ގައުމީ ޓީމަށް ސަޕޯޓް އިތުރު ކުރަން މުޅި މާލޭގައި ޕޯސްޓަރު ހަރުކުރަނީ

ގައުމީ ޓީމުގެ ފޯރި އިތުރު ކުރުމަށް މާލޭގައި ބެހެއްޓިފައި ހުރި ޕޯސްޓަރެއް ---

ޗުއްޓީގައި ރަށަށް ގޮސްލާފައި އެނބުރި އައިސް، މާލޭގެ ފަސްގަނޑުގައި ފައި ޖެހި ހަލަބޮލި މަގުތަކަށް ނުކުމެލި އިރު އެކި ދިމަ ދިމާއިން ފެންނަނީ ރަތް ކުލައިގެ ބޮޑެތި ޕޯސްޓަރުތަކެކެވެ. ފުރަތަމަވެސް، ހީކުރީ މިއީ ސިޔާސީ ޕާޓީއެއްގެ ކަމެއް ކަމަށެވެ.

އެހެނެއް ނޫނެވެ. މިއީ ހުރިހާ ދިވެހިން ވެސް ފަހުރުވެރިވާ ގައުމީ ފުޓުބޯޅަ ޓީމުގެ ޕޯސްޓަރުތަކެކެވެ. އެހިސާބުން އަދި ރެޔަކާ ލީ ކުރިއަށް އޮތް ގަައުމީ ޓީމުގެ ދެ މެޗު އޮތް ކަމަށެވެ.

ގައުމީ ޓީމުން ރޭ ގަލޮޅު ދަނޑުގައި ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

ރާއްޖޭގެ ފުޓުބޯޅައާ ދޭތެރޭ ފަހަކަށް އައިސް މީހުން ދެކެމުން އަައި ފޫހިކަން މިހާރު މިވަނީ މަޑު މަޑުން ފިލަން ފަށައި ގައުމީ ކުލުނު އަލުން އަނބުރާ ފުޓުބޯޅައަށް ދޭން ފެށިފަ އެވެ. ހަގީގަތުގައި ގައުމީ ޓީމަށް ސަޕޯޓް ކުރަން ދަނޑަށް މީގެ ކުރިން ނުވަދެ ތިބި އެންމެން ވެސް ދުރުގައި މަޑުކޮށްލައިގެން ތިބީ ޓީމު ދެކެ ލޯބި ނުވާތީއެއް ނޫނެވެ. އެހެން ނަމަވެސް އެކަމަށް އޮތް ޝައުގުވެރިކަން ކުޑަވާގޮތްވީ އެކަމަށް ވަކި ސިޔާސީ ފިކުރުތަކެއް ވަދެ ވަކި ބަޔަކާ ޒާތީވެގެން ތިބުމެވެ.

ނަމަވެސް އެކަން މަޑު މަޑުން ބަދަލުވަމުން އައިސް މިއަދު އަނެއްކާވެސް ރާއްޖޭގައި އެބަ ފޯރި ހިއްޕާލަ އެވެ. އެގޮތުން ގައުމީ ޓީމަށް ސަޕޯޓް ކުރުމަށާއި ހިތްވަރު ދިނުމަށް އެންމެން ގުޅިގެން އަތުކުރި އޮޅާލައި ހަރަކާތައް ނުކުންނަށް މިވަނީ ތައްޔާރުވެފަ އެވެ. އެކަމަށް އެފްއޭއެމްއިން ވަނީ ރޭވުންތެރިކަމުގެ މަސައްކަތްތަކެއް ފަށައިފަ އެވެ.

ސިޔާސީ ޕާޓީތަކާއި ސަރުކާރުގެ އިސްވެރިންނާ އެފްއޭއެމް އަދި އެންމެހާ ރައްޔިތުން ވެސް އެކައްޗެއް ކިޔައި ގައުމީ ޓީމަށް، ކުރިއަށް އޮތް މުހިއްމު ދެ މެޗު ކާމިޔާބު ކުރުމަށް ވެވުނު މިންވަރަކުން ސަޕޯޓް ކޮށްދިނުމަކީ ޓީމުގެ ހުރިހާ ކުޅުންތެރިންގެ އެދުމެކެވެ.

އެކަން ހަގީގަތަކަށް ހެދުމުގެ ކޮޅުމަތި ވެސް މިހާރު ލޮލަށް ފެންނަށް ފަށައިފި އެވެ. މި މަހު ފިލިޕީންސް އަދި ގުއާމާ ދެކޮޅަށް ކުޅޭ މެޗުގެ ފޯރި ގަދަ ކުރުމުގެ ގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި ގައުމީ ޓީމުގެ ބޮޑެތި ޕޯސްޓަރުތައް ހަރުކުރަން ފަށައިފި އެވެ. އެކަމަކު، މިއީ ކުރިން މާ ބޮޑު އިސްކަމެއް ދީގެން ކުރި ކަމެއް ނޫނެވެ. ގިނަ މީހުނަށް މެޗެއް އޮންނަ ކަން ވެސް އިނގެނީ މެޗު އޮންނަ ދުވަހު އެވެ. ނަމަވެސް މިއަދު މާލޭގައި އެ ހަރުކުރަން ފެށި ޕޯސްޓަރުތަކާ އެކު މަގުމައްޗަށް ނުކުމެލުމުން އަބަދާ އަބަދު ހަނދާން ވާނީ މެޗުގެ މަތިންނެވެ.

ގައުމީ ޓީމުން ރޭ ގަލޮޅު ދަނޑުގައި ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

މި ކަމަކީ ގައުމީ ޓީމަށާއި އެފްއޭއެމްގެ އެކްސްކޯއަށް ލަފާ ދިނުމަށް، އެކުލަވާލި ކޮމިޓީގެ ޝޯރޓް-ޓާމް ޕްލޭންގެ ދަށުން ކުރިއަށްދާ ކަމެކެވެ. އެގޮތުން

އެ ކޮމިޓީގެ ޗެއާމަން އަދި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ގައުމީ ފޯރި އަލުން އަނބުރާ ގެނައުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަން އިއުލާން ކޮށްފަ އެވެ.

އެ މަސައްކަތުގެ ތެރެއިން ފުރަތަމައިން ކުރި ކަމަކީ، މަޖިލީސް މެމްބަރުންނާއި ނައިބު ރައީސް ފައިސަލް ނަސީމްގެ ހާއްސަ ޓީމެއް ކުޅުނު އެކުވެރިކަމުގެ މެޗެއް ކުޅުމެވެ. އެ މެޗަށް ވެސް ރަނގަޅު ތަރުހީބެއް ވަނީ ލިބިފަ އެވެ. އޭގެ ފަހުން ސަޕޯޓަރުންގެ ފޯރިގަދަ ކުރުމުގެ ގޮތުން "މަވެސް ދަން" ގެ ނަމުގައި އެފްއޭއެމް އިން ވަނީ ހާއްސަ ކެމްޕެއިނެއް ވެސް ފަށައިފި އެވެ.

"މަވެސް ދަން" ކެމްޕޭން ފަށާފައިވަނީ މި ހަފްތާ ތެރޭ އެފްއޭއެމް ޓާފް ދަނޑުގައި ކުރިއަށްގެންދިޔަ ފޮޓޯ ސެޝަންއެއްގަ އެވެ. މި ކެމްޕޭން ފެށުމުގެ ކުރިން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ދާދި ފަހުން ރާއްޖޭގެ ބައެއް ސަޕޯޓަރުންނާ ބައްދަލުކުރައްވައިފަ އެވެ.

މި ބައްދަލުވުމުގައި ގައުމީ ޓީމަށް ހިތްވަރުދީ ސަޕޯޓްކުރުމުގައި ދަނޑަށް ގޮސް ކުރެވޭނެ ކަންތައްތަކާއި އެ ނޫން ވެސް ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކުރި އެވެ. މި ކެމްޕޭން އިތުރަށް ފުޅާކުރުމުގެ ގޮތުން އިތުރު ކަންތައްތަކެއް ވަނީ ރޭވިފަ އެވެ.

މީގެ އިތުރުން މިއަދު ހަވީރު ވަނީ ކުރިއަށް އޮތް ދެ މެޗަށް ޓިކެޓު ވިއްކުމަށް ވެސް ނިންމައިފަ އެވެ. އަދި ޓިކެޓު ވިއްކުމުގެ ހަރަކާތް ވެސް ކުރިއަށް ގެންދާނީ ކުލަގަދަ ގޮތެއްގައި އެހެން ފަހަރުތަކާ ޙިލާފަށް އެފްއޭއެމްގެ ޓާފުގައި ކަމަށްވެ އެވެ. އަދި ޓިކެޓާ އެކު ގައުމީ ޖާޒީ ވެސް ގަންނަން ލިބެން ހުންނާނެ ކަމަށާއި، އެ ސަރަހައްދުގައު ގައުމީ ޓީމުގެ ކުޅުންތެރިން ވެސް ހަރަކާތްތެރިވާނެ ކަމަށް އެފްއޭއެމުން ބުނެ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގެ ޓިކެޓު ހަ ގަޑިއިރު ނަވަނީސް ވަނީ ވިކި ހުސްވެފައެވެ. ދަނޑުގެ އިރުމަތީ ފަރާތު ސިޑިބަރިތަކުގައި ރެނދުލާފައިވާތީ އެ ސަރަހައްދު ބޭނުންކުރުން ހުއްޓާލުމަށް ހައުސިން މިނިސްޓްރީން އަންގާފައިވުމުން އެ މެޗަށް ވިއްކާފައިވަނީ 3500 ޓިކެޓެވެ. މި މެޗަށްވެސް ވިއްކުމަށް ހަމަޖެހިފައިވަނީ ގާތްގަނޑަކަށް އެ އަދަދަށް ޓިކެޓު ކަމަށް ހާމަކުރެއެވެ. ނަމަވެސް ބަންދުކޮށްފައިވާ ސިޑިބަރި އަލުން ބޭނުންކުރެވޭތޯ ބެލުމަށް އަދިވެސް މަސައްކަތްކުރަމުން އަންނަކަމަށް އެފްއޭއެމުން ބުންޏެވެ.

ކޮލިފައިންގައި ރާއްޖެ މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު އޭގެތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ ގައުމުން ބޭރުގައި ގުއާމް އަތުން 0-1 އިން މޮޅުވި މެޗެވެ. އޭގެ ފަހުން މާލޭގައި ޗައިނާ އަތުން 0-5 އިން ބަލިވިއިރު، ޔޫއޭއީގައި ސީރިއާ އާއި ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ.

comment ކޮމެންޓް