އުރީދޫއިން މުޅިން އާ ޑޭޓާ ޕްލޭންތަކެއް

ޑޭޓާ އެލަވަންސްތަކާއި ހާއްސަ ފައިދާތަކަކާއެކު އުރީދޫއިން މުޅިން އާ ޑޭޓާ ޕްލޭންތަކެއް ތައާރަފުކޮށްފިއެވެ.

އުރީދޫއިން ބުނި ގޮތުގައި ފުރިހަމަ އަދި ބޮޑެތި ޑޭޓާ އެލަވަންސްތައް އެކުލެވޭ އުރީދޫގެ މޯބައިލް ޑޭޓާ ޕެކޭޖުތަކަށް ކަސްޓަމަރުންގެ ބޮޑު މަގުބޫލުކަމެއް އަބަދުވެސް ލިބޭ ކަމަށާއި، އާ ޕްލޭންތައްވެސް ފަރުމާކުރެވިފައި ވަނީ ކޮންމެ ކަސްޓަމަރެއްގެވެސް ތަފާތު ބޭނުންތަކަށް އެކަށޭނަ ގޮތަށް ކަމަށެވެ.

އާ ޕެކޭޖުތަކުގެ ތެރޭގައި މަންތުލީ، ވީކްލީ އަދި ޑެއިލީ ޕްލޭންތަކެއް ހިމެނެއެވެ.

މަންތުލީ ޕްލޭންތަކުގެ ތެރޭގައި 1 ޖީބީއިން ފެށިގެން ގޮސް 25 ޖީބީއާ ހަމައަށް، ތަފާތު ހަތް ޕެކޭޖެއް ހިމެނެއެވެ. ވީކްލީ ޕްލޭންގެ ގޮތުގައި 1.5 ޖީބީ އަދި 3 ޖީބީ ލިބޭ ދެ ޕްލޭނެއް ހިމެނޭ އިރު، ޑެއިލީ ޕްލޭންސްގައި ހިމެނެނީ 100 އެމްބީއިން ފެށިގެން ގޮސް 250 އެމްބީ އަދި 1 ޖީބީގެ ޕެކޭޖުތަކެކެވެ. މިއިން ކޮންމެ ޕެކޭޖަކާއެކު ފްރީ މިނިޓްސްގެ ގޮތުގައި ވަކި މިންވަރެއްވެސް ލިބެއެވެ.

އުރީދޫއިން ބުނީ މީގެ އިތުރުން އުރީދޫ އެޕްގައި ހިމެނޭ "މަގޭ ޕްލޭން" ހިދުމަތް މެދުވެރިކޮށް، ބޭނުން ގޮތަކަށް އެލަވަންސާއި ފްރީ މިނިޓްސް އަދި މުއްދަތު ހިޔާރުކޮށްގެން އަމިއްލަ ކަސްޓަމައިޒްޑް ޕްލޭންސް ހެދޭނެ ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވީ އުރީދޫ މޯބައިލް އިންޓަނެޓުގެ ބޭނުން ކުރާ ކޮންމެ މީހެއްވެސް ހިތްހމަޖެހޭނެ ފަދަ ހިތްގައިމު ތަޖުރިބާއެއް ފޯޜުކޮށްދިނުމަށް އެކުންފުނިން ހާއްސަ އިސްކަމެއް ދޭ ކަމަށާއި، އުރީދޫގެ މޯބައިލް އިންޓަނެޓަކީ ދިވެހީންގެ ތެރެއިން އެންމެ ގިނަ ބަޔަކު ހޯދާ މޯބައިލް އިންޓަނެޓު ހިދުމަތަށް ވާ ސަބަބަކީވެސް މިއީ ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.

"އެއްދުވަހުން އަނެއް ދުވަހަށް ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން، މިއަދު މި ތައާރަފްކުރެވިގެންދަނީ ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށޭނެގޮތަށް ފަރުމާކޮށްފައިވާ މުޅީން އައު ޑޭޓާ ޕްލޭންތަކެއް،" އުރީދޫގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްއިން ތައާރަފުކުރި އާ ޑޭޓާ ޕްލޭންތަކުގެ ތަފްސީލު އުރީދޫގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

comment ކޮމެންޓް