ސިނގިރޭޓުގެ ވިޔަފާރި ކޮށިއަރުވާލީ އިންޒާރުގެ ފޮޓޯ!

އިންޒާރުގެ ފޮޓޯ ޖަހާފައިވާ ސިނގިރޭޓު ފޮށްޓެއް--

ރާއްޖެއަކީ އާބާދީގެ ނިސްބަތުން ދުންފަތުގެ އިސްތިއުމާލު ކުރުން ގިނަ ގައުމެކެވެ. އެ ވަބާއަށް ދިވެހިން ދެވިހިފާފައިވާލެއް ބޮޑުކަމުން ދުންފަތާ ދެކޮޅަށް އަޅާ ކޮންމެ ފިޔަވަޅެއް ވަނީ ފެއިލްވެފަ އެވެ.

ކެފޭ، އަދި ރެސްޓޯރަންޓްތަކުގައި ސިނގިރޭޓް ބޯން ހާއްސަ ތަންތަން ހެދިޔަސް އެކަން ތަންފީޒު ކުރެވޭ ގޮތެއް ނުވި އެވެ. އެ ފިޔަވަޅުގެ ނަތީޖާއަކަށްވީ، ހޮޓާތަކާއި ކެފޭތަކުގައި ފޮރުވައިގެން ތިބެ ސިނގިރޭޓު ބޯ މީހުން ގިނަވުމެވެ. އެތައް ފަހަރެއްގެ މަތިން ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކޮށްފި އެވެ. ނަމަވެސް އެއާއެކު ސިނގިރޭޓު ބޯ މީހުންގެ އަދަދު މަދުވި ތަނެއް ނުފެނުނެވެ. ސިނގިރޭޓް އެތެރެ ކުރާވަރު އިތުރުވެ، ވިޔަފާރިވެރިންނަށް ލިބޭ ފައިދާއާއި ޓެކުހުގެ އާމްދަނީ ވެސް ދަނީ ދުވަހެއް ދުވަހަކަށް މައްޗަށެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން މަނާތަންތަން ކަން އަންގައިދޭ ބޯޑް-- ސަން ފައިލް ފޮޓޯ

އެކަމަކު، މިއަހަރުގެ ކުރީކޮޅު ދުންފަތާ ދެކޮޅަށް އެޅި ވަރުގަދަ ދެ ފިޔަވަޅާ އެކު ސިނގިރޭޓްގެ ވިޔަފާރިއަށް އަސަރުކޮށްފި އެވެ. ވަކިން ސިނގިރޭޓު ވިއްކުން ހުއްޓާލުމާއި ދުންފަތުގެ ބާވަތްތަކުގެ ބޭރުގައި އިންޒާރުގެ ނޯޓިހެއްގެ އިތުރުން ކުރެހުމެއް ޖަހަން ފެށުމުން އޭގެ އަސަރު ފެންނާން ފަށައިފި އެވެ.

އެ އިންޒާރުގެ ފޮޓޯ ސިނގިރޭޓް ފޮށިން ސިނގިރޭޓެއް ނަގާ ކޮންމެ ފަހަރަކު ފެންނާނެ އެވެ. ފަހުން ތަހައްމަލު ކުރަން ޖެހިދާނެ ވޭން ކުލަކޮށް ދައްކާލާ މި މަންޒަރާ އެކު، ސިނގިރޭޓެއް ދަމާލުމުގެ ކުރިން ދެވަނަ ވިސްނުމަކަށް ދާ ޒުވާނުން އެބަ ގިނަވެ އެވެ.

"ދުންފަތުގެ ބާވަތްތައް ޕެކެޓުކޮށް ލޭބަލް ޖެހުމާ ބެހޭ ގަވާއިދު" ގެ ދަށުން ގެނައި އެ މަޖުބޫރު ބަދަލާ ގުޅޭގޮތުން ވިޔަފާރިވެރިން ބުނީ، އިންޒާރުގެ ފޮޓޯ ޖަހާފައިވާ ބްރޭންޑުތައް ވިކޭ މިންވަރު ހައިރާންވާހާ ބޮޑަށް މަދުވެފައިވާ ކަމަށެވެ. އެ ފޮޓޯ ޖަހަން ފެށިފަހުން އެ މީހުންގެ ސޭލްސްއަށް އެނގުން ވެއްޖެ އެވެ. ސިނގިރޭޓު ވިއްކައިގެން ނަގަމުން އަންނަ ބޮޑު ފައިދާ ހުލިވާން ފަށައިފި އެވެ.

"މިތަނުން މި ވިއްކަނީ އެންމެ ބްރޭންޑެއް. ކުރިން ދުވާލެއްގެ މައްޗަށް އެއް ކާޓޫނަށް ވުރެ ގިނައިން ވިކޭ. ފޮޓޯ ޖެހިފަހުން އަދި މިރެއާ ހަމައަށް ދެ ފޮށި ވެސް ނުވިކިގެން މި އުޅެނީ." މާލޭގައި ހިންގާ ކެފޭއެއްގެ ކޭޝިއަރު ބުންޏެވެ.

ބައެއް ވިޔަފާރިވެރިން ބުނާ ގޮތުގައި މީގެ ކުރިން ދުވާލެއްގެ މައްޗަށް ސިނގިރޭޓް ކާޓޫނެއް ވިކި ހުސްވެ އެވެ. އެކަމަކު އިންޒާރުގެ ފޮޓޯ ޖަހާފައި ހުންނަ ސިނގިރޭޓް ކާޓޫނުތައް ނުވިކި ހުންނަނީ އެވެ.

"ކުރިން ހެނދުނު ގެންނަ ދެ ކާޓޫނު ހަމަ އެ ދުވަހު ހުސްވާނެ. މިހާރު އެންމެ ކާޓޫނެއް ވެސް ހުހެއް ނުވޭ. މިހާރު މީހުން ގަންނަނީ އިންޒާރުގެ ފޮޓޯ ނުޖަހާ ހުންނަ ބްރޭންޑުތައް." ހުޅުމާލޭގެ ވިޔަފާރިވެރިއަކު ބުންޏެވެ.

ބައެއް މީހުން ބުނާ ގޮތުގައި، އިންޒާރުގެ ފޮޓޯ ޖަހައިގެން ބާޒާރަށް އަލަށް ނެރުނު ސިނގުރޭޓް ފޮށިތަކުގައި ހުންނަ ސިނގިރޭޓްގެ ކޮލިޓީ ދަށެވެ. އެކަމަކު ރާއްޖެއަށް ސިނގިރޭޓް އެތެރެ ކުރާ ބައެއް ފަރާތްތަކުން "ސަން"އަށް ބުނީ ފޮށި ތަފާތު ވިޔަސް އޭގެ ތެރޭގައި ހުންނަ ސިނގިރޭޓަކީ ހަމަ އެކައްޗެއް ކަމަށެވެ.

"އެއީ ހަމަ އެކައްޗެއް! ކުރިއާ އަޅާބަލާއިރު އެއްވެސް ތަފާތެއް ނުހުންނާނެ. ކޮލިޓީ ދަށޭ އެ ބުނާ ބުނުމަކީ އިންޒާރުގެ ފޮޓޯއިން ސިކުނޑިއަށް ގެނެސްދޭ ތަސައްވަރު ކަމަށް ވެސް ވެދާނެ،" ރާއްޖެއަށް ސިނގިރޭޓް އެތެރެ ކުރާ ފަރާތަކުން ބުންޏެވެ.

ސިނގިރޭޓު ފޮށިތަކުގެ ކުރިމަތީގައި އިންޒާރުގެ ފޮޓޯއާއި ލިޔުން ޖަހަން ޖެހޭ ގޮތް-- ފޮޓޯ: ހެލްތް މިނިސްޓްރީ

އިންޒާރުގެ ފޮޓޯއާ އެކު ބާޒާރަށް ނެރުނު ސިނގިރޭޓް ފޮށިތަކުން މިހާރުވެސް އަސަރު ކުރަން ފަށާފައިވާ އިރު، މި ބަދަލުގެ އަސްލު އަސަރު ފެންނަން ފަށާނީ މި ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެން އެވެ. އެ ދުވަހަށް ފަހު، އިންޒާރުގެ ފޮޓޯ ލޭބަލްގައި ނުޖަހާ ދުންފަތުގެ ބާވަތްތައް ވިއްކުމަކީ އެކީ މަނާކަމެކެވެ.

އިންޒާރުގެ ފޮޓޯ ޖަހައިގެން ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އެތެރެކުރާ ގޮތަށް އަމަލުކުރަން ފެށީ މެއި 31 ވަނަ ދުވަހުން ފެށިގެން ނެވެ. ނަމަވެސް އިންޒާރުގެ ނޯޓިސް (ފޮޓޯ) ނުޖަހައި، 31 ޖުލައި 2019 ގެ ކުރިން ރާއްޖެއަށް އެތެރެކޮށްފައިވާ ދުންފަތުގެ ބާވަތްތައް ނޮވެމްބަރު 30 ގެ ނިޔަލަށް ވިއްކެ އެވެ.

ވަކިން ސިނގިރޭޓު ވިއްކުން މަނާކުރުމުން ވެސް ސިނގިރޭޓުގެ ވިޔަފާރި ބޮޑުތަނުން ދަށްވި ކަމަށް ވިޔަފާރިވެރިން ބުންޏެވެ. އެހެން ނަމަވެސް، ވަގަށް ވަކި ސިނގިރޭޓު ވިއްކާ ފިހާރަތަށް ވެސް އެބަ ހުއްޓެވެ. އެކަމަކު، އިންޒާރުގެ ފޮޓޯ ޖަހަން މި ގެނައި ބަދަލަކީ ވިޔަފާރިވެރިންނަށް ވެސް ބޯދަމައިގަނެވޭނެ ފަދަ ބަދަލެއް ނޫނެވެ.

މި މަސައްކަތަށް ދެން އިތުރު ހިތްވަރެއް މި ލިބެނީ މިއަހަރުގެ ވަޖެޓްގައި ސިނގުރޭޓުން ނަގާ ޑިއުޓީ ބޮޑު ކުރަން ހިމެނުމުން އެވެ. އެ ބަދަލާއެކު ކޮންމެ ސިނގިރޭޓަކަށް މިހާރު ނަގާ ޑިއުޓީ ދެ ރުފިޔާއިން ތިން ރުފިޔާއަށް އިތުރުވާނެ އެވެ.

މިފަހަރު މިއޮތީ ސިނގިރޭޓު ބޯމީހުންނާއެކު ވިޔަފާރިވެރިން ވެސް ކޮށި އަރުވާލާފަ އެވެ. އެ ވިޔަފާރިން ބޮޑު ފައިދާއެއް ދެން ނުނެގޭނެކަން ވިސްނި، އިތުރު ވިސްނުމަކަށް މި އޮތީ ދާން ޖެހިފަ އެވެ. ހަމަ ޔަގީންނަށް ވެސް ދުންފަތުގެ ބާވަތްތަކުގެ ބާޒާރަށް މިފަހަރު ލޮޅުން ބޮޑުވާނެ އެވެ.

comment ކޮމެންޓް