ކެލިފޯނިއާގެ ޖަލެއްގެ ސީލިންގައި ބާގަނޑެއް ހަދައިގެން ދެ ގައިދީން ފިލައިފި

ކެލިފޯނިއާގެ ޖަލުން ފިލި ސަންޓޯސް ސެމުއެލް ފޮންސެކާ އާއި ޖޮނަތަން ސަލަތާ -- ފޮޓޯ: ޝެެރިފްސް އޮފީސް

ވޮޝިންޓަން (ނޮވެމްބަރު 6): އެމެރިކާގެ ކެލިފޯނިއާގެ ޖަލަކުން ދެ ގައިދީއަކު ފިލީ ސީލިންގައި ބާގަނޑެއް ހަދައިގެން ކަމަށް އެސްޓޭޓުގެ ފުލުހުން ބުނެފިއެވެ.

ކެލިފޯނިއާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި 21 އަހަރުގެ ސަންޓޯސް ސެމުއެލް ފޮންސެކާ އާއި 20 އަހަރުގެ ޖޮނަތަން ސަލަތާ ޖަލުން ފިލަންވެގެން ބާގަނޑެއް ހެދީ ފާހާނާގެ ސީލިންގަ އެވެ. އަދި އެއީ ގާޑުންނަށް ނުފެންނަ ހިސާބެއްގައި ހެދި ބާގަނޑެއް ކަމަށާއި އޭގެ ފުޅާ މިނުގައި ހުރީ 22 އިންޗި ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.

އެބާގަނޑުން އެމީހުން އެރީ ސީލިން މައްޗަށެވެ. އަދި އެތަނުން ފިރުކިފައި ގޮސް، ފެންލައިޓަކުން ފައިބައިގެން ފިލީއެވެ. އެ ފެންލައިޓު ހުރި ދިމާލަކީ އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ސަރަހައްދެއް ކަމުން އެތަނުގައި ސެކިއުރިޓީ ފެންސުތައް ޖަހާފައި ނެތްކަމަށް އޮފިޝަލުން ވިދާޅުވިއެވެ.

ނަމަވެސް ޖަލުގެ ސީލިންގައި އެބާގަނޑު ހެދީ ކިހިނެއް ކަމެއް އޮފިޝަލުން ހާމަނުކުރެއެވެ.

ކެލިފޯނިއާގެ އޮފިޝަލުން ބުނި ގޮތުގައި އެ ބާގަނޑުގެ ފުޅާމިނުގައި ހުރީ 22 އިންޗި -- ފޮޓޯ: ޝެރިފްސް އޮފީސް

ކެލިފޯނިއާގެ ނޫސްތަކުގައިވާ ގޮތުން ފޮންސެކާއާއި ސަލަތާއަކީ ތަފާތު ދެ މަރުގެ މައްސަލައަކާ ގުޅިގެން މިދިޔަ އަހަރު ހައްޔަރުކުރި ދެ މީހުންނެވެ. އަދި ފޮންސެކާގެ މައްޗަށް ވަނީ 2018 ވަނަ އަހަރު ދެ މީހަކު މެރުމުގެ ދައުވާކޮށްފައެވެ. އަދި ސަލަތާގެ މައްޗަށް ވަނީ 2017 ވަނަ އަހަރު މީހަކު މެރުމުގެ ދައުވާކޮށްފައެވެ. އެ ދެ މީހުންވެސް ވަނީ ދައުވާތަކަށް އިންކާރުކޮށްފައެވެ.

ކެލިފޯނިއާއިން ވަނީ އެ ދެ މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށް ބުނެ، އެމީހުންނާ ބެހޭ މައުލޫމާތު ފޯރުކޮށްދޭ މީހަކަށް 5،000 ޑޮލަރު ހުށަހަޅާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް