ބަޖެޓް ބަހުސަށް 21 ގަޑިއިރު ކަނޑައަޅައިފި

ނޮވެމްބަރ 5، 2019: އަންނަ އަހަރަ(2020)އަށް ލަފާކުރާ ދައުލަތުގެ ބެޖެޓު ދިރާސާކުރާ ރައްޔިތުން މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުން މަޖިލީހަށް ހުށަހަޅައިފައިވާ 2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރަން 21 ގަޑިއިރު، މަޖިލީހުގެ އާންމު ކޮމިޓީން ކަނޑައަޅައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބަޖެޓަށް ބަހުސް ކުރުމަށް އާންމު ކޮމިޓީން ކަނޑައެޅި އުސޫލަކީ، ފުރަތަމަ ފުރުސަތުގައި ކޮންމެ މެމްބަރަކަށް 15 މިނެޓު ކަނޑައަޅާފައިވާ ކަމަށެވެ.

އަދި ކޮމިޓީ މަރުހަލާއަށް ފަހު، ކޮންމެ މެމްބަރަކަށް ހަތް މިނެޓުގެ ވަގުތު ބަޖެޓް ބަހުސްގައި ދޭން ކަނޑައަޅާފައިވާ ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވި އެވެ.

"ފުރަތަމަ ފުރުސަތު 15 މިނެޓު ކޮންމެ މެމްބަރަކަށް ކަނޑައެޅުމުން އެއީ 21 ގަޑިއިރުގެ ބަހުސް،" ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް 45 މިނެޓްގެ ފުރުސަތެއް ދޭން ވެސް ވަނީ ނިންމައިފަ އެވެ.

ނަޝީދު ވިދާޅުވީ ބަޖެޓުގެ ބަހުސް އަންނަ އަންގާރަ ދުވަހު ފަށާނެ ކަމަށާއި، ބަހުސް ކުރިއަށް ގެންދަން ރޭގަނޑު ވެސް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ.

ބެޖެޓު ދިރާސާކުރާ ކޮމިޓީގެ މުގައްރަރަކަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާ މެމްބަރު މުހައްމަދު ނާޝިޒު އަދި ނައިބު މުގައްރަރަކަށް އަލިފުށި ދާއިރާ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވަނީ ރޭ ހަމަޖައްސައިފަ އެވެ.

ބަޖެޓު ދިރާސާކުރުމުގެ މަސައްކަތްކުރަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިގްތިސާދީ ކޮމިޓީ އެއްކޮށްލައިގެން އުފައްދާ ވަގުތީ ކޮމިޓީންނެވެ.

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ފިނޭސް މިނިސްޓަރު އިބްރާހިމް އަމީރު ރަސްމީކޮށް ހުށަހެޅުއްވީ ހޯމަ ދުވަހު އެވެ. އެ ބަޖެޓަކީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓަކެވެ.

ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، 2020ގެ ބަޖެޓަކީ ވަރަށް ފުރިހަމަ ބަޖެޓެއް ކަމަށާއި ބަޖެޓު އޮތް ގޮތަށް ފާސް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

comment ކޮމެންޓް