެޗަށް ވެސް ވިއްކުމަށް ހަމަޖެހިފައި ވަނީ ގާތްގަނޑަކަށް އެ އަދަދަށް ޓިކެޓު ކަމަށް އެފްއޭއެމުން ހާމަކުރި ނަމަވެސް ބަންދުކޮށްފައިވާ ސިޑިބަރި އަލުން ބޭނުންކުރެވޭތޯ ބެލުމަށް އަދި ވެސް މަސައްކަތްކުރަމުން އަންނަކަމަށް އެފްއޭއެމުން މައުލޫމާތުދެ އެވެ.

ކުރިއަށް އޮތް ދެ މެޗަކީ ރާއްޖެއަށް ކޮލިފެކޭޝަނުން ކުރިއަށް ދިއުމަށް އެންމެ މުހިއްމު ދެ މެޗެވެ. ގުރޫޕުން ޕޮއިންޓް ހޯދުމަށް އެންމެ ފަސޭހަވާނެ ކަމަށް ލަފާ ކުރެވޭ މި ދެ މެޗު ނެގިއްޖެ ނަމަ ތާވަލުގެ ތިންވަނައަށް ރާއްޖެ ޖެހިލާނެ އެވެ. އެހެން ކަމުން އޭއެފްސީގެ ޖާގައެއް ރާއްޖެއަށް މި ދެ މެޗުން މޮޅުވެއްޖެ ނަމަ ލިބޭނެ އެވެ.

ގްރޫޕް އޭގެ އެއް ވަނާގައި މި ވަގުތު ސީރިއާ އޮތީ ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޗައިނާ އަށް ތިން މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ތިން ވަނާގައި ފިލިޕީންސް އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. ހަތަރު ވަނާގައި އޮތް ރާއްޖެ އަށް ތިން ޕޮއިންޓް ލިބިފައިވާ އިރު، އެންމެ ފުލުގައި އޮތް ގުއާމަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ވަނީ ރަށުންބޭރުގައި ގުއާމް އަތުން 1-0 އިން މޮޅުވެފަ އެވެ. އޭގެ ފަހުން މާލޭގައި ސެޕްޓެމްބަރު 10 ވަނަ ދުވަހު ޗައިނާ އަތުން 5-0 އިން ބަލިވި އިރު، މިދިޔަ މަހު ސީރިއާ އަތުން ވަނީ 2-1 އިން ބަލިވެފަ އެވެ.

ގައުމީ ޓީމަށް ސަޕޯޓް ކުރުމުގައި ކެންޑިފައިވާ އަޑު އަލުން އަނބުރާ ގެނައުމަށް ބޮޑެތި މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެގޮތުން ގައުމީ ޓީމަށް ލަފާދޭ ކޮމިޓީގެ ޝޯޓް-ޓާމް ޕްލޭންގެ ދަށުން މެޗުގެ ފޯރި ގަދަ ކުރުމަށް މާލޭގެ އެކި ސަރަހައްދު ތަކުގައި ބޮޑެތި ޕޯސްޓަރުތަކެއް ވެސް ދަނީ ހަރުކުރަމުންނެވެ.

އަދި ކުރިން ގައުމީ ޓީމަށް ކުޅެދީފައި ތިބި ބައެއް ކުޅުންތެރިންގެ އިސްނެގުމާ އެކު އެފްއޭއެމުން ވަނީ "މަވެސް ދާނަން" މި ނަމުގައި ކެމްޕޭނެއް ވެސް ފަށައިފަ އެވެ.

comment ކޮމެންޓް