ޖޭއެސްސީގެ ފޯމޭޝަންގެ ވާހަކަ އޮއްބާލައިފި! އަލުން ފަށަން ޖެހޭ!

ޖޫން 20، 2019: ޖޭއެސްސީ އިން ބަލަމުންދާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަ އާންމުންނަށް ހުޅުވާލައިގެން ދަރުބާރުގޭގައި ކުރިއަށް ގެންދިޔަތަހުގީގު އަޑުއެހުުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ޖޭއެސްސީގެ ފޯމޭޝަަން އޮތް ގޮތުން ޝަރުއީ ދާއިރާއަށް ސިޔާސީ މީހުން އަތް ބާނަން ފުރުސަތު ލިބި، އިންސާފު ގާއިމް ކުރަން ހުރަސް އެޅޭ ވާހަކަ އަކީ ސަރުކާރުގައި ތިބި ބޭފުޅުން މީގެ މަދު މަސް ކޮޅެއް ކުރިން އިދިކޮޅުގައި ތިބެ، ދައްކަމުން އައި ވާހަކައެކެވެ. އެކަމަކު، ބާރު ލިބި، އެ ފޯމޭޝަނުގެ ފޮނި މިއަދު ލިބެން ފެށުމުން "ޔޫ ޓާނެއް" ނަންގަވައި، ސަރުކާރު ކޮޅުގައި ތިއްބެވި ސިޔާސީ ބޭފުޅުން އެ ވާހަކަތައް މި ވަނީ "އޮއްބާލާ" އެވެ.

އަނެއްކާވެސް އެ ވާހަކަ ދައްކަން މި ފެށުނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑުރިންގެ ދައުވާގައި ހުކުމް އިއްވަން ތާވަލްކޮށްފައި ވަނިކޮށް، ކުރިމިނަލް ކޯޓްގެ އިސް ގާޒީ ޖޭއެސްސީ އަށް ހާޒިރުވާން އެންގުމުން އެވެ. އެކަމަކު އޭނާ ހާޒިރުނުވުމުން އެ ކޮމިޝަންގެ މެޖޯރިޓީގައި ސިޔާސީ ބޭފުޅުން ތިއްބަވައިގެން ނިންމެވީ އެ ގާޒީ ސަސްޕެންޑް ކުރުމަށެވެ.

އެކަމަކު، ޝަކުވާ އާއި ކަންބޮޑުވުމަކީ، ހުކުމެއް އިއްވަން ތައްޔާރުވެފައި ހުންނެވި ގާޒީއަކާ މެދު ރައީސް ޔާމީންގެ އެންމެ ބޮޑު ސިޔާސީ ވާދަވެރިޔާ އާއި އެމަނިކުފާނުގެ ބަސް ހިނގާ އެމްޑީޕީގެ މެމްބަރުންތަކެއްގެ ފުރިހަމަ ބާރުގައި އޮތް ޖޭއެސްސީއިން ފިޔަވަޅު އެޅުމެވެ.

ޖޭއެސްސީއިން އެކަން ކުރީ ރަނގަޅު ނިޔަތެއްގައިވީ ނަމަވެސް، އާންމު ބުއްދިއަކަށް ނަގައި ގަނެވޭ މަންޒަރަކީ ޖޭއެސްސީގެ އެ ފިޔަވަޅަކީ ގާޒީ ހައިލަމް ވަކިގޮތަކަށް ހުކުމް އިއްވަފާނެތީ އެކަން ހުއްޓުވައި އެ ހުކުމަށް ނުފޫޒު ފޯރުވުމުގެ ފިޔަވަޅެއް ކަމަށެވެ. އެގޮތަށް ނަގައިގަނެވުނީ ޖޭއެސްސީގެ އެ ބައްދަލުވުމުގައި މުޅިންހެން ކަހަލަ ގޮތަކަށް ވަކި އަތަކަށް ބުރަވެފައިވާ ސިޔާސީ ބޭފުޅުން ތައްބަވާތީ އެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަހުމަދު ހައިލަމްް (މެދުގަައި): އިއްޔެ ޖޭއެސްސީއިން ވަނީ އޭނާ ސަސްޕެންޑުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖޭއެސްސީގައި ތިއްބަވާ މެމްބަރުންގެ ތެރޭގައި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ ގޮތުގައި އެމްޑީޕީއަށް ނިސްބަތްވާ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން، ރައީސް އައްޔަން ކުރައްވާފައިވާ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު އަދި ކޮމިޝަންގެ ނައިބު ރައީސްއަކަށް އިންނަވާ ރައީސްގެ މެންބަރު، ގާނޫނީ ވަކީލް އަހުމަދު މަސްތޫރު ހިމެނިވަޑައިގަންނަވައެވެ.

ޖޭއެސްސީއާ މެދު ރާގު ބަދަލުވެއްޖެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ކަމަށް އިންތިހާބުވެވަޑައިގަތުމަށްފަހު "ސަން"އަށް ދެއްވި ހާއްސަ އިންޓަވިއުގައި ވިދާޅުވީ ގާނޫނު އަސާސީ އެކުލަވާއިރު ޖުޑިޝަލް ސާވިސް ކޮމިޝަން އެކުލަވާލީ ސައުތުއެފްރިކާގެ މޮޑެލްއަށް ކަމަށެވެ. އެ މޮޑެލް އަކީ، ގަނޑެއްގައި ލިޔެފައި އޮންނަ އިރު ކިތަންމެހާވެސް ރީތި މޮޑެލްއެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަނެއްހެން ލިޔެލާފައި އޮންނަ އިރު ވަރަށް ރީއްޗެއް ނޫންތޯ. އެއަށް ވުރެ ނަޒާހާތްތެރި ބައެއް ކޮންތާކުންތޯ ހޯދާނީ. ބަންޑާރަނައިބު އެބަ އިންނަވާ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އެބަ އިންނަވާ. ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް އެބަ އިންނަވާ. ހައިކޯޓުގެ ފަނޑިޔާރެއް އެބަ އިންނަވާ. ދަށު ކޯޓުތަކުގެ ފަނޑިޔާރެއް އެބަ އިންނަވާ. ވަކީލެއް އެބަ އިންނަވާ." ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު "ސަން"އަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމަނިކުފާނު އެ ދުވަހު ވިދާޅުވީ، ރަނގަޅަށް އެކުލަވާލާފައިވީ ނަމަވެސް ޖޭއެސްސީ ރަނގަޅަށް ފަންގްޝަން ކުރާތަން ނުފެންނަ ކަމަށެވެ. އެހެންވީމާ ފޯމޭޝަނަށް ގެންނަން ޖެހޭ ބަދަލުތަކާ މެދު ވިސްނަމުންދާ ކަމަށް ވިދާޅުވި އެވެ. ފޯމޭޝަނަށް ބަދަލު ގެންނަ ވާހަކަ އަކީ އެ ބޭފުޅުންގެ ކެމްޕޭނުގައިވެސް ދެއްކެވި ވާހަކަ އެކެވެ. ވައުދުތަކާ ގުޅިލާމެހިގެން އެވާހަކަ އައެވެ.

އެކަމަކު، މި އަހަރުުގެ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ސަން"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވަނީ ޖޭއެސްސީގެ ފޯމޭޝަނުގައި މައްސަލައެއް ނެތް ކަމަށް ދޭހަވާ ގޮތަށް ވާހަކަފުޅު ދައްކަވައިފަ އެވެ.

"ޖޭއެސްސީގެ ފޯމޭޝަން ބަދަލު ކުރަން ބަލާ އިރު އެތާ އެ ތިއްބެވީ ކޮން ބައެއްތޯ ވިސްނާލަން އެބަ ޖެހޭ. ބަންޑާރަނައިބު އެބަ އިންނަވާ އެތަނުގައި. ރައްޔިތުންގެ މަޖިލީހުގެ ރައީސް އެބަ އިންނަވާ އެތަނުގައި. ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް އެބަ އިންނަވާ. ހައިކޯޓުގެ ފަނޑިޔާރެއް އެބަ އިންނަވާ. ދަށު ކޯޓުން ފަނޑިޔާރެއް އެބަ އިންނަވާ. ވަކީލުން އިންތިހާބު ކުރައްވައިގެން ވަކީލަކު އެބަ އިންނަވާ. ރައްޔިތުންގެ މަޖިލީހުން ރައްޔިތުންގެ ތެރެއިން ހޮވާ މީހަކު އެބަ އިންނަވާ. މިއަށް ވުރެ ނަޒާހަތްތެރި، މިއަށްވުރެ ރަނގަޅަށް ހޮވާލެވޭނެ ބަޔަކު ކޮބައިތޯއޭ. ފޯމޭޝަން ބަދަލު ކުރަން ވިސްނާ އިރުގައި އެއާ ދޭތެރޭގައި ވިސްނާލަން ޖެހޭ. ކޮންތާކުންތޯއޭ މިވަރުގެ ބަޔަކު ހޯދާނީ އަޅުގަނޑުމެން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ސެންޓެންބަރ 9، 2019: ރައީސް ނޫސްވެރިންނައް ދެއްވި ޕްރެސް ކޮންފަރެންސްގެ ރެތެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އެމަނިކުފާނު އެ ދުވަހު ވިދާޅުވީ، ފޯމޭޝަން ރަނގަޅު ނަމަވެސް، މައްސަލައަކީ ޖޭއެސްސީ ފަންކްޝަން ނުކުރުން ކަމަށެވެ. އަދި ޖޭއެސްސީގެ ފޯމޭޝަނަށް ބަދަލު ގެންނަން ޖެހޭތޯ ބަލާނެ ކަމަށް ވިދާޅުވި އެވެ.

ޖޭއެސްސީގެ ފޯމޭޝަން ބަދަލު ކުރަން ޖެހޭ ވާހަކަ އަކީ ފުންނާބު އުސް ގާނޫނީ ވަކީލުންވެސް މީގެ ކުރިން ދައްކަމުން ގެންދެވި ވާހަކަ އެކެވެ. ކުރީގެ ބަންޑާރަނައިބު ހުސްނުއްސުއޫދު ފަދަ ބޭފުޅުންވެސް އެކި އެކި ހަފްލާތަކުގައި އެ ވާހަކަ ދައްކަވާފައިވެ އެވެ. ގިނަ ބޭފުޅުން ވިދާޅުވަމުން ގެންދެވީ ސިޔާސީ މީހުންގެ ބާރު ޖޭއެސްސީއިން ދަށް ކުރަން ޖެހޭ ކަމަށެވެ.

ޖޭއެސްސީ ބަދަލުކުރުން އިދިކޮޅުގެ ލަވަޔަކަށް

ތިން މަރުހަލާގެ ކޯޓުތަކުން އިންތިހާބު ކުރާ މެމްބަރުން ފިޔަވައި ދެން ޖޭއެސްސީގައި ތިއްބަވަނީ މުޅިންވެސް ސިޔާސީ ގޮތުން ކޮމިޝަނަށް އަންނަ ބައެކެވެ. މަޖިލީހުން ކަނޑައަޅާ މެމްބަރާއި އާންމުންގެ ތެރެއިން ހޮވާ މެމްބަރާއި ސިވިލް ސާވިސް ކޮމިޝަނުން ހޮވާ މެމްބަރު ވެސް ވާނީ އެއިރެއްގައި މަޖިލީހުގެ އަގުލަބިއްޔަތު އޮންނަ ޕާޓީއަކުން ބޭނުންވާ މީހެކެވެ. އެހެންވެ އެ ދެ މެމްބަރުން ވެސް ބެލެވޭނީ ސިޔާސީ ބައެއްގެ ގޮތުގަ އެވެ. ރައީސްގެ މެމްބަރާއި ބަންޑާރަ ނައިބަކީ ރައީސުލް ޖުމްހޫރިއްޔާ އައްޔަންކުރައްވާ ސިޔާސީ މަގާމެކެވެ. އެހެންކަމުން، ޖޭއެސްސީގެ ފޯމޭޝަން އޮތް ގޮތުން އަގުލަބިއްޔަތު އޮތީ ސިޔާސީ މީހުންނަށެވެ.

އޭގެ ނަތީޖާއަކަށް ވަނީ އޭރެއްގެ އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ތުހުމަތުގެ އިނގިލިތައް ޖޭއެސްސީއަށް އަމާޒުވުމެވެ. ގާޒީ ހައިލަމް ސަސްޕެންޑު ކުރުމާ އެކު އެކަންވީ ހަމަ އެހެންނެވެ. މިހާރުގެ އިދިކޮޅު މެމްބަރުން މަޖިލީހުގައި ރަތަށް ދިޔަ އެވެ. އަދި ރައީސް ޔާމީންގެ ވަކީލުން އެކަމަށް ފާޑު ކިޔަން ފެށި އެވެ.

ރައީސް ޔާމީންގެ ހުކުމް ބޯމަތިވެފައި އޮއްވާ ހައިލަމް ސަސްޕެންޑު ކުރުމަކީ ސީދާ ފަނޑިޔާރު ގެއަށް ސިޔާސީ ބޭނުމަށް ނުފޫޒު ފޯރުވުން ކަމަށް ކުރީގެ ޖަސްޓިސް މިނިސްޓަރު އަދި ކުރީގެ ފަނޑިޔާރު ޑރ. މުހައްމަދު ޖަމީލު އަހުމަދު އިއްޔެ ރައީސް ޔާމީންގެ ވަކީލެއްގެ ހައިސިއްުޔަތުން ވިދާޅުވި އެވެ.

"...ހުކުމަށް އައިސް ވާސިލުވާން އޮތް ދުވަހުގައި އެ ދުވަހުގެ ހެނދުނު ހެނދުނާ އަވަސްކޮށްގެން އެ މައްސަލަ ބެލި ފަނޑިޔާރު ސަސްޕެންޑު ކުރި ކުރުން ކޮންމެ މިންގަނޑަކުން ދުސްތޫރީ ގާނޫނީ ކޮންމެ މިންގަނޑަކުން ވަޒަންކުރި ކަމުގައި ވިޔަސް މާނަ ކުރެވޭނީ ރާއްޖޭގެ ޝަރީއަތް ކުރާ ގެތަކަަށް، ފަނޑިޔާރުންނަށް ނުފޫޒުފޯރުވުން ކަމަށް،" ޖަމީލް ވިދާޅުވި އެވެ.

އިއްޔެ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ޖަމީލްވެސް ފާހަގަ ކުރެއްވީ ޖޭއެސްސީގެ ފޯމޭޝަން އޮތް ގޮތުން ސިޔާސީ މީހުންނަށް ޝަރުއީ ދާއިރާގެ ތެރެއަށް އަތް ބޭނުމުގެ ފުރުސަތު އޮތް ވާހަކައަކީ މިހާރު ސަރުކާރުގައި ތިބި ކުރީގެ އިދިކޮޅު ފަރާތްތަކުން ދައްކަމުން ދިޔަ ވާހަކައެއް ކަމެވެ. އެއީ ރަނގަޅު ވާހަކައެއް ކަމަށާއި އޭނާވެސް އޭރު އިދިކޮޅުގައި ހުންނަވައިގެން އެ ވާހަކަ ދެއްކެވި ކަމަށް ޖަމީލް ވިދާޅުވި އެވެ.

އެކަމަކު، ކުރިން އެ ވާހަކަދެއްކި މީހުންނަށް ބާރު ލިބުމުން، ޖޭއެސްސީގެ ފޯމޭޝަނަށް ބަދަލު ގެންނަ ވާހަކަ މުޅިން ހުއްޓާލައި، ފޯމޭޝަން އޮތް ގޮތުގެ ފައިދާ ނަގަމުންދާ ކަމަށް ޖަމީލް ތުހުމަތު ކުރެއްވި އެވެ.

"އެކަމަކު މިއަދުގެ ސަރުކާރު ވުޖޫދަށް އައިސް މިހާރު ޖޭއެސްސީ އޮތް ގޮތަށް ކުރިއަށް ގެންދަން އެ ބޭފުޅުންނަށް މާ އުފާވެރިކަން ލިބޭ،" ޖަމީލް ވިދާޅުވިއެވެ.

ޖޭއެެސްސީގައި ތިބި ސިޔާސީ މީހުން ނޭދޭ ގޮތަށް މައްސަލައެއް ނިންނާ ނަމަ ޖޭއެސްސީއިން އެކަން ކުރާ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލަމުންދާ ކަމަށްވެސް ޖަމީލު ވިދާޅުވި އެވެ. އެއާ އެކު ޖޭއެސްސީއިން ސުޕްރީމް ކޯޓަށް ވުރެ ބާރުގަދަވެ، މުޅި ޖުޑިޝަރީގެ އެންމެ ބާރުގަދަ ފަަރާތަށް އަމިއްލައަށް ވެފައިވާ ކަަމަށް އޭނާ ވިދާޅުވި އެވެ.

ނުބައި ދަނޑިވަޅެއްގައި ގާޒީ ހައިލަމްއަށް ޖޭއެސްސީއިން ދިން އަދަބާ އެކު، ޖޭއެސްސީގެ އެކުލަވާލުން ބަދަލު ކުރަން ޖެހިފައިވާ ކަމުގެ ބަހުސް މިވަނީ އަލުން ފަށަން ޖެހިފަ އެވެ. ޝަރުއީ ދާއިރާއަށް ސިޔާސީ ބާރުވެރިންގެ ނުފޫޒު ވަންނަނީ ޖޭއެސްސީގެ ދޮރުންކަން ޔަގީނެވެ. ސިޔާސީ މީހުން ގިނަ ފަހަރަށް ކަންކަން ނިންމަނީ، އަދި ބަސް ބުނެ އަޑުގަދަވަނީ އެ މީހުންނަށް ފައިދާވާ ކަންކަމުގަ އެވެ. އެކަމަކު، ކޯޓްތަކާއި ގާޒީންނަކީ ސިޔާސީ މީހުންގެ ރާގަށް ނަށަން ޖެހޭ ބައެއް ނޫނެވެ. އެކަމަކު، ޖޭއެސްސީގެ ފޯމޭޝަންގެ މައްސަލައިގައިވެސް މި ވަނީ އެކަހަލަ ޒާތެއްގެ ގޮތެކެވެ. ޝަރުއީ ދާއިރާއަށް އޮންނަ ސިޔާސީ ނުފޫޒަކީ ޖޭއެސްސީ ކަމުގައި ވެފައި އޮންނަ އޮތުން ނިމުމަކަށް އަންނަން ވެއްޖެ އެވެ.

comment ކޮމެންޓް