ގާދިއްފުށީގައި ބާރުގަދަ ހުމެއް ފެތުރެނީ، ޑޮކްޓަރެއް ނެތް

ތ. ގާދިއްފުށި--

ގާދިއްފުށީގައި ވައިރަލް ހުމެއް ފެތުރެމުންދާ ކަމަށާއި ނަމަވެސް މިވަގުތު ރަށުގައި ޑޮކްޓަރެއް ނެތުމުން ޑޮކްޓަރެއް ހޯދަން އުނދަގޫވެފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ގާދިއްފުށީ ކައުންސިލްގެ ރައީސް ހަސަން ސިނާން "ސަން"އަށް ވިދާޅުވީ އެރަށުގައި ވައިރަލް ހުމެއް ފެތުރެމުންދާތާ ހަފްތާއެއް ވެފައިވާ ކަމަށާއި ކުޑަކުދިންނާއެކު އެހުން ޖެހުނު މީހުންގެ އަދަދު 15 އަށް އަރާނެ ކަމަށެވެ.

ސިނާން ވިދާޅުވީ އާންމުކޮށް އެރަށުގައި ޑޮކްޓަރެއް ހުންނަ ކަމަށާއި މައްސަލަތަކެއް ދިމާވެގެން އުޅެނީ އެ ޑޮކްޓަރު ޗުއްޓީއަކަށް ދިއުމުން، ބަދަލުގައި ޑޮކްޓަރެއް ހަމަޖައްސަން އުނދަގޫތަކެއް ދިމާވުމުން ކަމަށެވެ.

"މި ރަށަށް ދީފައިހުރި ޑޮކްޓަރު ހުރީ ޗުއްޓީއެއްގައި. ބަދަލު ޑޮކްޓަރެއްގެ ގޮތުގައި ތިމަރަފުށީގައި ތިއްބަވާ ދެ ޑޮކްޓަރުންގެ ތެރެއިން އެއް ޑޮކްޓަރު ހަމަޖެހުނު. އެކަމަކު އެރަށުގައި ދެން ހުންނަވާ ޑޮކްޓަރު ވެސް ބަލިވެ، އެ ރަށުގައި ވެސް މި ހުންގަނޑު ފެތުރޭތީ މި ރަށަށް ދިން ޑޮކްޓަރު އަނބުރާ ތިމަރަފުއްޓަށް ދާން ޖެހުނީ." ސިނާން ވިދާޅުވި އެވެ.

އޭގެ ފަހުން އެ ޑޮކްޓަރަށް ގާދިއްފުއްޓަށް އާދެވުނީ އެންމެ ދުވަހަކު، ދެތިން ގަޑިއިރަށް ކަމަށް ސިނާން ވިދާޅުވި އެވެ. އަދި މި މައްސަލަ ބޮޑުވެފައި އޮއްވާ ވަގުތީ ޑޮކްޓަރެއް އެ އަތޮޅުގެ އެހެން ރަށަކުން ހަމަޖެހުނީ ރޭގެ ވަގުތެއްގައި ކަމަށް ސިނާން ވިދާޅުވި އެވެ.

"އަޅުގަނޑުގެ ކަންބޮޑުވުމަކީ (ހަމައެކަނ)ި ވައިރަލް ހުން ފެތުރުމެއް ނޫން. ބުނެފައެއް ނޫން ކަމެއް ހިނގާނީ، ކުއްލިއަކަށް ހަމަ އެހެން ކަމެއް ވެސް ދިމާވެދާނެ. އަބަދު ވެސް ޑޮކްޓަރެއް ހުންނަން ޖެހޭނެ." ސިނާން ވިދާޅުވި އެވެ.

ޑޮކްޓަރުން ލިބުމުގައި ދަތިތަކެއް ދިމާވާ މައްސަލައަކީ އެހެން ރަށްތަކުގައި ވެސް ދިމާވާ މައްސަލައެކެވެ. ސިއްހީ ހިދުމަތުގެ ފެންވަރު ވަކި މިންގަނޑެއްގައި ހިފަހައްޓައި، ރާއްޖޭގެ ކަންކޮޅުތަކުގައި ސިއްހީ ހިދުމަތް ދޭ ތަންތަނަށް ބޭނުންވާ ވަސީލަތްތައް ހަމަ ކުރުމަށާއި އެ ދާއިރާގެ ފަންނީ މީހުން ތަމްރީނު ކުރުމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި 27 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.

comment ކޮމެންޓް