ކޮންކުރީޓްގެ ކުރިން އިންސާނީ ތަރައްގީގެ ފުޅާ ޕްލޭން!

ސުކޫލު ކުދިންނަށް ނާސްތާ ޕްރިގްރާމް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތު --- ސަންފޮޓޯ/ ފަޔާޒު މޫސާ

ކަމު ނުދިޔަ ވެރިކަމެއް ބަދަލުވެ އައި ސަރުކާރަކަށް އަހަރެއްވާން މިހާރު ދެން މި އޮތީ، ހަފްތާއެއްހާ ދުވަހެވެ. ތުންތުން މަތިން ކިޔާ އަޑުއިވެނީ ސަރުކާރުން ކަމެއް ނުކޮށްދޭ ވާހަކަ އެވެ. ސަރުކާރުން ކޮށްދޭ ކަމެއް ނުފެންނަ ވާހަކަ އެވެ. އިންތިހާއަށް 'ސްލޯއޭ' ވެސް ކިޔާ އުޅެ އެވެ. ފަހަރުގައި ނިމިދިޔަ ސަރުކާރުން ގެނެސްދިން ކޮންކްރީޓް ތަރައްގީގެ ބިޔަ ޕްރޮޖެކްޓް ތަކެއް ހިނގާތަން އަދި ނުފެންނާތީ، މިއީ މީހުންނަށް ހީވާ ގޮތެއް ކަމަށް ވެދާނެ އެވެ. އެކަމަކު ހިސާބު ޖަހައި ބަލައިއިރު މި ސަރުކާރުން ބޮޑު އިންވެސްޓެއް ކޮށްފި އެވެ. މިފަހަރު ކޮންކްރީޓް ތަރައްގީއަކަށް ނޫނެވެ. އިންސާނީ ތަރައްގީއަށެވެ. އެއީ މި ސަރުކާރުގެ ރިޔާސީ ކެމްޕޭންގައި ވެސް އެންމެ އަޑުހަރުކޮށް ދެއްކި ވާހަކަ އެވެ؛ "ހަގީގީ ތަރައްގީއަކީ ކޮންކުރީޓެއް ނޫނެވެ! އެއީ އިންސާނާގެ ވިސްނުމަށް އަންނަ ހެޔޮ ބަދަލެވެ،"

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އަހަރެއްވާއިރު އެންމެ ބޮޑު އިންވެސްޓްމަންޓަކީ އިންސާނީ ތަރައްގީއަށް، ތައުލީމަށް ކުރި ބޮޑު ހަރަދެވެެ. ފުރަތަމަ ފިޔަވަޅަކީ ރާއްޖޭގައި ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔަވައިދޭން ފެށުމެވެ. މަގުސަދަކީ، މަތީ ތައުލީމު އުނގެނެން ބޭނުންވެ، އެ ފުރުސަތު ނެތް ޒުވާނުންނަށް އެކަން ކޮށްދިނުމެވެ. އެކަމަކު، މިހާރުން މިހާރަށް މި އިންވެސްޓްމަންޓުގެ ހެޔޮ އަހަރުމެންގެ ލޮލަށް ނުފެނިދާނެ އެވެ. އަދި އޭގެ އަސަރު އިހުސާސްވެސް ނުވެދާނެ އެވެ.

ސަރުކާރުން ސިފަކުރާ ގޮތުގައި، މިއީ މުސްތަގުބަލަށް ކުރެވޭ އިންވެސްޓްމަންޓެކެވެ. ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔަވައިދޭން ފެށުމަކީ ވެސް މި ސަރުކާރުގެ ވައުދުތަކުގެ ތެރެއިން ހާސިލް ކުރެވުނު އެންމެ މުހިންމު ވައުދެވެ. އެ ވައުދު މި ސަރުކާރުން ހާސިލްކުރީ، ފެބުރުއަރީ، 14، 2019ގަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު --- ފޮޓޯ/ ރައީސް އޮފީސް

"ގައުމީ ތަރައްގީގެ ދާއިރާތަކުގެ ތެރެއިން ތައުލީމީ ދާއިރާއަށް މި ސަރުކާރުން ވަކިން ހާއްސަ އިސްކަމެއް ދިނީވެސް ތަރައްގީގެ އެންމެ މުހިއްމު އަސާސަކީ، ތައުލީމީ ޖީލެއް ބިނާކުރުން ކަމުގައިވާތީ،" ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔަވައިދިނުމުގެ ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ދެކެވަޑައިގަންނަވާ ގޮތުން ގައުމެއްގެ ތަރައްގީގެ އެންމެ މުހިންމު އަސާސަކީ ތައުލީމީ ޖީލެއް ބިނާ ކުރުމެވެ. މިއަހަރަށް ފާސްކުރި ބަޖެޓުގައިވެސް އަދި މިހާރު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ވިހިވިހީގެ ބަޖެޓުގައިވެސް އެންމެ ބޮޑު ހާއްސަކަމެއް އޮތީ ތައުލީމާ އެކު އިންސާނީ ތަރައްގީ އަށެވެ. މިހާރުވެސް ބަޖެޓްގައި، 3.4 ބިލިއަން ރުފިޔާ ތައުލީމީ ދާއިރާއަށް ޖަހާފައިވިޔަސް، އެ އަދަދު ފެށޭ އަހަރުގެ ބަޖެޓުގައި ވަނީ ބޮޑުކޮށްފަ އެވެ. އެގޮތުން، 37.5 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓުގެ 12 ޕަސެންޓް ހާއްސަކޮށްފައިވަނީ ތައުލީމީ ދާއިރާއަށެވެ. އެއީ 4.4 ބިލިއަން ރުފިޔާ އެވެ.

ހިލޭ ޑިގްރީ – ކާމިޔާބު ޕްރޮގްރާމެއް

ފެށޭ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ވޭތުވެ ހުރިހާ އަހަރަކާ އަޅާ ބަލާއިރުވެސް ފެށޭ އަހަރަކީ މަތީ ތައުލީމާއި އަދި މުޅި ތައުލީމީ ދާއިރާއަށްވެސް އެންމެ ބޮޑު ހަރަދު ކުރާނެ އަހަރު ކަމަށެވެ.

އެކަން ތަފްސީލްކޮށްދެއްވަމުން ރައީސް އޮފީހުގެ ޕޮލިސީ ސެކެރެޓެރީ އައިމިނަތު ޝައުނާ ސިފަކުރައްވާ ގޮތުން ފެށޭ އަހަރަކީ ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނެވިގެންދާނެ އަހަރެކެވެ. ޝައުނާ ވިދާޅުވި ގޮތުގައި ގްރޭޑް 12 ނިންމުމަށް ފަހު އެއަށްވުރެ މަތިން ތައުލީމު ހާސިލު ކުރަން ފުރުސަތު ލިބޭ ކުދިންގެ އަދަދު ރާއްޖޭގައި އޮތީ ވަރަށް މަދުވެފަ އެވެ. އެކަމަކު މި ސަރުކާރުން އެކަމަށް ނިމުމެއް ގެންނާނެ އެވެ.

"އަޅުގަނޑުމެންނަށް އަބަދުވެސް އަޑުއިވޭ ވާހަކައަކީ ޒުވާނުން ވަޒީފާއަދާކުރަން ބޭނުން ނުވެޔޭ. ހުނަރެއް ނުހުރެއޭ. ވަޒީފާގައި ނޫޅޭ ޒުވާނުންގެ އަދަދު ގިނައޭ. އެހެން ނަމަވެސް އަޅުގަނޑުމެންނަކަށް ނުވިސްނޭ ގިނަ ފަހަރަކު ކީއްވެގެން ކަމެއް މިހެން މިވާންޖެހެނީ. އެހެންވީމަ މިކަންކަން ހައްލު ކުރުމަށް އޮތް އެންމެ މުހިންމު ކަމަކީ ސަރުކާރުން އިސް ނަގައިގެންވެސް. ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެންވެސް އެބަޖެހޭ މަތީ ތައުލީމަށް އިންވެސްޓް ކުރަން." ޝައުނާ ވިދާޅުވި އެވެ.

ކެމްޕެއިނުގެ ތެރޭގައި ދޮރުން ދޮރަށް ހިނގާ ރައްޔިތުންނާ ވާހަކަދައްކާލިއިރު މަތީ ތައުލީމުގެ ފުރުސަތުތަކަށް ރައްޔިތުން ބޭނުންވެފައި ތިބި ވަރު އެނގިގެން ދިޔަ ކަމަށް ޝައުނާ ވިދާޅުވި އެވެ.

މިއަހަރުގެ ތެރޭގައިވެސް މަދުވެގެން 10،000 ކުދިންނަށް ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ސަރުކާރުން ދޭނެ އެވެ. އަދި ސްކޮލަޝިޕްތަކާއެކު ހަމަ އެކަނި މަތީ ތައުލީމަށް 750 މިލިއަން ރުފިޔާ ވަނީ ބަޖެޓްކޮށްފަ އެވެ. އިންސާނީ ތަރައްގީގެ ނަޒަރަކުން ވިސްނާލާއިރު މިއީ ގައުމަކުން ކުރާނެ އެންމެ ބޮޑު އިންވެސްޓުމަންޓެވެ. ހަގީގީ ތަރައްގީ ފެށެނީ އިންސާނާގެ ވިސްނުން ތަރައްގީވެގެން އެވެ. ކޮންކުރީޓް އަންނަނީ އެއަށް ފަހު އެވެ.

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ -- ފޮޓޯ/ ރައީސް އޮފީސް

ހަޔާ އެޑިއުކޭޝަންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރު މިހާތަނަށް 5000 އަށް ވުރެ ގިނަ ދަރިވަރުންނަށް ހިލޭ ޑިގްރީއަށް ކިޔެވޭނެ މަގު ފަހިކޮށްދީފި އެވެ. ޖުމްލަ 24 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ. ހިލޭ ޑިގްރީއަށް ކިޔަވައިދޭން ފެށުމުން ސަރުކާރުގެ ދެ ޔުނިވާސިޓީ ކަމަށްވާ ގައުމީ ޔުނިވާސިޓީއާއި އިސްލާމިކް ޔުނިވާސިޓީން ހިލޭ ކިޔެވެ އެވެ. އަދި ރާއްޖޭގައި ހިންގާ ޕްރައިވެޓް ކޮލެޖުތަކުގެ ކޯސް ފީތަކުން ވަރަށް ބޮޑުބައެއްވެސް ހިލޭވެގެންދެ އެވެ.

ފެށޭ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓުގައި ރާއްޖެ ދެ ސަރަހައްދެއްގައި ޖޫނިއާ ކޮލެޖްތައް ގާއިމް ކުރުމާއި ޓިވެޓް އިންސްޓިޓިއުޝަންތައް ގާއިމް ކުރުމާއި ގައުމީ ޔުނިވަސިޓީއާއި އިސްލާމިކް ޔުނިވަސިޓީގެ ހިދުމަތް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުޅާ ކުރުމަށް ވެސް ވަނީ ރާވައިފަ އެވެ.

ކުދިންނަށް ނާސްތާ – ނަތީޖާ ރަނގަޅުވެއްޖެ

އިންސާނީ ތަރައްގީގެ ދާއިރާއިން ބަލާއިރު ހިލޭ ޑިގްރީއަށް ކިޔަވައި ދިނުމުގެ އިތުރުން ދެން ސަރުކާރުން ހިންގި އެންމެ ބޮޑު އިންސާނީ ތަރައްގީއާ ގުޅޭ މަޝްރޫއަކީ ސުކޫލު ކުދިންނަށް ހެނދުނުގެ ނާސްތާ ދޭން ފެށުމެވެ. އެކަމަށްވެސް ސަރުކާރުން މިއަހަރުގެ ތެރޭގައިވެސް ވަނީ ބޮޑު ހަރަދެއް ކޮށްފަ އެވެ. ހެނދުނުގެ ނާސްތާ ސުކޫލު ކުދިންނަށް ދޭން ފެށީ މިއަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ.

މިއަހަރުގެ ބަޖެޓުންވެސް ޖުމްލަ 184 މިލިއަން ރުފިޔާ ވަނީ ސުކޫލު ކުދިންގެ ނާސްތާ ޕްރޮގްރާމަށް ހަރަދުކޮށްފަ އެވެ. ނާސްތާ ޕްރޮގްރާމަކީ ކުދިންގެ ހެދިބޮޑުވުމަށް އެހީއެއްގެ ގޮތުންނާއި ކުދިން ގައިގައި ވަރުޖެއްސުމަށް ސަރުކާރުން ފެށި ޕްރޮގްރާމެކެވެ.

ކޮންމެ ސްކޫލު ކުއްޖަކަށް ހެނދުނުގެ ނާސްތާގެ ގޮތުގައި ކިރުތައްޓަކާއި ދޮންކެޔޮ ވަކެއް ދިނުމަކީ ރައީސް ނަޝީދު 2013 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި އިރު ވެވަޑައިގެންނެވި ވައުދެކެވެ. އެމްޑީޕީއަށް ވެރިކަމަށް އަންނަން ފުރުސަތު ލިބުމާ އެކު އެ ވައުދު މިވަނީ ފުއްދާފަ އެވެ.

ނާސްތާ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާ، ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ ގޮތުން ސުކޫލު ކުދިންނަށް ނާސްތާ ދިނުމަކީ ރަނގަޅު ޖީލެއް ބިނާކޮށް ކުދިން ހަމަ މަގުގައި ބޭތިއްބުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ކުދިންނަށް ރަނގަޅަށް ކިޔެވޭނީ ނާސްތާ ސުކޫލުން ދީގެން އެވެ. ނަތީޖާ ރަނގަޅުކުރަން އެއީ ކޮންމެހެން ލާޒިމްކަމެކެވެ.

"ކުދިން މަދަރުސާއަށް އަންނަ އިރުގައި ރަނގަޅަށް ބަނޑު ނުފުރައި، ސައި ނުބޮވި މަދުރުސާއަށް އައީމާ، ދެން ވެގެންދާ ގޮތަކީ މަދު އަދަދެއްގެ ކުދިން ނަމަވެސް، ކުލާހުގައި އިންނަ އިރުގައި އެ ކުދީންނަށް ފިލާވަޅުތަކަށް، ޓީޗަރުންނަށް ދޭން ޖެހޭ އަހަންމިއްޔަތުކަން، ބަހައްޓަން ޖެހޭ މުހިންމުކަން ނުބެހެއްޓޭ. އެހެން ނުބެހެއްޓުނީމާ އެ ކުއްޖާ މަޑު މަޑުން ކްލާހުގައި ދަށްވަމުން ދަށްވަމުން ދަނީ،" ނަޝީދު ވިދާޅުވި އެވެ.

ބޮޑު ޕްލޭނަކާއެކު ސަރުކާރުން ފެށި އެ ޕްރޮގްރާމުގެ ރަނގަޅު ނަތީޖާއެއް ފެންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ، ކުދިންގެ ނަތީޖާއަށް އެކަމުން ހެޔޮ އަސަރުކޮށްފައިވާ ކަމަށެވެ. މި އަހަރުގެ ތެރޭގައިވެސް ނާސްތާ ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ވަނީ ބަޖެޓްކޮށްފަ އެވެ.

މި ސަރުކާރުން ފުރަތަމަ ކަމަކަށް ހެދީ، އިންސާނީ ތަރައްގީގެ ބިޔަ މަޝްރޫއަށް އިސްކަންދިނުމެވެ. އަދި ނަފްސާނީ ބަލިތަކަށް އާސަންދައިގެ ތެރެއިން ފަރުވާ ދިނުމާއި، ތެރަޕީ ޕްރޮގްރާމްތައް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފުޅާ ކުރުމަކީ ސަރުކާރުން ސަރުކާރުގެ ބޮޑު ޕްލޭނެއް އެބަ އޮތެވެ. ސަރުކާރުން ގަބޫލު ކުރަނީ ކޮންކްރިޓް ތަރައްގީގެ ކުރިން ފުރަތަމަ އަންނަންވީ އިންސާނީ ތަރައްގީ އެވެ. އެއަށް ފަހު، ދެން ކޮންކުރީޓް ތަރައްގީ އެވެ. ތަރައްގީއަކީ ހަމައެކަނި ބޮޑު ހިލަ ޖެހި ބަނދަރާއި ބްރިޖެއް ނޫނެވެ. އެއީ އިންސާނާ ތަރައްގީ އެވެ.

comment ކޮމެންޓް