ރާއްޖޭގައި ލެވެލް 2ގެ ކްރިކެޓް ކޯޗިންގް ކޯހެއް ހިންގަނީ

ރާއްޖޭގެ ކުރިކެޓު ކޯޗުންނާއި އަމްޕަޔަރުން ތަމްރީން ކުރުމަށް މިއަދު އިންޑިއާއިން އައި ކޯޗިންގް ޓީމު --- ފޮޓޯ// އިންޑިއަން އެމްބަސީ

މިއަހަރުގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުންތަކުގެ ދަށުން، އިންޑިއާއިން ރާއްޖޭގެ ކްރިކެޓު ކުރިއެރުވުމަށްޓަކައި އެހީތެރިވުމުގެ މަސައްކަތް ފަށައިފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އަންހެން އަދި ފިރިހެން ގައުމީ ކްރިކެޓް ޓީމަށް އިންޑިއާގައި ޓްރެއިނިން ކޭމްޕު ހިންގައިދިނުމަށާއި އަމްޕަޔަރުން ތަމްރީނުކުރުމުގެ ހަރަކާތްތަކެއްވެސް ހިންގަން ހަމަޖެހިފައިވާ ކަމަށެވެ.

ރާއްޖެއަށް ކުރިކެޓުގެ ރޮނގުން އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތް ކޮށްފައިވަނީ ބޯޑް އޮފް ކޮންޓްރޯލް ފޯރ ކުރިކެޓް އިން އިންޑިއާ (ބީސީސީއައި)ގެ ފަރާތުންނެވެ. އެގޮތުން ކޯޗުންނާއި އަމްޕަޔަރުން ތަމްރީނުކުރުމުގެ ކޯސްތަކެއް ހިންގުމަށް ބީސީސީއައިގެ ޓީމެއް މިއަދު ވަނީ ރާއްޖެ އައިސްފައެވެ.

އޭގެ ތެރޭގައި ކުރީގެ އިންޑިއާގެ ގައުމީ ޓީމަށް ވަން ޑޭ އިންޓަނޭޝަނަލް ކުރިކެޓާއެއްގެ ގޮތުގައި ކުޅުނު ސުޖިތު ސޯމަސަންދުރަ ވަނީ ރާއްޖޭގައި ކޯޗުންނާއި އަމްޕަޔަރުން ތަމްރީނުކުރުމަށް ރާއްޖެ އައިސްފައެވެ. އޭނާއާއެކު ބޯލިންގް، ބެޓިންގް، ވިކެޓް ކީޕިންގް، ފީލްޑިންގް، ބަޔޯމެކޭނިކްސް (ވީޑިއޯ ޕާފޯމެންސް އެނަލިސްޓް)، ފިސިއޯތެރަޕިސްޓް އެންޑް ސްޓްރެންގްތެނިންގްގެ އިތުރުން ކޮންޑިޝަނިންގަށް ހާއްސަ ކޯޗުންވެސް ވަނީ އައިސްފައެވެ.

އިންޑިއާގެ ކޯޗުންނާއެކު ރާއްޖޭގައި ބާއްވާ ކުރިކެޓް ކޯޗިންގް ލެވެލް ދޭއްގެ ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، މި މަހުގެ އަށްވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށެވެ. ޖުމުލަ 25 ކޯޗުންނާއެކު ފަށާ މި ކޯސް ހެންވޭރު ދަނޑުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު އެ ކޯސް ނިންމުމަށްފަހު އަމްޕަޔަރުން ތަމްރީނުކުރުމުގެ އެއް ހަފްތާގެ ކޯހެއްވެސް ހިންގާނެއެވެ.

ރާއްޖޭގައި ކުރިކެޓު ކުރިއެރުވުމަށް ސްޓްރެޓެޖިކް ޕްލޭނެއް ހެދުމަށްޓަކައި ބޭނުންވާ އެސެސްމެންޓެއް ހެދުމުގެ މަސައްކަތް ކުރުމަށް މި އަހަރުގެ ތެރޭ ކްރިކެޓް ބޯޑުގެ ސީނިއާ އޮފިޝަލް އަދި ކުރީގެ ކުޅުންތެރިޔާ ސަބާ ކަރީމް އާއި އިންޑިއާ ގައުމީ ކްރިކެޓް ޓީމުގެ ފީލްޑިން ކޯޗު އަބޭ ޝަރްމާ ރާއްޖެ އައެވެ. އެ ދަތުރުގައި ރާއްޖޭއަށް ކްރިކެޓުން ކުރިއަށް ދާން ބޭނުންވާނެ ކަންކަން ދިރާސާކުރި އިރު، ސަރުކާރުގެ އިސްވެރިންނާވެސް ބައްދަލުކުރިއެވެ.

comment ކޮމެންޓް