އަންހެން ކުއްޖެއްގެ ފުއްޕާމެއިން ޕިނެއް ނަގައިފި

ކުއްޖާގެ ފުއްޕާމޭގެ އެއާވޯލްގައި ޕިން ހަރުލާފައި -- ފޮޓޯ: އައިޖީއެމްއެޗް

އަންހެން ކުއްޖެއްގެ ފުއްޕާމެއިން ޕިނެއް ނަގައިފި އެވެ.

އައިޖީއެމްއެޗުން މިއަދު ބުނީ 17 އަހަރުގެ އަންހެން ކުއްޖެއްގެ ފުއްޕާމޭ ތެރެއަށް ގޮސްފައި އޮތް ޕިނެއް ނަގާފައިވާ ކަމަށެވެ. ޕިން ނެގުމަށް ކުރި އޮޕަރޭޝަނުގައި ހަރަކާތްތެރިވީ އައިޖީއެމްއެޗުގެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ އާއި ޑރ. މުހައްމަދު އިސްމާއިލް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ބުރުގާއަށް ޖަގާ ޕިން އަނގައަށް ލައިގެން އުޅުމުގެ ތެރޭގައި ބައެއްފަހަރު އަރުތެރެއިން އެތެރެއަށް ދެ އެވެ. މީގެ ކުރިން ވެސް މިފަދަ ހާދިސާތައް ދިމާވެ، އޮޕަރޭޝަން ކޮށްގެން ޕިން ނަގާފައި އެބަހުއްޓެވެ.

އައިޖީއެމްއެޗުން ބުނީ ބުރުގާއަށް ޖަހާ ދައްޗާއި ޕިން އަނގައިތެރެއަށް ލައިގެން ނޫޅުމަށް ޑޮކްޓަރުން އިލްތިމާސް ކުރައްވާ ކަމަށެވެ.

ޑރ. މުހައްމަދު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުއްޕާމެއަށް ގޮސްފައި އިން ޕިން ނެގުމަށް ތިން ގަޑިއިރުގެ އޮޕަރޭޝަނެއް ކުރަން ޖެހުނު ކަމަށެވެ. ޕިން އިނީ "އެއާވޭ"ގެ ވޯލްގައި ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

އޮޕަރޭޝަނަށް ފަހު ކުއްޖާގެ ހާލު މިހާރު ރަނގަޅުވަމުންދާ ކަމަށް ވެސް ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.

comment ކޮމެންޓް