ގިރިފުށިން ދިޔަ ވަޒަން: ވަރަށް ނާދިރު ހާލަތެއް!

ސިފައިން ބަޑިޖެހުމުގެ ތަމްރީންތަކެއް ކުރަނީ.

އިއްޔެ އިރުއޮއްސެން ދަނިކޮށް ސިއްސުވާލި ހަބަރަކީ ސިފައިން ޓްރެއިނިން ރަށް ކ. ގިރިފުށީގައި ސިފައިން ހަދަމުން ތިޔަ ތަމްރީނެއްގެ ތެރޭގައި ބަޑި ޖަހަނިކޮށް، ވަޒަނެއް ސަފާރީއެއްގައި ހުރި މީހެއްގެ ގަޔަށް އެރި ހަބަރުންނެވެ. މިއީ ރާއްޖޭގައި ހިނގި މިފަދަ ފުރަތަމަ ހާދިސާ އެވެ.

ގިރިފުށިން ޖެހި ވަޒަނެއް އަރާފައި ވަނީ އެ ރަށު ބޭރުގައި އޮތް "އީގަލް ރޭ" ކިޔާ ސަފާރީއެއްގައި ހުރި 41 އަހަރުގެ ޖަރުމަނު ފަތުރުވެރިއެއްގެ ގަޔަށެވެ. ނަސީބަކުން އެމީހާއަށް ސީރިއަސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

އެމްއެންޑީއެފް އިން ބުނީ ފަތުރުވެރިޔާގެ ގަޔަށް އެރީ ރިކޮޝޭ ނުވަތަ ތަނެއްގައި ޖެހި، ބާރު ކެނޑިފައި އޮތް ވަޒަނެއް ކަމަށެވެ. އަދި އެ ވަޒަން، ދަތުރުކޮށްފައިވަނީ ފަތުރުވެރިޔާގެ ފުއްކިބައިގެ ހަންގަނޑު މަތިން ކޭއްތިލާފައި ކަމަށެވެ.

ފަރިތަކުރުމެއްގައި ޖެހި ބަޑީގެ ވަޒަން ކަނޑުމަތީގައި ހުރި މީހެއްގެ ގަޔަށް އެރި ގޮތް މިއޮތީ އޮޅުންބޮޅުން ގަނޑެއްގެ ގޮތުގަ އެވެ. އެމްއެންޑީއެފް އިން ބުނީ ބަޑިޖެހުމުގެ ތަމްރީނުތައް ކުރިއަށް ގެންދަނީ ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށްފަހު ކަމަށެވެ.

އެގޮތުން އިއްޔެގެ ތަމްރީނުތައް ވެސް ކުރިއަށް ގެންދިޔައީ ސަލާމަތީ ފިޔަވަޅުތައް ކަށަވަރު ކުރުމަށްފަހު އެވެ. ބަޑިޖެހުމުގެ ތަމްރީނުތައް ކުރިއަށް ގެންދާކަން އަންގައިދޭން ބޮޑު ރަތް ދިދަ ވެސް ހުރީ އެ ހިސާބު މޫދުގައި ނަގާފަ އެވެ.

ސިފައިންގެ ތަމްރީނުތަކާ ގުޅޭގޮތުން ކުރިން އެމްއެންޑީއެފްގައި މަސައްކަތް ކުރެއްވި ބްރިގޭޑިޔާ ޖެނެރަލް ރިޓަޔާޑު އިބްރާހިމް މުހައްމަދު ދީދީ "ސަން" އަށް ވިދާޅުވީ އެމްއެންޑީއެފް އިން 1989 ވަނަ އަހަރު ތަމްރީނުތައް ފެށީ އިނގެރޭސީންނާއި އެމެރިކާ މީހުންނާ އަދި އިންޑިއާގެ ވެސް ވަރަށް ބޮޑު ލަފަޔަކާ އެކު ކަމަށެވެ.

އަދި އެދުވަހުން ފެށިގެން ވެސް ސިފައިންގެ އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދަނީ ބޭރުގެ ޕްރޮފެޝަނަލް އިންސްޓްރަކްޓަރުންގެ ލަފަޔާއި އިރުޝާދުގެ މަތިން ހަދާފައިވާ ގައިޑްލައިންތަކަކަށް ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އަމާޒަށް ބަޑިޖެހުމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދާއިރު، ކޮންމެ ޓާގެޓެއްގެ ފަހަތުގައި ވަޒަން ހުއްޓުވަން "ބަޓް" ނުވަތަ "ބެކްސްޓޮޕް"ގެ ގޮތުގައި އުސް ވެލިފުނިތަކެއް ހުރެ އެވެ. ޓާގެޓް ފޫއަޅުވާލާފައި ދާ ވަޒަން ވެސް އަމާޒުވާނީ އެ ބަޓް ތަކަށެވެ.

ބްރިގޭޑިޔާ ޖެނެރަލް ރިޓަޔާޑު އިބްރާހިމް މުހައްމަދު ދީދީ އިބްރާހީމް މުހައްމަދު ދީދީ

މި ހުރިހާ ސަލާމަތީ ފިޔަވަޅުތަކަކާ އެކު ތަމްރީނުތައް ކުރިއަށް ގެންދަނިކޮށް، މިއިން އެއްވެސް އެއްޗަކަށް އަމާޒުނުވި ވަޒަނެއް މިވަނީ ސަފާރީގައި ހުރި މީހެއްގެ ގަޔަށް އަރައިފަ އެވެ.

"ކިތަންމެ ރަނގަޅަށް މަސައްކަތް ކުރާ ބައެއް ވިޔަސް ހަމަ އެކްސިޑެންޓެއް ހިނގާފާނެ. ވަރަށް ރަނގަޅު ޕްރޮސީޖާތައް އޮވެގެން އެމްއެންޑީއެފް އިން އެކަން ކުރިއަށް ގެންދަނީ،" ދީދީ ވިދާޅުވިއެވެ.

ހާދިސާއަށް ފަހު އެމްއެންޑީއެފް އިން ވެސް ބުނީ ހާދިސާ ހިނގީ ވަރަށް އާދަޔާހިލާފު ގޮތަކަށް ކަމަށެވެ.

ސަފާރީގެ ސަން ޑެގު މަތީގައި ސެލްފީއެއް ނަގަން ހުރި ފަތުރުވެރިޔާގެ ގަޔަށް ވަޒަން އެރި އިރު، އެ ސަފާރީ ވެސް ދަތުރުކުރަމުން ދިޔައީ ގިރިފުށީގައި ވަޒަން ބޭނުންކުރަމުން ގެންދާއިރު ބަހައްޓަންޖެހޭ ސްޓޭންޑަޑް ދުރުމިން ބަހައްޓައިގެންނެވެ.

"ލައިވް ވަޒަން ބޭނުންކުރާ އެކްސަސައިޒްތަކަކީ އަޅުގަނޑުމެންގެ ޓްރެއިނިންގްތަކުގެ ވަރަށް މުހިންމު ބައެއް، އަދި އެ ސަރަހައްދަކުން ކަނޑުމަގުން ދަތުރުކުރާ މީހުންނަށް މިކަމުގެ އަސަރެއް ނުކުރާނެ ގޮތަށް ކަންކަންކުރުމަށް އަޅުގަނޑުމެން ސަމާލުވަން،" އެމްއެންޑީއެފް އިން ބުންޏެވެ.

ކޮންމެއަކަސް ހިނގައިގެން މި އުޅެނީ ވަރަށް ނާދިރު ހާދިސާއެކެވެ. މިހާރު ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށްޓަކައި ތަހުގީގެއް ފަށާފައިވާއިރު ތަހުގީގު ނިމެންދެން ގިރިފުށީގައި ލައިވް ވަޒަން ބޭނުންކުރާ ހުރިހާ ތަމްރީނެއް ވެސް ވަނީ މެދުކަނޑާލައިފަ އެވެ.

މި ހާދިސާ ހިނގިކަމަށްޓަކައި ސިފައިން ވަނީ މައާފަށް އެދި، އަދި މިފަދަ ކަމެއް ތަކުރާރު ނުވާނެހެން އިތުރަށް ސަލާމަތީ ފިޔަވަޅުތަކެއް އަޅާނެކަމަށް ބުނެފަ އެވެ.

މީގެ ކުރިން 2015 އަދި 2017 ވަނަ އަހަރު ކ. ހިންމަފުށީގެ ދެ ގެއަކަށް ވަޒަން އަރާފައި ހުއްޓާވެސް ވަނީ ފެނިފަ އެވެ. ނަމަވެސް އެމްއެންޑީއެފް އިން ބުނެފައި ވަނީ އެއީ ގިރިފުށިން ދިޔަ ވަޒަނެއް ނޫން ކަމަށެވެ. އެ ދެ ހާދިސާއާ ގުޅިގެން ވެސް ފުލުހުން ވަނީ ތަހުގީގުތަކެއް ކުރިއަށް ގެންގޮސްފަ އެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ފަހުން ހާމަކޮށްފައެއް ނުވެ އެވެ.

ހިންމަފުށީ ލިލީނައިޓް ގޭގެ ކުޑަދޮރަށް ވަޒަނެއް އަރާފައި ---

އެ ހާދިސާއާ ގުޅިގެން ދީދީ ވެސް ވިދާޅުވީ ގިރިފުށިން ޖަހާ ބަޑީގެ ވަޒަން ހިންމަފުށްޓަށް ފޯރުމަކީ ނުވާނެ ކަމެއް ކަމަށެވެ.

"އަޅުގަނޑު ވެސް ދިރާސާ ކުރި ކަމެއް ތީ. ގެއަކަށް ވަޒަނެއް އެރީ އެންމެ ފަހަރަކު. އެ ވަޒަނަކީ ގިރިފުށިން އައި އެއްޗެއް ކަމަކަށް ގަބޫލެއް ނުކުރެވޭ،" ދީދީ ވިދާޅުވި އެވެ.

ދީދީ ވިދާޅުވީ ފަހަރުގައި އެއީ ވަޒަނުގެ "ހުސް ދޯރި" ކޮޅަކަށް ވެސް ވެދާނެ ކަމަށެވެ. ހިންމަފުށި ސަރަހައްދުގައި 1990 ވަނަ އަހަރުން ފެށިގެން ވެސް އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންގޮސްފައި ވާއިރު، އެ ތަމްރީނުތަކުގައި ލައިވް ވަޒަން ބޭނުންކުރި ކަމަށް ދީދީ ވިދާޅުވި އެވެ.

"އޭގެ އެތިކޮޅެއް ފެނިދާނެ ވަލުތެރެއިން ވެސް. އެހެންވީމަ މި ދެންނެވި ތަންކޮޅު ފެނިގެން މީހަކު ހަމަ ސަމާސާއަކަށް ދޮރަށް ޖަހާފަވެސް ހުރެދާނެ. އާންމު ގޮތެއްގަ އެގޮތަށް ވަޒަނެއް ދޮރަށް އަރައިފިއްޔާ އިންނާނީ ފޫ އަޅާފަ. ފޫ އަޅާފަ ފަޅައިގެން ގޮސް އިންނާނީ. ގިރިފުށިން އެ ހިސާބަކަށް ވަޒަނެއް ނުފޯރާނެ،" ދީދީ ވިދާޅުވި އެވެ.

ދީދީ ވިދާޅުވީ ގިރިފުށީގައި ހިންގި ތަމްރީނެއްގައި މީގެ ކުރިން ދުވަހަކު ވެސް މިފަދަ ހާދިސާއެއް ހިނގާފައި ނުވާ ކަމަށާއި އެރަށުގައި އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދަނީ ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަ ކޮށްގެން ކަމަށެވެ. އެހެން ވީމާ އިއްޔެގެ ހާދިސާއަކީ ވަރަށް ނާދިރު ހާލަތެއްގައި ކުރިމަތުވެދާނެ ފަދަ ހާދިސާއެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް