މަޖިލީސް ގަވާއިދާ އެއްގޮތަށް ހިނގާނީ ކޮން ދުވަހަކުން؟

މަޖިލިސް ރައީސް ނަޝީދާއި ނާއިބު ރައީސް އީވާ --

ރައްޔިތުންގެ މަޖިލީހަކީ ވެސް ޤާނޫނާއި ޤަވައިދުން އިސްތިސްނާ ވެފައި އޮތް ތަނެއް ނޫނެވެ. އިސްތިސްނާ ކުރެވިފައި އޮތް ކަމަށް ޤާނޫނު އަސާސީ ގައި ލިޔެފައެއް ނެތެވެ. ޤާނޫނެއްގައި ނުވަތަ ޢާއްމު ކުރެވިފައިވާ ޤަވައިދެއްގައި ނެތް ބައިވަރު ކަންތައްތައް ރާއްޖޭގެ ތަފާތު ދާއިރާތަކުގައި ކުރަމުން ގެންދެ އެވެ. އެކަންކަމާ ގިނަ ފަހަރަށް ރައްޔިތުން އަޅައެއް ނުލަ އެވެ. ބައެއް މީހުން ބުނާ ގޮތުގައި އަޅައި ލިޔަސް ވާނެ ކަމެއް ނުއޮންނާނެ އެވެ. އެ އީ ރަނގަޅު ވާހަކަ އަކަށް ވެސް ވެދާނެ އެވެ. ރަނގަޅު ވާހަކަ އަކަށް ނުވެ ވެސް ހިނގައިދާނެ އެވެ. ޤާނޫނާއި ޤަވައިދާ ޚިލާފަށް ކުރާ ކަންކަމާ އަޅާ ނުލުމުން އެކަން ކުރާ މީހުންނަށް ލިބޭނީ ހިތްވަރެވެ. އެމީހުން އެ ކުރަނީ ޤާނޫނާއި ޤަވައިދާ ޚިލާފް އަމަލެއް ކަން އެހެން މީހުންނަށް ނޭގެނީ ކަމުގައި ވިސްނުމުގެ ފުރުޞަތު އެބަ އޮތެވެ. އަދި ތިމާ ޤާނޫނާއި ޤަވައިދާ ޚިލާފަށް ކޮންމެ ކަމެއް ކުރިއަސް އެއްޗެއް ބުނަން ނުކެރޭނެ ކަމަށް ބެލުމުގެ ފުރުޞަތު އެބަ އޮތެވެ. އެ ފުރުޞަތު ދޭން ވާނެތޯ އެވެ. އަޅުގަނޑު ދަންނަވާނީ ނޫނެކެވެ. ޤާނޫނީ އިމުގެ ތެރެއިން އަޅުގަނޑުމެންގެ ކަންބޮޑުވުން ފާޅު ކުރަން ވާނެ އެވެ. އެކަމަކާ މެދު އަޅުގަނޑުމެންގެ ހުރި އުދާސްތައް ބަންޑުން ޖަހާލަން ވާނެ އެވެ. އެކަމުގެ ސަބަބުން ރަނގަޅު ނަތީޖާއެއް ނުކުމެވެސް ދާނެ އެވެ. އެދެވޭ ބަދަލެއް ނައިސް ވެސް ހިނގައިދާނެ އެވެ. އެހެންނަމަވެސް އެއީ ބަހުސް ކުރެވޭ ޚިޔާލު ބަދަލު ކުރެވޭ ކަމަކަށް ވާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ.

ރައްޔިތުންގެ މަޖިލީސްގެ މެމްބަރުން މަޖިލީހުގެ ތެރޭގައި އަމަލު ކުރަން ޖެހޭ ޤަވައިދެއް މެމްބަރުން އަމިއްލަ އަށް ފާސް ކޮށްފައިވެ އެެވެ. މަޖިލީސް ހިންގަން ވާނީ އެ ޤަވައިިދާއި އެއް ގޮތަށެވެ. އެ ގަވައިދާއި އެއްގޮތަށް މަޖިލީސްގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް މެމްބަރުންގެ ތެރެއިން ބޭފުޅުން ކޮޅެއް ހޮވަ އެވެ. އޭގެ ތެރޭގައި އެންމެ އިސް ބޭފުޅުންގެ ގޮތުގައި ތިއްބަވަނީ މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް އެވެ. އެ ބޭފުޅުންނަށް ވެސް އެ މަސްއޫލިއްޔަތު ހަވާލު ކުރެވެނީ ކޮންމެވެސް ދާއިރާ އަކުން ރައްޔިތުންގެ ވޯޓުން ހޮވިފައިވާ މަޖިލީހުގެ މެމްބަރުން ނަށް ވާތީވެ އެވެ. އެހެން އެއްވެސް ސަބަބެއް އޮވެގެން ނޫނެވެ. މަޖިލީހުގެ އިސް މަޤާމްތަކަށް ވޯޓުން ހޮވޭނީ މަޖިލީހުގައި ބޮޑު އަޣްލަބިއްޔަތު އޮތް ޕާޓީއެއްގެ މެމްބަރުން ނެވެ. ނުވަތަ އަޣްލަބިއްޔަތު އޮތް ބައެއްގެ ރުހުން އޮތް ބަޔެކެވެ.

ރައްޔިތުންގެ މަޖިލިސްގެ ރިޔާސަތު ބަލަހައްޓާ ފަރާތަކުން އަމަލު ކުރަން ޖެހޭނީ މަޖިލީހުގެ ޤަވައިދާ އި އެއްގޮތަށެވެ. ރިޔާސަތު ބަލަހައްޓާ ގޮނޑީގައި އިށީނުމާ އެކު އޭނާގެ އެހެން ހައިސިއްޔަތުތަކެއް ވާ ނަމަ އެ ހުރިހާ ހައިސިއްޔަތެއް ގެއްލޭނެ އެވެ. ގެއްލުވާލަން ވާނެ އެވެ. ރިޔާސަތު ބަލަހައްޓަން އިން މީހަކީ މުއްސަނދި ބޮޑު މަހުޖަނަކަށް ވެސް ވެދާނެ އެވެ. ޕާޓީ އެއްގެ އިސް ލީޑަރަކަށް ވެސް ވެދާނެ އެވެ. ނުފޫޒު ގަދަ ބޮޑު އާއިލާ އަކުން އައި މީހަކަށް ވެސް ވެދާނެ އެވެ. އެހެން ނަމަވެސް އޭނާ އަށް އެ ގޮނޑި ލިބުނީ އެންމެ ހައިސިއްޔަތަކުން ނެވެ. މަޖިލީހުގެ މެމްބަރަކަށް ވީތީވެ އެވެ. އޭނާ އަށް އެ ގޮނޑި ދިނީ ވެސް މަޖިލީހުގެ މެމްބަރުން ނެވެ. މެމްބަރުންގެ އިތުބާރު އޮތުމުން ނެވެ. އެއް ނަަޒަރަކުން ބަލާ އިރު ޖަލްސާ ނިމުމާ އެކު އެންމެން އެއްވަރު ވީ އެވެ. "ޢިއްޒަތްތެރި މެމްބަރު" އެވެ.

ރައްޔިތުންގެ މަޖިލީސްގެ ޖަލްސާ އެއްގައި ރިޔާސަތު ބަލަހައްޓާ ފަރާތެއްގެ އެންމެ އިސް ވާޖިބަކަށް ވާން ވާނީ މަޖިލީހުގެ ޤަވައިދު ބުނާ ގޮތަށް ޖަލްސާ ކުރިއަށް ގެންދިއުމެވެ. މަޖިލީހުގައި ހިނގާ ބަހުސެއްގައި ސީދާކޮށް ވެސް ނުވަތަ ނުސީދާ ކޮށް ވެސް މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ ފަރާތަކުން ބައިވެރި ނުވެވޭނެ އެވެ. އަދި ރިޔާސަތު ބަލަހައްޓަނީ ވިޔަފާރި ވެރިއެއް ކަމުގައިވާ ނަމަ އޭނާގެ ކުންފުނިން ކަންތައް ކުރާ ގޮތުގެ ވާހަކަ އާއި ކުންފުނިން ކަންތައް ކުރަން ރާވާފައި އޮތް ގޮތުގެ ވާހަކަ ޖަލްސާގައި ނުދެއްކޭނެ އެވެ. ދައްކައިގެން ނުވާނެ އެވެ. ބައެއް މަސައްކަތު ބައްދަލުވުން ތަކުގައި ކުރިއަށް ގެންދާ އުސޫލުން ކޮންމެ މެމްބަރަކު ވާހަކަ ދައްކާ ނިމުމުން، އެ ވާހަކަ އަށް ރިޔާސަތުގެ ޚިޔާލެއް ނުދެވޭނެ އެވެ. ދީގެން ނުވާނެ އެވެ. ރިޔާސަތު ބަލަހައްޓަން އިންނަ މީހެއްގެ ވާޖިބަކީ، ފުރުޞަތު ދިނުމާއި ޖަލްސާ ހިންގުމެވެ.

ފާއިތުވި މާޒީގައި ރައްޔިތުންގެ މަޖިލީހުން ހެދި އެންމެ ބޮޑެތި ގޯސްތަކުގެ ތެރެއިން ގޯހެއް ހެދި ތަން ދާދި ފަހުން ރައްޔިތުންގެ މަޖިލީހުން ފެނިގެން ހިނގައްޖެ އެވެ. ޝަރީޢަތުގައި އޮތް މައްސަލައަކާ ބެހޭ ގޮތުން މެމްބަރުން ވާހަކަ ދެއްކުމެވެ. އެއްވެސް ޒަމާނެއްގައި އެއީ ރައްޔިތުންގެ މަޖިލީސް އިން ހުއްދަ ކުރި ކަމެއް ނޫނެވެ. އަދި މަޖިލީހުގެ ޤަވައިދު މަނާ ކުރާ ކަމެކެވެ. މައްސަލަ އަކީ ވަރަށް ނާޒުކު މައްސަލައެއް ކަމަށް އަޅުގަނޑުމެން ޤަބޫލު ކުރަމެވެ. އެކަން އެ ގޮތަށް ހިނގައިގެން ނުވާނެ ކަމަށް ވެސް އަޅުގަނޑު މެން އެއްބަސްވަމެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުން އެކަމާ ބެހޭ ގޮތުން ވާހަކަ ދެއްކީ ރަނގަޅު ދަނޑިވަޅެއް ގައެއް ނޫނެވެ. އެކަން ރިޔާސަތުން ވަގުތުން ހުއްޓަވަން ވާނެ އެވެ. ހުއްޓުވުނު ކަމަކަށް ނުފެނެ އެެވެ.

ޕާޓީ އުސޫލުން ޑެމޮކްރެޓިކް ވެއްޓެއްގައި ރާއްޖޭގެ ކަންތައްތައް ކުރުމަށް މަސައްކަތް ކުރެވޭ އިރު ރައްޔިތުންގެ މަޖިލީސް ވެސް ޤަވައިދާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަން ވެއްޖެ އެވެ. ވެރިކަން ކުރާ ޕާޓީ އަށް މަޖިލީހުގައި މިހާރު، ބޮޑު އަޣްލަބިއްޔަތެއް އެބަ އޮތެވެ. ޑެމޮކްރެޓިކް ވެއްޓެއްގައި ރައްޔިތުންނަށް ފައިދާ ހުރި ގޮތަކަށް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ އެއްވެސް ހުރަހެއް ނެތެވެ. އެކަމަކު އެއީ ބޮޑު އަޣްލަބިއްޔަތަކީ ޚުދުމުޚްތާރުކޮށް ކަންކަން ކުރުމަށް ލިބިފައި އޮތް ލައިސެންސެއް ކަމަށް ނުބަލަންޏާ އެވެ.

މިހެން ކަންތައް އޮތް ކަމުގައި ވިޔަސް، ޝަރީޢަތުގައި އޮތް މައްސަލައަކާ ބެހޭ ގޮތުން ވާހަކަ ދެއްކެވި މެމްބަރުންނަށް އަދަބެއް ދޭން އަޅުގަނޑަށް ފެނެ އެވެ. މަޖިލިހުގެ ޖަލްސާ ހިނގަމުން ދާއިރު މޭޒު މައްޗަށް ކޮއްޅަށް ނަގައިގެން ނެވެ. ފުރޮޅުލީ ގޮނޑީގައި އިށީދެ ވަޑައި ގަންނަވާތީވެ ގޮނޑީގެ މައްޗަށް ކޮއްޅަށް ނެގުން ރައްކާތެރިއެއް ނޫނެވެ. މަޖިލީހުގެ ޖަލްސާ ހިނގަނީ ފިނިކޮށްފައި އޮންނަ ހޯލެއްގެ ތެރޭގައި ކަމަށް ވުމާ އެކު ކޮއްޅަށް ނެގޭ މެމްބަރުންގެ އިސްތަށިފުޅު ފަންކާ އެއްގައި ޖެހޭނެ ފުރުޞަތެއް ވެސް ނެތެވެ. އެ ބޭފުޅުންގެ ތެރޭގައި މަޖިލީހުގެ ތެރޭގައި ކަށިގަނޑު ފުންމާ ކަމަށް ތުހުމަތު ކުރެވުނު "ރެފްރީ" ވެސް ހިމަނަން ފެނެ އެވެ. ސަތޭކަ ފޮޅު ވަތް ނުލިއުއްވާ ކަމަށް ވާނަމަ އެވެ. އެކަމަކު މިފަދަ އަދަބުތަކެއް މަޖިލީހުގެ ޤަވައިދަކު ނުއޮވެ އެވެ. ޤަވައިދުގައި އޮންނަ ގޮތާއި ހިންގާ ގޮތް ތަފާތު ވެދާނެ އެވެ. މައްސަލަ އަކީ ކޮބައިތޯ އެވެ؟ މައްސަލަ ޖައްސާނީ ކާކުތޯއެވެ؟ މައްސަލަ ޖެއްސޭނެތޯ އެވެ؟

ގަވައިދުގައި ނެތް އަދަބަކަށް މެމްބަރުން ބޯ ލަނބާނެ ތޯ އެވެ؟

comment ކޮމެންޓް