އަދީބުގެ ޝަރީއަތް ލައިވް ނުކުރަން ނިންމި ނިންމުން މުރާޖާ ކުރަނީ

ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އަދީބު ވާހަކަފުޅު ދައްކަވަނީ ---

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތު ކުރެވޭ އެކަކު ކަމަށްވާ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޝަރީއަތްތައް ލައިވްކޮށްގެން ކުރިއަށް ނުގެންދަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން މުރާޖާ ކުރަން އެ ކޯޓުން ނިންމައިފި އެވެ.

މިހާރު ކޯޓުގައި އޮތީ އަދީބާ ދެކޮޅަށް ތުހުމަތު ކުރެވޭ މަނީ ލޯންޑްރިންގެ ދެ މައްސަލައަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ދެ މައްސަލައަކާއި، ހިޔާނާޔްތެރިވުމުގައި ބައިވެރިވުމުގެ ދެ މައްސަލައަކާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އެއް މައްސަލަަ އެވެ.

މިއަދު މެންދުރު 2:00 އަށް ތާވަލުކޮށްގެން ކުރިއަށް ގެންދިޔަ އެ ހަތް މައްސަލައިގެ އަޑުއެހުންތަކުގައި އިބްތިދާއީ މަރުހަލާ ފެށުމުގެ ކުރިން ދައުލަތުން ވަނީ އަދީބުގެ ޝަރީއަތް ލައިވް ކުރަން ދައުލަތުން މީގެ ކުރިން އެދުނު އެދުމާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ.

ޕީޖީގެ ފަރާތުން ވާހަކަ ދެއްކި ވަކީލާ މަރިޔަމް ޝަހުމާ ވިދާޅުވި ގޮތުގައި، އަދީބުގެ ޝަރީއަތް ލައިވް ކުރަން އެދި ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ސިޓީ ފޮނުވީ، އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު އެވެ. އެ ސިޓީއަށް ޖަވާބެއް ނުލިބިގެން، އެކަމާ މެދު ނިންމި ގޮތެއް ސާފު ކުރަން އިއްޔެ އަނެއްކާވެސް ސިޓީއެއް ފޮނުވި އެވެ. އެ ސިޓީތަކަށް ކޯޓުން ޖަވާބު ދިނީ މިއަދު މެންދުރު 1:00 އެހާކަންހާއިރު އެވެ.

އެ ސިޓީގައިވާ ގޮތުން ކޯޓުން ވަނީ އަދީބުގެ ޝަރީއަތް ލައިވް ނުކުރަން ނިންމައިފަ އެވެ. އަދި، ޝަރީއަތެއް ލައިވް ކުރުމާ ބެހޭގޮތުން ކްރިިމިނަލް ކޯޓުން އެކުލަވާލި ގަވައިދުގައިވާ ގޮތުން، ޝަރީއަތެއް ލައިވް ކުރެވޭނީ އެކަމަށް ގާޒީ އިއުތިރާޒު ނުކުރާ ނަމަކަން އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ. ސިޓީގައިވާ ގޮތުން އަދީބުގެ މައްސަލަތައް ބައްލަވާ ގާޒީ އިސްމާއިލް ރަޝީދު ވަނީ ޝަރީއަތް ލައިވް ކުރަން އިއުތިރާޒު ކުރައްވައިފަ އެވެ.

ޝަހުމާ އެދިވަޑައިގަތީ ލައިވް ނުކުރަން ނިންމި ނިންމުން މުރާޖާ ކުރުމަށެވެ. އޭނާ ވިދާޅުވީ، އެ މައްސަލަ އަކީ، ދިވެހި ދައުލަތުގެ އިސް މަގާމެއްގައި ހުރި މީހަކު، 1.5 ބިލިއަން ރުފިޔާގެ ހިޔާނާތެއްގައި ބައިވެރިވި ކަމަށް ތުހުމަތުވާ މައްސަލައެއް ކަމުން، އެ މައްސަލައިގެ ބާވަތުން ޝަރީއަތް ލައިވްކޮށް އާންމުންނަށް ފެންނަ ގޮތް ހަދަން ޖެހޭ ކަމަށް، މުޅި ދިވެހި ދައުލަތާއި މުޖުތަމައު ތަމްސީލު ކުރާ ފަރާތެއްގެ ގޮތުން ގަބޫލު ކުރައްވާ ކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ ޝަރީއަތް ކްރިމިނަލް ކޯޓުގެ އިސްނެގުމަށް ލައިވް ކުރަން ނިންމީ، އެއީ އާންމު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް މައްސަލައެއް ކަމަށް ދެކިގެންކަންވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

އެ މައްސަލައިގައި އެގޮތަށް ނިންމާފައިވާއިރު، އަދީބުގެ މައްސަލައިގައި އާންމުންގެ ކަންބޮޑުވުން އޮވެގެން ޝަރީއަތް ލައިވް ކުރުން މާ އައުލާކަން ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އަދުލު އިންސާފު ގާއިމް ކުރާ އިރު އެކަން އާންމުންނަށް ފެންނަންވެސް ޖެހޭނެ ކަމަށެވެ. އޭގެ އިތުރުން، ޝަރީއަތް ލައިވް ކުރަން އެ މައްސަލައިގައި ހިމެނޭ އަނެއް ހަސްމު ކަމަށްވާ އަދީބުވެސް އެދިވަޑައިގެންފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ލައިވް ކުރަން ކޯޓުން ހެދި އުސޫލު، މައްސަލައިގައި ހިމެނޭ ހަސްމުންނާ ހިއްސާ ކުރުމަށްވެސް ޝަހުމާ އެދިވަޑައިގެންނެވި އެވެ. އަދި ލައިވް ކުރުމަށް ގާޒީ އިއުތިރާޒު ކުރާ ސަބަބު ވިދާޅުވަންވެސް އޭނާ އެދިވަޑައިގަތެވެ. ގާޒީ އިސްމާއިލް ރަޝީދު ވިދާޅުވީ، އެ ނިންމުމަކީ އިދާރީ ނިންމުމެއް ކަމުން ސަބަބު ދައުލަތަށް ބަޔާން ކުރަން ނުޖެހޭނެ ކަމަށެވެ.

އަދީބުގެ ފަރާތުން ވާހަކަ ދެއްކެވި ވަކީލު މަހުފޫޒު ސައީދުވެސް އެދިވަޑައިގަތީ، ލަައިވް ނުކުރަން ނިންމި ނިންމުން މުރާޖާ ކުރުމަށެވެ. އަދީބުގެ ފަރާތުންވެސް، ލައިވް ކުރަން އެދުނީ، އަދީބު ތަހުގީގަށް އެއްބާރުލުންދީ މައުލޫމާތު ހިއްސާކޮށްފައިވީ ނަމަވެސް، މައުލޫމާތު އާންމުންނަށްވެސް އެނގެން ބޭނުންވާތީ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި އެމްއެމްޕީއާރްސީގެ ހިޔާނާތަކީ ގިނަ ބައެއްގެ ބައިވެރިވުން އޮތް މައްސަލައެއްކަންވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ދެ ފަރާތުގެ ވާހަކަތަކަށް ފަހު ގާޒީ ނިންމެވީ، ލައިވް ނުކުރަން ނިންމެވި ނިންމުން މުރާޖާ ކުރުމަށެވެ. އޭނާ ވިދާޅުވީ، ލައިވް ކުރުމާ މެދު ގާޒީންގެ މަޖިލީހުގެ ރައުޔެއް ހޯދުމަށް ފަހު އެކަމާ މެދު ގޮތެއް ނިންމަވާނެ ކަމަށެވެ. އަދި އިބްތިދާއީ މަރުހަލާ ފަށާނީ އެކަމާ މެދު ގޮތެއް ނިންމުމަށް ފަހުގައި ކަމަށް ވިދާޅުވި އެވެ.

އަދީބުގެ މައްޗަށް މީގެ ކުރިން ތިން މައްސަލައެއްގައި ތިން ޖަލު ހުކުމެއްވެސް ކްރިމިނަލް ކޯޓުން އިއްވި އެވެ. އެއީ ފިސްތޯލައެއް ގެންގުޅުނު މައްސަލައިގައި އިއްވި 10 އަހަރުގެ ހުކުމަކާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އިއްވި 15 އަހަރުގެ ޖަލު ހުކުމަކާއި، ޅ. މާބިންހުރާ ދުކޮށްގެން ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލައިގައި އިއްވި އަށް އަހަރުގެ ޖަލު ހުކުމެކެވެ. އެ ތިން ހުކުމްވެސް ޝަރީއަތުގެ ފަހު މަރުހަލާ ކަމަށްވާ ސުޕްރީމް ކޯޓުން ނިމުނީ އަދީބާ އެއްކޮޅަށެވެ. ޕީޖީއިން އެދިގެން މާބިންހުރާ މައްސަލަ ބޭރުކޮށްލަން ސުޕްރީމް ކޯޓުން ނިންމީ މިއަދު އެވެ.

comment ކޮމެންޓް