ގިރިފުށީގައި ވަޒަން ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލައިފި

ސިފައިން ކުރިއަށް ގެންދިޔަ ތަމްރީނުގެ ތެރެއިން-- ފޮޓޯ: އެމްއެންޑީއެފް

ކ. ގިރިފުށީގައި ތަމްރީނު ހެދުމުގެ ގޮތުން ސިފައިން މިއަދު ބަޑި ޖަހަމުން ދަނިކޮށް، އެ ރަށް ކައިރިން ދަތުރުކުރި ސަފާރީ އުޅަނދެއްގައި ހުރި ފަތުރުވެރިއެއްގެ ގަޔަށް ވަޒަނެއް އެރި ހާދިސާއާ ގުޅިގެން އެ ރަށުގައި ލައިވް ވަޒަން ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.

ކ. ގިރިފުށިން ޖެހި ވަޒަނެއް އަރާފައި ވަނީ އެ ރަށު ބޭރުގައި އޮތް "އީގަލް ރޭ" ކިޔާ ސަފާރީއެއްގައި ހުރި 41 އަހަރުގެ ޖަރުމަނު ފަތުރުވެރިއެއްގެ ގަޔަށެވެ.

އެމްއެންޑީއެފުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަތުރުވެރިޔާގެ ގަޔަށް އެރީ ތަނެއްގައި ޖެހި، ބާރު ކެނޑިފައި އޮތް ވަޒަނެއް ކަމަށެވެ. އަދި އެ ވަޒަން، އެމްއެންޑީއެފްއިން ބުނި ގޮތުގައި، ދަތުރުކޮށްފައިވަނީ ފަތުރުވެރިޔާގެ ފުއްކިބައިގެ ހަންގަނޑު މަތިން ކޭއްތިލާފައެވެ.

މި ހާދިސާ ހިނގީ ވަރަށް އާދަޔާޚިލާފު ގޮތަކަށް ކަމަށާއި، ސަފާރީ އުޅަނދު ދަތުރުކުރަމުން ދިޔައީ ގިރިފުށީގައި ވަޒަން ބޭނުންކުރަމުން ގެންދާއިރު ބަހައްޓަންޖެހޭ ސްޓޭންޑަޑް ދުރުމިން ބަހައްޓައިގެން ކަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ އެ މުއައްސަސާއިން ހިންގާ ތަމްރީނުތަކުގައިވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ސިފައިންނާއި އާންމުންގެ ވެސް ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ.

https://sun.mv/126928

"ލައިވް ވަޒަން ބޭނުންކުރާ އެކްސަސައިޒްތަކަކީ އަޅުގަނޑުމެންގެ ޓްރެއިނިންގްތަކުގެ ވަރަށް މުހިންމު ބައެއް، އަދި އެ ސަރަހައްދަކުން ކަނޑުމަގުން ދަތުރުކުރާ މީހުންނަށް މިކަމުގެ އަސަރެއް ނުކުރާނެ ގޮތަށް ކަންކަންކުރުމަށް އަޅުގަނޑުމެން ސަމާލުވަން،" އެެ ބަޔާނުގައި ވެއެވެ.

ގައުމީ ދިފާއީ ބާރުން ބުނެފައިވަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށްޓަކައި ތަހުގީގެއް ފަށާފައިވާ ކަމަށާއި، ތަހުގީގު ނިމެންދެން ގިރިފުށީގައި ލައިވް ވަޒަން ބޭނުންކުރާ ހުރިހާ ތަމްރީނެއް މެދުކަނޑާލާފައިވާ ކަމަށެވެ.

މި ހާދިސާ ހިނގިކަމަށްޓަކައި ސިފައިން ވަނީ މައާފަށް އެދި، އަދި މިފަދަ ކަމެއް ތަކުރާރު ނުވާނެހެން އިތުރަށް ސަލާމަތީ ފިޔަވަޅުތަކެއް އަޅާނެކަމަށް ބުނެފައެވެ.

މި ހާދިސާގައި އަނިޔާ ލިބުނު ޖަރުމަނުގެ ފަތުރުވެރިޔާއަށް ކ. ހިންމަފުށިން ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް ހުޅުމާލެއަށް ވަނީ ގެނެވިފައެވެ.

comment ކޮމެންޓް