ހެންވޭރުގައި ހުރި އިމާރާތަކުން ދުން އަރަމުންދާއިރު، އެއީ އަލިފާނުގެ ހާދިސާއެެއް ނޫނެވެ.
އެމްއެންޑީއެފް އިން ބުނީ، އެއީ އެ މުއައްސަސާއިން ހިންގާ ފަޔާ ޑުރިލްއެއް ކަމަށެވެ.
އެމްއެންޑީއެފް އިން ބުނީ، ހެންވޭރ ދަނޑު ކައިރީ މަޖީދީ މަގުގައި ހުންނަ ހ. ފޯ ވިންޑްސް ސަރަހައްދުގައި ކުރިއަށްދަނީ، "އެކްސަޒައިޒް ޖައްރާފާ 2019" އެވެ.
ހަދަން ފަށާފައިވާ ފުލުހުންގެ އެ އިމާރާތުގެ ޓެރަސްއިން ދުން އަރާތަން ފެނުނު ނަމަވެސް ހާސްނުވުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މިއަދު ހަވީރު 3:15 އިން ފެށިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އިން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އެކްސަސައިޒް ޖައްރާފު އަކީ އަލިފާނުގެ ހާދިސާއަކަށް ސިފައިންފެ ފަޔާ އެންޑް ރެސްކިއު ތައްޔާރުވުމަށް ހިންގާ ތަމްރީންތަކެކެވެ.
މާލޭގައި މިދިޔަ ސެޕްޓެމްބަރު މަސް ތެރޭ އަލިފާނުގެ ބޮޑު ދެ ހާދިސާ ވަނީ ހިނގާފަ އެވެ. އެގޮތުން ސެޕްޓެމްބަރު 20 ވަނަ ދުވަހު ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި އެކަކު މަރުވެ، އެތައް ގެޔެއް އަނދައިގެން ގޮސް، ލިބުނު ގެއްލުމުގެ އަދަދު 1.03 މިލިއަން ރުފިޔާއަށް އަރަށެވެ. އަދި 41 ގޭބިސީތަކުގެ ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުން ވަނީ ލިބިފައެވެ.
އޭގެ ހަފްތާއެއްހާ ދުވަސް ފަހުން، ޓީ ޖެޓީ ސަރަހައްދުގައި އޮތް ލޯންޗެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ނުވަ މީހަކަށް އެކި ވަރުގެ ގެއްލުންވެ، ހަތަރު ތެޔޮ ބައުޒަރާއި ލޯންޗެއް އެނދި އެވެ.