ގޮއިދޫ-ފެހެންދޫ ކޯޒްވޭ ހަދަން ބަޖެޓުގައި ހިމަނައިފި

ބ. އަތޮޅު ގޮއިދޫ (ކ) އަދި ފެހެންދޫ (ވ) ---

ބ. ފެހެންދޫއާއި ގޮއިދޫ ކޯޒްވޭއަކުން ގުޅާލަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިއެވެ.

ފެހެންދޫއާއި ގޮއިދޫއަކީ އެއް ފަޅެއްގައި އޮންނަ ދެ ރަށެވެ. ފެހެންދޫ ސްކޫލު ބަންދުކުރިފަހުން އެތައް އަހަރެއް ވެފައިވާއިރު، އެރަށު ކުދިން ސްކޫލަށް ދަނީ ޑިންގީއެއްގައި 20 ވަރަކަށް މިނެޓުގެ ދަތުރެއް ކޮށް، ގޮއިދޫއަށެވެ.

އެހެންކަމުން ފެހެންދޫއަށް ކުރެއްވި ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، ފެހެންދޫ ކިޔަވާ ކުދިންނާއި ބެލެނިވެރިންނަށް ލުޔެއް ހޯދައިދިނުމަށް ދެ ރަށް ކޯޒްވޭއަކުން ގުޅާލަ ދެއްވާނެކަމަށް ވިދާޅުވެފައެވެ.

މިއަދު މަޖިލީހަށް ހުށަހެޅި 2020 ވަނަ އަހަރުގެ ބަޖެޓުގައި ފެހެންދޫ-ގޮއިދޫ ކޯޒްވޭ ހަދަން ހިމަނައި އެ މަޝްރޫއަށް 210,000 ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.

އެ މަޝްރޫއަށް 2021 ވަނަ އަހަރުގެ ބަޖެޓުގައި 16،200،000 ރުފިޔާ އަދި 2022 ވަނަ އަހަރުގެ ބަޖެޓުގައި 9،915،000 ރުފިޔާ ލަފާކޮށްފައިވެއެވެ.

ކޯޒްވޭގެ އިތުރުން، ފެހެންދޫ އަދި ގޮއިދޫގެ ފެނާ ނަރުދަމާ ގާއިމުކުރުމާއި، ފެހެންދޫ ސިއްހީ މަރުކަޒު އިމާރާތްކުރުމާއި ފެހެންދޫ ބަނދަރު ހަދައި ގޮއިދޫ ބަނދަރު އަޕްގްރޭޑުކުރަން އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފައެވެ.

comment ކޮމެންޓް