އިންޑިއާ ކަނޑުގައި ކުށް މަދުކުރަން އެކުގައި މަސައްކަތްކުރަން ބޭނުން: ޝާހިދު

ޝާހިދު އަޔޯރާ ސަމިޓްގައި ---

އިންޑިއާ ކަނޑުގެ ސަރަހައްދުގައި ކުށް މަދުކުރުމަށް ގައުމުތަކާއެކު މަސައްކަތްކުރަން ބޭނުންވާކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ވެރިރަށް އަބޫދާބީގައި މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އަޔޯރާ)ގެ ކައުންސިލް އޮފް މިނިސްޓާސްގެ 19 ވަނަ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ފުރަތަމަ ފަހަރަށް ބައިވެރިވެ، ތަގުރީރު ކުރައްވަމުންނެވެ.

ޝާހިދުގެ ތަގުރީރުގައި ވަނީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އަލި އަޅުވާލާފައެވެ. އެގޮތުން ގަވާއިދާ ހިލާފަށް މިސަރަހައްދުން ކުރާ މަސްވެރިކަމާއި، ޓެރެރިޒަމް، އިންސާނީ ވަގުވިޔަފާރީގެ އިތުރުން ހަތިޔާރު ވިއްކުމަކީ ދިވެހި ސަރުކާރުން ކަންބޮޑުވާ ކަންތައްތަކެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ރާއްޖެއިން ބޭނުންވަނީ ސަރަހައްދުގެ ގައުމުތަކާ އެކުގައި އެކަންކަން ގާތުން ބަލައި، އެކަމަށް އެޅިދާނެ ހަރުދަނާ ފިޔަވަޅުތައް ދެނެގަނެ، އެކުއެކީގައި މަސައްކަތް ކުރުމަށްކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ސަރަހައްދުގެ އެއްބައިވަންތަކަން އޮތުމުން ރާއްޖޭގެ ސަރަހައްދު މެދުވެރިކޮށް ކުރަމުން އަންނަ ވިޔަފާރިތައް ފުޅާވެގެން ދާނެކަމެއް ކަމަށެވެ. އެގޮތުން އަޔޯރާއިން އެންމެ އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ސަރަހައްދުގެ ހިމާޔަތާއި ރައްކާތެރިކަން، ވިޔަފާރިއާއި އިންވެސްޓްމަންޓް، ނޫ އިގްތިސާދު، މަސްވެރިކަން، އިގްތިސާދު ކުރިއެރުމުގައި އަންހެނުން ބާރުވެރިކުރުން ފަދަ ކަންކަމަކީ ރާއްޖެއިން މުހިންމުކަން ދޭ ކަންކަން ކަމުގައި ޝާހިދު ފާހަގަކުރެއްވިއެވެ.

ރާއްޖެ އަރޯރާގެ މެމްބަރަކަށް ވީ މިދިޔަ އަހަރު ނޮމެމްބަރު މަހުގައެވެ. މިއީ ރާއްޖެއިން އަޔޯރާ ސަމިޓްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި، އަޔޯރާގެ މެމްބަރު ގައުމަކަށް ވުމަށްޓަކައި ދިވެހިރާއްޖެއިން ހުށަހެޅި ހުށަހެޅުން އަޔޯރާގެ މެމްބަރު ގައުމުތަކުން ގަބޫލުކުރެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވައި، ރާއްޖެއިން އަޔޯރާގެ ހިންގުމުގެ ގަވާއިދުތަކާއި މަގްސަދުތަށް ކުރިއެރުވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެރުވިއެވެ.

ބައްދަލުވުން ފެށުމުގެ ކުރިން މިނިސްޓަރު ޝާހިދު ވަނީ އަޔޯރާގެ 22 ވަނަ މެމްބަރު ގައުމެއްގެ ގޮތުގައި ރާއްޖެ ގުޅުނުކަމުގެ ރަސްމީ ލިޔުމުގައި ސޮއި ކުރައްވާފައެވެ.

ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރު ޝާހިދާއެކު ސަމިޓުގައި ބައިވެރިވެވަޑައިގެންނެވީ، ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ހުސައިން ނިޔާޒްއާއި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދު ފައިސަލްއެވެ.

comment ކޮމެންޓް