ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ޕިކަޕެއް ކޮންޓްރޯލުން ނައްޓާލުމުން އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުން ބުނި ގޮތުގައި، އިއްޔެ ހަވީރު ހިނގި އެކްސިޑެންޓުގައި ކޮންޓްރޯލުން ނައްޓާލި ޕިކަޕް ވަނީ ޓްރެފިކުގައި މަޑުކޮށްގެން އޮތް އެހެން ޕިކަޕެއްގައި ޖެހިފަ އެވެ. ފަހަތު އޮތް ޕިކަޕް އައިސް ޖެހުނުލެއް ބާރުކަމުން، މަޑުކޮށްގެން އޮތް ޕިކަޕު ވަނީ ކުރިއަށް ގޮސް އެހެން ޕިކަޕެއްގައި ޖެހިފަ އެވެ.
އެ ތިން ޕިކަޕުގެ އިތުރުން ޕާކްކޮށްފައި އޮތް ހުރި ސައިކަލަކަށް އެ އެކްސިޑެންޓުގައި ވަނީ ގެއްލުންވެފަ އެވެ. އެހެންނަމަވެސް، އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ.
މަޑުކޮށްގެން އޮތް ޕިކަޕާއި ކޮންޓްރޯލުން ނައްޓާލި ޕިކަޕުގައި ތިބީ މީގެ ކުރިން އެހެން މައްސަލައެއްގައި ލައިސެންސް ހިފަހައްޓާފައި ތިބި ދެ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. މަޑުކޮށްގެން އޮތް ޕިކަޕުގެ ކުރިމަތީގައި އޮތް ޕިކަޕުގައި އިނީ ލައިސެންސް އޮންނަ ދިވެއްސެކެވެ.
ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.