ރާއްޖެ މޮޅަށް ކުޅުނު ނަމަވެސް މޮޅު ލިބުނީ މެލޭޝިޔާއަށް

ގައުމީ ފުޓުބޯޅަ ޓީމުން މި އަހަރުގެ އައިއޯއަިޖީގައި ކުޅުނު މެޗެއްގެ ތެރެއިން --- އެމްއޯސީ ފައިލް ފޮޓޯ

ވޯލްޑް ކަޕް ކޮލިފައިން އަދި އޭޝިއަން ކަޕްގެ ކޮލިފައިންގައި ފިލިޕީންސް އާއި ގުއާމްއާ ދެކޮޅަށް ކުޅޭ މެޗަށް ދިވެހި ޓީމް ތައްޔާރުވަމަށް މެލޭޝިޔާގައި ކުރަމުން އަންނަ ކޭމްގައި، ރޭ ކުޅުނު ރަހުމަތްތެރިކަމުގެ މެޗަކުން މެލޭޝިޔާ އަތުން ރާއްޖެ ހަނިގޮތަކަށް ބަލިވެއްޖެ އެވެ.

މެލޭޝިޔާގައި ކުރަމުން އަންނަ ތަމްރިންތަކުގެ ތެރެއިން އެޤައުމުގެ ޤައުމީ ޓީމާ އެކު ކުޅުނު މެޗުން ރޭ ރާއްޖެ ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ. އެ މެޗުން ބަލިވި ނަމަވެސް މެޗުގައި ގިނަ ހަމަލާތައް އުފައްދާ މޮޅަށް ކުޅުނީ ދިވެހި ޓީމެވެ. ދިމާވި މައްސަލައަކީ ގޯލު ނުޖެހުމެވެ. މެލޭޝިޔާއިން އުފެއްދި މަދު ހަމަލާތަކުން އެ ޓީމަށް ގޯލު ޖެހުނު ނަމަވެސް މެޗު އެކީއެކަށް ކޮންޓްރޯލް ކުރީ ދިވެހި ޓީމެވެ.

މެޗު ފެށިގެން މެލޭޝިޔާއިން ލީޑު ނެގި އިރު ރާއްޖެއަށް ނަތީޖާ ހަމަހަމަކޮށްދިނީ އީގަލްސްގެ ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) އެވެ. މެލޭޝިޔާއިން މެޗުގައި ލީޑު ނެގީ ޕެނަލްޓީއަކުންނެވެ. ރާއްޖެއަށް އެ މެޗުގައި ހުސް ގިނަ ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން ރޭގެ މެޗުގައި ރާއްޖޭގެ ހަމްޒާ މުހައްމަދު (ހަމްޕް) ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށެވެ. އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) ފޮނުވާލި ބޯޅަ މެލޭޝިއާގެ ކީޕަރު ސޭވް ކުރީ އެވެ. އަދި އަސަދުﷲ އަބްދުﷲ އަށް ލިބުނު ހުސް ފުރުސަތު ވެސް ދިޔައީ ބޭނުން ނުކުރެވި އެވެ.

މި މެޗަށް ފަހު ޤައުމީ ޓީމްގެ ކޯޗު ޕީޓަރު ސެގާޓް ބުނީ މެޗުގައި ގިނަ ހަމަލާ އުފައްދައި މުޅި މެޗު ކޮންޓްރޯލްކުރީ ވެސް ދިވެހި ޓީމުންކަމަށާއި މޮޅުވުން ހައްގީވެސް ދިވެހި ޓީމްކަމަށެވެ. ހުސް ފުރުސަތުތަކެއް ދިވެހި ޓީމުން ތަނަވަސްކުރި އިރު، ރާއްޖެއަށް އިތުރު ގޯލްތަކެއް ނުޖެހުނީ މެލޭޝިޔާގެ ކީޕަރުވެސް މޮޅުވުމުންކަމަށް ވެސް އޭނާ ބުންޏެވެ.

"ވަރަށް އުފާވެރި ގޮތަކަށް މެޗުގެ ކަންތައްތައް ދިޔައީ. ޓީމުގެ ފަރާތުން ޕޮސިޓިވް ގިނަ ކަންކަން ފެނުން. ފަންސަވީސް ކުޅުންތެރިން ވެސް މެޗުގައި ކުޅުނު. އަނެއްކޮޅުން އަހަރުމެން މެޗު ކޮންޓްރޯލްކުރީ، ގިނަ ހަމަލާ އުފެއްދީވެސް. މެލޭޝިޔާ އަތުން ދިވެހި ޓީމް މޮޅުވުން ހައްގު. ވަރަށް މޮޅަށް ކުޅެފި އެންމެންވެސް، ހާއްސަކޮށް ޒުވާން ކުދިން ދެއްކި ހިތްވަރު ފާހަގަކޮށްލަން."

ކޯޗު ސެގާޓް ބުނީ މި މެޗުގެ ނަތީޖާއާއިމެދު ނުވިސްނާކަމަށާއި ބޭނުންވީ މިވަރުގެ ޓީމަކާއި ދެކޮޅަށް ރާއްޖޭގެ ޒުވާން ކުޅުންތެރިން ނެރެ އެ ކުޅުންތެރިންނަށް ހިތްވަރުދޭންކަމަށެވެ. އޭނާ ބުނީ ބޭނުންވި ކަންތައް ވަރަށް ރަނގަޅަށް ހާސިލްކުރެވިއްޖެކަމަށާއި، މެޗުގައި ސީނިއާ ކުޅުންތެރިންނަށް ވުރެ ޒުވާން ކުޅުންތެރިން މޮޅަށް ކުޅުނުކަމަށެވެ.

މި މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއިން މެލޭޝިއާގައި ޓްރެއިނިން ކޭމްޕްގައި ތަމްރީން ހަދާނެ އެވެ. ކޮލިފިކޭޝަންގައި އަންނަ ބުރާސްފަތި ދުވަހު ގައުމީ ޓީމު ނުކުންނާނީ ފިލިޕީންސާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި މި މަހު 19 ވަނަ ދުވަހު ނުކުންނާނީ ގުއާމްއާ ދެކޮޅަށެވެ. ފުރަތަމަ މެޗުގައި ރާއްޖެއިން ވަނީ ގުއާމްގައި މޮޅުވެފަ އެވެ.

comment ކޮމެންޓް