ރާއްޖެ އިޝްތިހާރުކުރުމުގެ އެއްބަސްވުމުގައި ސެލްޓަ ވީގޯއާއެކު ސޮއިކޮށްފި

ރާއްޖެ ޕްރޮމޯޓު ކުރަން ސެލްޓަވީގޯއާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ (ޓްވިޓާ)

ސްޕެއިންގެ ފުޓުބޯޅަ ކްލަބް ސެލްޓަ ވީގޯގެ ޖޯޒީގައި ރާއްޖެ އިޝްތިހާރުކުރުމާ ގުޅޭގޮތުން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ސްޕެއިންގެ ވީގޯގައި ބޭއްވި އެ ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. އަދި ސެލްޓަ ވީގޯގެ ފަރާތުން ސޮއިކުރެއްވީ އެ ކްލަބުގެ ރައީސް ކާލޯސް މޮރީނޯއެވެ.

އެ އެއްބަސްވުމުގެ ދަށުން ތިން އަހަރު ދުވަހުގެ މުއްދަތަކަށް ސެލްޓަ ވީގޯގެ ޖޯޒީގައި ރާއްޖެ އިޝްތިހާރުކުރުމަށް ވަނީ ހަމަޖެހިފައިއެވެ. މި އެއްބަސްވުމުގެ އަގަކީ އަހަރަކި 900،000 ޑޮލަރެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ސްޕެއިންއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިހާރަށްވުރެ އިތުރުވާނެ ކަމަށެވެ.

އަދި ފަތުރުވެރިކަމުގެ ސިނާއަތުގެ އިތުރުން ދިވެހި ފުޓުބޯޅައިގައި އަންނަން އޮތް ޖީލުތަކަށްވެސް އެ އެއްބަސްވުމުގެ ސަބަބުން ފައިދާކުރާނެކަމަށް މިނިސްޓަރު އަލީ ވިދާޅުވިއެވެ.

"މިއީ ޔޫރަޕާ ހަމައަށް ދިވެހި ފުޓުބޯޅައިގެ ބިންގާ އެޅިގެންދާ ދުވަސް. މިހާރު އުމުރުން 13 އަހަރުގެ ކުދިންނާއެކު ފުޓުބޯޅައިގެ އާ ޖީލެއް ބިނާކުރެވޭނެ،" މިނިސްޓަރު ވަހީދު ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އިޝްތިހާރާއެކު ސެލްޓަ ވީގޯއިން ފުރަތަމަ ކުޅޭނީ ލަ ލިގާ ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެކޮޅަށެވެ. މި މަހުގެ 10 ވަނަ ދުވަހު އެ މެޗު ކުޅޭނީ ބާސެލޯނާގެ ކޭމްޕް ނޫ ދަނޑުގައެވެ.

comment ކޮމެންޓް