ޓުވިޓާގެ ކުރީގެ ދެ މުވައްޒަފެއްގެ މައްޗަށް ސައުދީއަށް ޖާސޫސުކޮށްދިން ކަމުގެ ދައުވާ

ޓުވިޓާގެ ކުރީގެ ދެ މުވައްޒަފެއްގެ މައްޗަށް ވަނީ ސައުދީއަށް ޖާސޫސުކޮށްދިން ކަމުގެ ދައުވާކޮށްފަ -- ފޮޓޯ: އޭޕީ

ވޮޝިންޓަން (ނޮވެމްބަރު 7): އެމެރިކާއިން ޓުވިޓާގެ ކުރީގެ ދެ މުވައްޒަފެއްގެ މައްޗަށް ސައުދީ އަރަބިއާއަށް ޖާސޫސުކޮށްދިނުމުގެ ދައުވާކޮށްފި އެވެ.

އެމެރިކާގެ ސެން ފްރެންސިސްކޯގައި ހުންނަ ޑިސްޓްރިކްޓު ކޯޓުން ޖާސޫސު ކުރުމުގެ ދައުވާ ކޮށްފައި ވަނީ އެގައުމުގެ ރައްޔިތެއް ކަމަށްވާ އަހުމަދު އަބޫއަމޫ އާއި ސައުދީ ރައްޔިތެއް ކަމަށްވާ އަލީ އަލްޒަބާރާގެ މައްޗަށެވެ. ނިއު ޔޯކް ޓައިމްސްގައިވާ ގޮތުން އެއީ އެމެރިކާއިން ސައުދީ ރައްޔިތެއްގެ މައްޗަށް ޖާސޫސު ކުރުމުގެ ދައުވާ ކުރި ފުރަތަމަ ފަހަރެވެ.

ޑިސްޓްރިކްޓު ކޯޓުން އިއްޔެ އާއްމު ކުރި ލިޔުންތަކުގައި ވަނީ ސައުދީގެ އިތުރު ރައްޔިތެއް ކަމަށްވާ އަހުމަދު އަލްމުތައިރީގެ މައްޗަށްވެސް ޖާސޫސު ކުރުމުގެ ދައުވާކޮށްފަ އެވެ.

އެލިޔުންތަކުގައިވާ ގޮތުން ސައުދީ ސަރުކާރުގެ އޮފިޝަލުން ވަނީ އަހުމަދު އަބޫއަމޫ އާއި އަލީ އަލްޒަބާރާ ލައްވާ ބައެއް ޓުވިޓާ އެކައުންޓުތައް ހިންގާ ފަރާތްތަކުގެ މައުލޫމާތު ހޯދަން މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި ސައުދީ ސަރުކާރަށް ފާޑު ކިޔާ އެކައުންޓުތަކާއި ހަބަރު ކިޔާ ފަރާތެއް ވެސް ހިމެނޭ ކަމަށް ޔޫއެސް ޖަސްޓިސް ޑިޕާޓްމެންޓުން ބުންޏެވެ. ނަމަވެސް އެއީ ކޮން ބަޔެއް ކަމެއް އެޑިޕާޓްމެންޓުން ހާމަ ނުކުރެ އެވެ.

އަދި މީގެ ކުރިން ޓުވިޓާގައި އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތް ކުރި އަލްޒަބާރާގެ މައްޗަށް ވަނީ 2015 ވަނަ އަހަރު 6،000 ޓުވިޓާ ޔޫޒަރުންގެ އަމިއްލަ މައުލޫމާތު ހޯދި ކަމަށް ތުހުމަތުކޮށްފަ އެވެ. އެމައްސަލައިގައި އޭނާ ސަސްޕެންޑު ކުރުމުން އަލްޒަބާރާ ވަނީ އޭނާގެ އަންހެނުންނާއި ދަރިފުޅާއެކު ސައުދީއަށް ފިލާފަ އެވެ.

އެމެރިކާގެ އިންވެސްޓިގޭޓަރުން ބުނާ ގޮތުގައި އަބޫއަމޫވެސް ހުރި ކަމަށް ބެލެވެނީ ސައުދީގަ އެވެ. ނަމަވެސް އެލިޔުންތަކުގައި ފާހަގަކޮށްފައިވާ ތިން ވަނަ މީހާ ކަމަށްވާ އަލްމުތައިރީ ވަނީ އެމެރިކާގައި ހައްޔަރުކޮށްފަ އެވެ. އޭނާގެ މައްޗަށް ވަނީ ޓުވިޓާގެ ދެ މުވައްޒަފުންނާއި ސައުދީ އޮފިޝަލުންނާ ދެމެދު މެދުވެރިއެއްގެ ރޯލު އަދާ ކުރި ކަމަށް ތުހުމަތުކޮށްފަ އެވެ.

އެމެރިކާއިން ސައުދީގެ ދެ މީހެއްގެ މައްޗަށް އެދައުވާތައް ކުރީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ތުރުކީގައި ނޫސްވެރިޔާ ޖަމާލް ހާޝުގްޖީ މަރާލީ ސައުދީ ވަލީއަހުދުގެ އަމުރަށް ކަމަށް ތުހުމަތު ކުރެވިފައިވާ ދަނޑިވަޅެއްގަ އެވެ. ސައުދީ ޝާހީ އާއިލާއަށް ފާޑު ކިޔާފައިވާ ހާޝުގްޖީ އަކީ އެމެރިކާގައި ދިރިއުޅެމުން ދިޔަ އަދި ވޮޝިންޓަން ޕޯސްޓަށް ކޮލަމްތައް ލިޔެފައިވާ ފަރާތެކެވެ.

ނަމަވެސް ސައުދީ ޝާހީ އާއިލާއިން ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ.

comment ކޮމެންޓް