ހައިލަމަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި މީހުން ހާމަ ކުރަން ގޮވާލައިފި

ހެންވޭރު ހުޅަނގު ދާއިރާ މެމްބަރު ހަސަން ލަތީފު --- ފޮޓޯ/ މަޖިލިސް

ސަސްޕެންޑް ކޮށްފައިވާ ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އަހްމަދު ހައިލަމަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި މީހުން ހާމަ ކުރަން ޖެހޭ ކަމަށް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާގެ ހުކުމް ކުރާ ޝަރީއަތް ބޭއްވުމަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ ހައިލަމް ސަސްޕެންޑް ކޮށްފައެވެ. އޭނާ ސަސްޕެންޑް ކުރަން ނިންމީ، ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި، ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ފޮނުއްވި ކުރެހުމެއްގެ މައްސަލައިގައެވެ.

އެކަމާ ގުޅިގެން ހައިލަމްގެ ފަރާތުން ނެރުނު ނޫސް ބަޔާނުގައި އޭނާ ވިދާޅުވެފައި ވަނީ، މި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން އޭނާއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކަމަށެވެ. އަދި ބިރުދައްކައި އިންޒާރުވެސް ދިން ކަމަށެވެ. އެގޮތުން ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވާނެކަމުގެ ކަށަވަރުކަން ދިނުމަށް ސަރުކާރުގެ އިސް މަގާމުތަކުގައި ތިބެއްވި ފަރާތްތަކުން އެދިވަޑައިގެންނެވި ކަމަށް ހައިލަމް ބަޔާނުގައި ވިދާޅުވިއެވެ.

އެ ބަޔާން ޓްވީޓް ކުރައްވައި، ހަސަން ލަތީފު ވިދާޅުވީ، ސަރުކާރުގެ ހުރިހާ ބޭފުޅުންގެ އިސްތަށިފުޅުގައި އިލްޒާމް ނާޅުއްވައި، ނުފޫޒު ފޯރުވަން މަސައްކަތް ކުރި މީހަކު ހާމަ ކުރަން ޖެހޭ ކަމަށެވެ.

"ނުފޫޒު ފޯރިވި ކަމަށް ވިދާޅުވަންޏާ އެކަން ކުރެއްވި ބޭފުޅުންގެ ނަންތައް ހާމަ ކުރައްވާ، އަދި އެ މައްސަލަ [ކަމާ ބެހޭ މުއައްސަސާތަކަށް] ހުށަހަޅުއްވައި،" ހަސަން ލަތީފު ވިދާޅުވިއެވެ.

ހައިލަމްގެ ބަޔާނާ ގުޅޭ ގޮތުން ސަރުކާރުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެއެވެ.

ހައިލްމް ރޭ ނެރުނު ބަޔާނުގައި ވިދާޅުވީ، ރައީސް ޔާމީނަށް ހުކުމް އަންނާނެކަމުގެ ކަށަވަރުކަން ނުދެވޭނެ ކަމަށް ދެންނެވުމުން އޭނާ ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރުދީ ބިރުދައްކާފައިވާ ކަމަށެވެ. ނަމަވެސް އެ ބަޔާނުގައި އެއީ ކޮން ފަރާތަކުން ކުރި ކަމެއް ކަމެއް ހައިލަމް ހާމައެއް ނުކުރެއެވެ.

"ފަނޑިޔާރަކު ބަލަމުންދާ މައްސަލައެއްގައި ކުރާނެ ހުކުމް ސަރުކާރުގެ އޮފިޝަލުންނަށް އެނގޭކަށް ނުޖެހޭނެއެވެ. އެއީ ކިތަންމެ މަތީ މަގާމެއްގައި ހުރި ފަރާތަކަށްވިޔަސް މެއެވެ،" ހައިލަމްގެ ބަޔާނުގައި ބުނެއެވެ.

ހައިިލަމް ވައިބާ ގުރޫޕަށް ފޮނުވި ކުރެހުމުން ފެންނަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ގަންހިންގުވާ މަންޒަރެވެ. އެކަމަށް ފަހުން ހައިލަމް މާފަށްވެސް އެދިވަޑައިގެންފައި ވެއެވެ.

ހައިލަމް ރޭ ނެރުނު ބަޔާނުގައި ވިދާޅުވީ، އެކަން ހިނގީ ވަރަށް ހިތާމަވެރިކޮށް ކަމަށާއި އޭނާއަށް "ރަނގަޅަށް ބަލާނުލެވުނީ" ކަމަށެވެ. އަދި އެކަމަށްޓަކައި ރޭވެސް އޭނާ ވަނީ މައާފަށް އެދިވަޑައިގެންފައެވެ.

ހައިލަމް ވައިބާ ގުރޫޕަށްލީ ކުރެހުމުގެ އިތުރުން، ކުރީގެ މެންބަރު އަލްހާން ފަހުމީ، ހައިލަމްއަށް ދެލައްކަ ރުފިޔާ ދިން މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ. އެކަމާ ގުޅިގެން އަލްހާން ބުނެފައިވާނީ އެއީ އޭނާ ހައިލަމަށް ދެއްވި ލޯނެއް ކަމަށެވެ.

comment ކޮމެންޓް