އަޔޯރާ ސަމިޓްގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިވެރިވެއްޖެ

އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަންގެ ކައުންސިލް އޮފް މިނިސްޓަރސްގެ ބައްދަލުުވުމުގެ ތެރެއިން--- ފޮޓޯ: ފޮރިން މިނިސްޓްރީ

މިމަހުގެ ފަހަކުން ހަތަަކަށް ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ވެރިރަށް އަބޫދާބީގައި ބާއްވާ އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަންގެ ކައުންސިލް އޮފް މިނިސްޓަރސްގެ ބައްދަލުވުމުގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިވެރިވެއްޖެއެވެ.

އެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އަންނަ ބުރާސްފަތި ދުވަހު ބައިވެރިވެވަޑައިގެން ތަގުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ކުރިން މިއަދު އަޔޯރާގެ މެމްބަރު ގައުމުތަކުގެ އިސް އޮފިޝަލުންގެ ބައްދަލުވުން ވަނީ ބާއްވާފައެވެ. އެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު ޑރ. ހުސައިން ނިޔާޒެވެ.

އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އަޔޯރާ) އަކީ އިންޑިއާ ކަނޑާއި ގުޅިފައިވާ، އަދި އެ ގައުމުގެ އައްސޭރީގައި އޮންނަ ގައުމުތަކުގެ ޖަމިއްޔާއެވެ.

މި ޖަމިއްޔާ އުފެދިފައިވަނީ 1997 ވަނަ އަހަރުގެ މާޗް މަހުއެވެ. އަދި މި ޖަމްއިއްޔާ އުފެއްދުމުގެ ހިޔާލު އެންމެ ފުރަތަމަ ފާޅުކުރެއްވީ ދެކުނު އެފްރިކާގެ އޭރުގެ ރައީސް ނެލްސަން މަންޑޭލާ 1995 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައެވެ.

މިޖަމިއްޔާގެ ނިންމުންތައް ނިންމާ އެންމެ އިސް ގުނަވަނަކީ ކޮންމެ އަހަރަކު އެއް ފަހަރު ބާއްވާ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެވެ. ރާއްޖެއިން މިޖަމިއްޔާގައި ރަސްމީކޮށް ބައިވެރިވުން މިފަހަރުގެ ޖަލްސާގައި އޮންނާނެއެވެ.

އަޔޯރާގައި ރާއްޖެ ބައިވެރިވުމަށް ދިވެހި ސަރުކާރުން ނިންމީ 2017 މޭ 25 ގައި، އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައެވެ. އަދި ރާއްޖެ އަޔޯރާގައި ބައިވެރިވުމަށް 2017 އޮގަސްޓް 23 ވަނަ ދުވަހު މަޖިލީހުގެ ރުހުން ލިބުނު އިރު، ރާއްޖެއަށް އެ ޖަމިއްޔާގެ މެމްބަޝިޕް ލިބުނީ 2018 ނޮވެމްބަރު ހަތަރުވަނަ ދުވަހުއެވެ.

comment ކޮމެންޓް