ސުޕްރީމް ކޯޓުގައި އޮތް އަދީބުގެ ހިޔާނާތު މައްސަލަ ޕީޖީއިން އަނބުރާ ގެންގޮސްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު --- ފޮޓޯ/ އަހުމަދު އަވްޝަން އިލިޔާސް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް ދައުލަތުން ކުރި ހިޔާނާތުގެ ދައުވާ އިސްތިއުނާފު ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން އަނބުރާ ގެންދެވުމުން ސުޕްރީމް ކޯޓުން އެ މައްސަލައިގެ ދައުވާ ފޯމު ބާތިލު ކޮށްފި އެވެ.

އެ މައްސަލައަކީ ޅ. މާބިންހުރާ ކުރެއްދޫ ހޯލްޑިންގްސްއަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ އެކުއިޒިޝަން ކޮސްޓްގެ ފަސް މިލިއަން ޑޮލަރަށް އަދީބު ހިޔާނާތްތެރިވި މައްސަލައިގައި 2016 ވަނަ ކްރިމިނަލް ކޯޓުން އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލަ އެވެ.

ސުޕްރީމް ކޯޓުން ބުނީ އެމައްސަލައިގެ ދައުވާ ފޯމު ބާތިލުކުރީ ޕީޖީ އޮފީހުން އެމައްސަލަ އަނބުރާ ގެންދަން ނިންމައި އެކަން އެ ކޯޓަށް އެންގުމުން ކަމަށެވެ. ސުޕްރީމް ކޯޓުން އެމައްސަލައިގެ ދައުވާ ފޯމު ބާތިލުކޮށްފައިވާއިރު އަދީބުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ހަތް ދައުވާއެއްގެ މައްސަލަ މިހާރު ކްރިމިނަލް ކޯޓުގައި ފަށައިގެން ކުރިއަށް އެބަ ދެ އެވެ.

މިހާރު ކޮށްފައިވާ ހަތް ދައުވާއާ ގުޅިގެން އަދީބު ކުށަށް އިއުތިރާފުވެ އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އެ އެބަސްވުމުގައި ވާގޮތުން ހަތް ދައުވާއަށް އަދީބު ކޯޓުގައި އިއުތިރާފު ވެއްޖެ ނަމަ އަންނާނީ ޖުމްލަ 20 އަހަރުގެ ޖަލު ހުކުމެކެވެ.

މަނީލޯންޑަ ކުރުމުގެ ދެ ދައުވާއެއް ހިމެނޭ ގޮތަށް ދެން އަދީބު މައްޗަށް އުފުލާފައިވަނީ ގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއާއި ހިޔާނާޔްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އެކެވެ.

އަދީބުގެ މައްޗަށް މީގެ ކުރިން ޓެރަރިޒަމްގެ ދެ މައްސަލައެއްގައި އިތުރު ދެ ހުކުމެއްވެސް ކްރިމިނަލް ކޯޓުން އިއްވި އެވެ. އެއީ ފިސްތޯލައެއް ގެންގުޅުނު މައްސަލައިގައި އިއްވި 10 އަހަރުގެ ހުކުމަކާއި އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އިއްވި 15 އަހަރުގެ ޖަލު ހުކުމެވެ. އެ ދެ ހުކުމްވެސް ޝަރީއަތުގެ ފަހު މަރުހަލާ ކަމަށްވާ ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފަ އެވެ.

comment ކޮމެންޓް