ސިފައިންގެ ތަމްރީނުގައި ޖެހި ވަޒަނެއް ޓޫރިސްޓެއްގެ ގަޔަށް އަރައިފި

ވަޒަން އަރައިގެން ޒަހަމްވި ޓޫރިސްޓް މީހާ ހުޅުމާލެއަށް ގެނެސްފައި -- ސަން ފޮޓޯ/ ކިޔުންތެރިއެއް

ކ. ގިރިފުށީގައި ތަމްރީނު ހެދުމުގެ ގޮތުން ސިފައިން މިއަދު ބަޑި ޖަހަމުން ދަނިކޮށް، އެ ރަށް ކައިރިން ދަތުރުކުރި ސަފާރީއެއްގައި ހުރި މީހެއްގެ ގަޔަށް އެ ރަށުން ޖެހި ވަޒަނެއް އަރައިފި އެވެ.

ހިންމަފުށިން ވާހަކަ ދެއްކި ބައެއް މީހުން މިއަދު "ސަން"އަށް ބުނީ ގިރިފުށިން ޖެހި ވަޒަނެއް އަރާފައި ވަނީ އެ ރަށު ބޭރުގައި އޮތް "އީގަލް ރޭ" ކިޔާ ސަފާރީއެއްގައި ހުރި ޔޫރަޕްގެ ފަތުރުވެރިއެއްގެ ގަޔަށް ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވަޒަން އަރައިގެން ޒަހަމްވެފައިވަނީ ޖަރުމަނުގެ ފަތުރުވެރިއެކެވެ.

އެމްއެންޑީއެފް އިން ބުނީ، ޓޫރިސްޓް މީހާގެ ގަޔަށް އަރާފައި ވަނީ ތަނެއްގައި ޖެހި ބާރު ކެނޑިފައިވާ ވަޒަނެއް ކަމަށެވެ. އަދި ވަޒަން ދަތުރުކޮށްފައިވަނީ އެމީހާގެ ކަރުގެ ބޭރުން ހަންގަނޑު މަތިން ކޭތިލާފައި ކަމަށެވެ.

ވަޒަން އެރި ޓޫރިސްޓް މީހާ ހުރި ސަފާރީ. -- ފޮޓޯ/ ކިޔުންތެރިއެއް

އެމީހާއަށް އިތުރު ފަރުވާ ދިނުމަށް މިހާރު ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. އެމްއެންޑީއެފް އިން ބުނީ އޭނާއަށް ސީރިއަސް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި ހާލު ރަނގަޅު ކަމަށެވެ.

ފުލުހުންނާއި އެމްއެންޑީއެފް އިން ވެސް އަންނަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އެމްއެންޑީއެފް އިން ބުނީ މިއަދު ސިފައިން ގިރިފުށީގައި ގާއިމްކުރެވިފައިވާ ފަޔަރިން ރޭންޖުގައި ލައިވް ފަޔަރިންގ ފަރިތަކުރުންތަކެއް ކުރިއަށް ގެންދިޔައީ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ކަމަށެވެ.

comment ކޮމެންޓް