ގެއެއްގެ ފާހަނާ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނުނު މައްސަލަ ބަލަނީ

ހެންވޭރު: އެ ސަރަހައްދު ގެއަކުން މީހަކު މަރުވެފައި އޮއްވާ ވަނީ ފެނިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގައި ގެއެއްގެ ފާހަނާ ތެރޭގައި 49 އަހަރުގެ އަންހެނެއް މަރުވެފައި އޮއްވާ ފެނުނު މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ، މިއަދު ހަވީރު 4:25 ހާއިރުއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ސަން"އަށް ވިދާޅުވީ، ހެންވޭރުގެ ގެއެއްގެ ތެރޭ ފާހާނާއެގެ ތެރޭ ދިވެހި އަންހެނަކު ވެއްޓި ހަރަކާތް ހުސްވެފައިވާ މައްސަލައެއް އެ މުއައްސަސާއަށް ހުށަހަޅި ކަމަށެވެ. އަދި އެކަމާ ގުޅިގެން އެ ގެއަށް ގޮސް އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.

"ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މީހާ ނިޔާވެފައިވާކަން ހޮސްޕިޓަލުން މައުލޫމާތު ދީފައިވޭ،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މަރުވި މީހާއަކީ ބަލިވެ އުލުނު މީހެއްކަމަށް އާއިލާއިން މައުލޫމަތު ދީފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުންދާކަމަށް މީޑީއާ އޮފިޝަލް ވިދާޅުވިއެވެ.

އެ މަރާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ހެންވޭރު ގެއެއްގެ ފާހާނާ ތެރޭ މީހަކު މަރުވެފައި އޮއްވާ ފެނުނު އިރު، މިދިޔަ މަހު 20 ވަނަ ދުވަހު އާއިލާއާއެކު މާލޭގެ ގެސްޓްހައުސްއެއްގައި ހުރި އަންހެނަކު މަރުވި މައްސަލައެއްވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުނެވެ.

https://sun.mv/126070

comment ކޮމެންޓް