20 އެކްޒިބިޓަރުންނާއެކު ސްޓެމް ފެސްޓް 2019 ފަށައިފި

ސްޓެމް ފެސްޓް 2019ގެ ސްޓޯލްތައް ފަސްޓްލޭޑީ ފަޒްނާ ބައްލަވާލެއްވުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

ވިމެން އިން ޓެކް އިން އިންތިޒާމުކޮށްގެން ބާއްވާ "ސްޓެމް ފެސްޓް 2019" ފަށައިފިއެވެ.

މާދަމާގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި ފެސްޓިވަލް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.

މިއަދާއި މާދަމާ ކުރިއަށްދާ މި ހަރަކާތުގައި ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި މެތެމެޓިކްސްގެ ދާއިރާގެ އުފެއްދުންތައް ޝޯ ކޭސް ކޮށްފައި ހުންނާނެއެވެ. ފެސްޓިވަލް ހުޅުވައިދެއްވުމަށްފަހު ފަސްޓްލޭޑީ ވަނީ ފެސްޓިވަލްގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ސްޓޯލްތައް ބައްލަވާލައްވައިފައެވެ.

ސްޓެމް ފެސްޓް 2019ގެ ސްޓޯލްތައް ފަސްޓްލޭޑީ ފަޒްނާ ބައްލަވާލެއްވުން -- ފޮޓޯ: ރައީސް އޮފީސް

ސްޓެމްފެސްޓުގެ ހޯސްޓް ޕާޓްނަރަކީ އެޗްޑީސީއެވެ. މި ފެސްޓިވަލްގައި ސަރުކާރު ބައެއް ކުންފުނިތަކާއި މުވައްސަސާތައް އަދި ޔުނިވާސިޓީތަކާއި އަމިއްލަ ޖަމްއިއްޔާތަކާއި ސްޓާޓް އަޕް ވިޔަފާރިތަކުން ވަނީ ބައިވެރިވެފައެވެ. ސްޓެމް ފެސްޓުގައި ޖުމްލަ 20 ފަރާތަކުން ބައިވެރިވެފައި ވެއެވެ.

ފުރަތަމަ ސްޓެމް ފެސްޓް މިއަދު ފަށާފައިވާއިރު ވިމެން އިން ޓެކް އިން ބުނީ މިފަހަރުގެ ހަރަކާތަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އަމާޒަކީ އަހަރަކު އެއްފަހަރު މިފަދަ ހަރަކާތެއް ކުރިއަށް ގެންދިޔުން ކަމަށް އެ ޖަމްއިއްޔާ އިން ބުންޏެވެ.

"ސްޓެމްފެސްޓްގެ މައިގަނޑު އަމާޒަކީ ސައިންސް، ޓެކްނޮލަޖީ، އިންޖިނިއަރިން، މެތެމެޓިކްސް ދާއިރާގައި ހުރި ފުރުސަތުތަކާއި، މިދާއިރާތަކުން ދިވެހިން އަމިއްލައަށް އުފައްދާފައިވާ އުފެއްދުންތައް ޝޯކޭސް ކުރުމާއި ދާއިރާގައި ހުރި ޑިޖިޓަލް ހިދުމަތްތައް ރައްޔިތުންނަށް އެއްތަނަކުން ފެންނަގޮތަކަށް އެ ހިދުމަތްތައް ޝޯކޭސް ކޮށް، އެ ހިދުމަތްތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުން،" ވިމެން އިންޓެކްގެ ނައިބު ރައީސާ ނިއުމާ ފާއިޒު ވިދާޅުވިއެވެ.

ސްޓެމް ފެސްޓް 2019 ފެށުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

އަމާޒަކީ ސްޓެމް ފެސްޓް 2019 އަށްވުރެ ފުޅާކޮށް އަންނަ އަހަރު މިފަދަ ހަރަކާތެއް ކުރިއަށް ގެންދިޔުން ކަމަށް ވިމެން އިން ޓެކުން ބުންޏެވެ.

"ސްޓާޓްއަޕް ކޮމިޔުނިޓީ އަދި ކުންފުނިތަކުން ވަރަށް ބޮޑު ތަރުހީބެއް ދިން. އިއުލާނު ކުރި ދުވަހުން ފެށިގެން އެގްޒިބިޝަން ބާއްވާ ދުވަހާ ހަމައަށް ބޮޑު ތަރުހީބެއް ލިބުނު،" ނިއުމާ ވިދާޅުވިއެވެ.

ސްޓެމް ފެސްޓުގެ ތެރެއިން އެޗްޑީސީ އިން ކުރިއަށްގެންދާ މަންސަ ޓޯކް ގެ ސިލްސިލާ ޕްރޮގްރާމެއް ކުރިއަށް ގެންދާނެއެވެ. މިރޭ ބާއްވާ މި މަންސަ ޓޯކްގައި އަލިއަޅުވާލާނީ ރާއްޖޭގެ ސްޓެމް އިންޑަސްޓްރީގެ ކުރިއެރުމާއި މުސްތަގުބަލާ ގުޅޭގޮތުންނެވެ.

މީގެ އިތުރުން މާދަމާ ހަވީރު ކުޑަކުދިންނަށް ހާއްސަ ހަރަކާތެއް ވެސް ކުރިއަށް ގެންދާނެއެވެ. މާދަމާރޭ ހާއްސަކޮށްފައިވަނީ އެގްޒިބިޓަރުންގެ އުފެއްދުންތަކާ ގުޅޭ މައުލޫމާތު ދިނުމަށެވެ.

comment ކޮމެންޓް