ހައިލަމްއާ ގުޅޭ ގޮތުން ކޮމެޓީ އިން ބަޔާންނެރުމުން އިދިކޮޅުން ފާޑުކިޔައިފި

މަޖިލީހުގެ ހިޔުމަން ރައިޓްސް ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ހިޔުމަން ރައިޓްސް ކޮމެޓީ އިން ރޭ ބަޔާނެއް ނެރުމުން އިދިކޮޅުން ފާޑު ކިޔައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހާފައިވާތަން ކުރަހާފައިވާ ފޮޓޯއަކުން ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމަކީ އިންސާނީ ކަރާމަތަށް އަރައިގަތުމުގެ އަމަލެއް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ހިޔުމަން ރައިޓްސް ކޮމެޓީ އިން ރޭ ވަނީ ބަޔާނެއް ނެރެފަ އެވެ.

އެ ބަޔާނަށް ފާޑުކިޔައި މިހާރު އިދިކޮޅުގައި މަސައްކަތް ކުރައްވާ ކުރީގެ ނައިބު ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ކޮމެޓީތަކަކީ މަޖިލިސް ރައީސް އާއި އެމްޑީޕީގެ މުދާ ނޫން ކަމަށާއި ޖުޑީޝަރީ އަށް ނުފޫޒު ފޯރުވުމަށް ކުރާ މަސައްކަތުން އެނގިގެން ދަނީ ރައީސް ޔާމީންގެ މައްސަލައަށް އިންސާފުވެރި ހައްލެއް ނުލިބޭނެ ކަން ކަމަށެވެ.

މަޖިލީހާއި މިނިވަން މުވައްސަސާތަކުގެ ބޭނުން ކޮށްގެން ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާތަން ފެންނަ ކަމަށް ޖަމީލް ވިދާޅުވި އެވެ.

"ތުހުމަތުތައް ތަހުގީގު ބަދަލުގައި ގާޒީ އިތުރަށް ކުށްވެެރިކޮށް އަތްބާނަން ކުރާ މަސައްކަތުން ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒް އޮތް ވަރު ހާމަވޭ. ބާރު ލިބުމުން މަޖިލީހާއި މުއައްސަސާތަށް ބޭނުންކުރަނީ ބަދަލުހިފަން،"

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މީގެ ކުރިން މަަޖިލީހުގެ ކޮމެޓީތަކުން އެކި މައްސަލަތަކުގައި ބަޔާން ނެރުމަކީ ކުރާ ކަމެއް ނޫން ކަމަށާއި މަޖިލިސް ރައީސްގެ ހިޔާލުފުޅާ ނުބައްދަލު ބަޔާންތައް މަޖިލީހުގެ ކޮމެޓީތަކުން ނެރެން ފަށައިފި ނަމަ މަޖިލީހުގެ ނިޒާމު ގެއްލިގެން ގޮސްދާނެ ކަމަށެވެ.

މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ މަޖިލީސް ކޮމިޓީތައް ވެސް އާއިލީ ވެރިކަމުގެ ސިއްކަ ޖެހި ނިމިއްޖެ ކަމަށެވެ.

"ތުހުމަތުތައް ތަހުގީގު ކުރުމުގެ ބަދަލުގައި ގާޒީ އިތުރަށް ކުށްވެެރިކޮށް މުޅިނިޒާމަށް އަތްބާނަން ކުރާ މަސައްކަތުން ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒް އޮތްމިންވަރު ހާމަވޭ." ސައީދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.

ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔަން ހައިލަމް ބޭނުން ކުރި ފޮޓޯގައި ރައީސް ސޯލިހާއި، ރައީސް ނަޝީދުގެ ކަރުގައި ޗޭނު ޖަހާފައި ހުރުމުން، އެ މައްސަލަ ހޫނުވި އެވެ. އަދި ޖުޑިޝަލް ސާވިސް ކޮމިޝަނުން ވަނީ އެކަމާ ގުޅިގެން ހައިލަމްގެ ސުލޫކީ މައްސަލަ ބަލަން ނިންމައި އޭނާ ސަސްޕެންޑުވެސްކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއިން އިނގިރޭސީ ބަހުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައި ވަނީ ގާނޫނު އަސާސީއިންނާއި އެންޓި ޓޯޗާ ގާނޫނުން ދިވެހި ކޮންމެ ރައްޔިތެއްގެ އިންސާނީ ކަރާމަތު ރައްކާތެރިކުރުމުގެ ހައްގު ފޯރުކޮށްދޭ ކަމެވެ. އެހެންކަމުން، އެފަދަ އަމަލުތަކަށް ދައުލަތުގެ މަގާމެއްގައި ހުރި މީހަކު އަރައިގަނެގެން ނުވާނެ ކަމަށް އެ ކޮމިޓީއިން ބުންޏެވެ.

އަދި ހައިލަމްގެ އެ އަމަލަކީ، އިންސާނީ ކަރާމާތަށް އަރައިގަތުމުގެ އަމަލެއްގެ އިތުރުން، ޔޫއެން ކޮންވެންޝަން އެގެއިންސްޓް ޓޯޗާ އެންޑް އިންހިއުމަން ޑިގްރޭޑިން ޓްރީޓްމަންޓް އެންޑް ޕަނިޝްމަންޓުގެ އާޓިކަލް ތިނަކާ ހިލާފު ކަމެއް ކަމަށްވެސް ކޮމިޓީއިން ބުންޏެވެ.

ގާޒީ ހައިލަމް އަކީ ރައީސް ޔާމީންގެ މަނީ ލޯންޑަރިންގެ މައްސަލަ ބަލަމުން ދިޔަ ގާޒީ އެވެ. އޭނާ ސަސްޕެންޑު ކުރީ އެ މައްސަލާގައި ހުކުމް އިއްވަން މަދު ގަޑިއިރުތަކަކަށް ވެފައި ވަނިކޮށެވެ.

އެކަމާ ގުޅިގެން ރައީސް ޔާމީންގެ ވަކީލުން ބުނީ، ޖޭއެސްސީއިން ހައިލަމް ސަސްޕެެންޑު ކުރުމަކީ ކޯޓަށް ނުފޫޒު ފޯރުވުން ކަމަށެވެ. އަދި އެ ކަންބޮޑުވުންތައް ބޭރުގެ މީޑިއާތަކާ ވެސް ހިއްސާކުރި އެވެ.

comment ކޮމެންޓް