ރައުދާގެ މަރުގެ ތަހުގީގުވެސް ނިންމައި ރިޕޯޓް ރައީސް އޮފީހަށް ފޮނުވައިފި

ރައުދާ އާތިފް --

ބަންގާޅުގައި ކިޔަވަން ހުއްޓާ ދަންޖެހިގެން މަރުވި ކަމަށް ބުނާ ދިވެހި ދަރިވަރު އަދި މޮޑެލް ރައުދާ އާތިފްގެ މަރުގެ މައްސަލަ، ގެއްލުވާލާފައިވާ މީހުންނާއި މަރާލާފަައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ތަހުގީގުކޮށް ނިންމިގޮތުގެ ރިޕޯޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ފޮނުވައިފި އެވެ.

އެ ކޮމިޝަނުން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެ މައްސަލައިގެ ތަހުގީގު ރިޕޯޓު ފައިނަލްކޮށް މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެ ރިޕޯޓު ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެ ރިޕޯޓުގެ މައުލޫމާތު އާންމު ކުރާނެ ވަކިއިރެއް އެ ކޮމިޝަނަކުން ނުބުނެ އެވެ.

ބަންގްލަދޭޝްގެ ރާޖްޝަހީ ސިޓީގައި ހުންނަ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖުގައި ޑޮކްޓަރުކަން ކިޔަވަމުން އައި ރައުދާގެ ހަށިގަނޑު ފެނިފައި ވަނީ ކޮލެޖު ހޮސްޓެލްގައި އޭނާ ދިރިއުޅުނު ކޮޓަރީގެ ތެރޭގައި ދަންޖެހިފައި ހުއްޓައެވެ. އެއީ 2017 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ.

ރައުދާ ވަޅުލުމުގެ ކުރިން އަދި ވަޅުލުމަށްފަހު ދެވަނަ ފަހަރެއްގެ މަތިންވެސް އޮޓޮޕްސީ ހެދިއެވެ. އަދި މި އަހަރުގެ މާޗު މަހުގެ ނިޔަލަށް ތަފާތު ފަސް ފަހަރަކު އޭނާގެ މަރުގެ ތަހުގީގު ހިންގާފައިވެއެވެ. މާޗު މަހު ނިންމާލި ފަސްވަނަ ތަހުގީގުގެ ރިޕޯޓު މިހާރު ވަނީ އެގައުމުގެ ފުލުހުންގެ މައި އިދާރާއަށް ފޮނުވާފައެވެ.

ދިވެހި ފުލުހުންވެސް ބަންގްލަދޭޝަށް ގޮސް ތަހުގީގުގައި ބައިވެރިވި އިރު، ރައުދާ މަރުވީ އަމިއްލައަށް ކަމަށް ކަނޑައެޅި އެއްވެސް ރިޕޯޓެއް ރައުދާގެ ބައްޕަ، ޑރ. މުހައްމަދު އާތިފް ގަބޫލެއް ނުކުރައްވައެވެ. އަދި އެ މައްސަލައިގައި އާތިފް ކޯޓަށް ވަޑައިގަތުމުން، މީހަކު މަރާލި މައްސަލައެއްގެ ތަހުގީގެއްގެ ގޮތުގައި އެ މައްސަލަ ކުރިއަށް ގެންދަން ފުލުހުންނަށް ކޯޓުން އަމުރުކުރިއެވެ.

ތަފާތު ފަސް ތަހުގީގެއް މި މައްސަލައިގައި ކުރި ނަމަވެސް ހުރިހާ ހެކިތަކަކުން ބުރަވެވެނީ ރައުދާ އަމިއްލައަށް މަރުވީކަމަށް ކަމަށް ތަހުގީގު ހިންގި ބަންގްލަދޭޝްގެ ފުލުހުން ބުނެއެވެ.

ރައުދާގެ މަރުގެ މައްސަލައަކީ މަރު ކޮމިޝަނުން ތަހުގީގުކޮށްދިނުމަށް އެދި އާންމުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން، ކޮމިޝަނުން ބަލަން ނިންމި 24 މައްސަލައިގެ ތެރޭގައި ހިމެނޭ އެއް މައްސަލައެވެ.

comment ކޮމެންޓް