މަސްތުގެ ހާލަތުގައި ހުރެ ސައިކަލު ދުއްވި މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ، ނިރޮޅުމަގު: އެ މަގުގައި މިއަދު މަސްތުގެ ހާލަތުގައި ހުރި މީހަކު ދުއްވި ސައިކަލެއް ވަނީ އެކްސިޑެންޓްވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭގައި މަސްތުގެ ހާލަތުގައި ހުރެ ސައިކަލު ދުއްވި ކަމުގެ ތުހުމަތުގައި، މީހަކު ހައްޔަރު ކޮށްފި އެވެ.

ހުޅުމާލޭ ނިރޮޅުމަގުގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު މެންދުރު 2:59 އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، ދެ ސައިކަލުގައިވެސް ތިބި ތިން މީހުންނަށް ކުދި އަނިޔާ ލިބިފައިވާ ކަމަށެވެ.

އެ ހާދިސާގައި މަސްތުގެ ހާލަތުގައި ހުރެ ސައިކަލް ދުއްވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ، 30 އަހަރުގެ މީހެކެވެ. އެކްސިޑެންޓް ހިނގި ވަގުތު އޭނާ އަތުގައި ލައިސެންސް ނެތް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރު މިހާތަނަށް 2،072 އެކްސިޑެންޓުގެ ހާދިސާ އެ މުއައްސަސާއަށް ވަނީ ރިޕޯޓްކޮށްފައެވެ. އޭގެ ތެރޭގައި މިމަހު މިހާތަނަށް ހުށަހެޅީ 29 އެކްސިޑެންޓެވެ. މިދިޔަ މަހު ރިޕޯޓު ކުރި އެކްސިޑެންޓްގެ އަދަދަކީ، 196 އެވެ.

comment ކޮމެންޓް