ރައީސް، ސިފައިންނަށް: އިތުބާރު ދަމަހައްޓަން އަސްކަރީ އަހުލާގު ހިފަހައްޓާ

ނަސްރުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިފައިންނަކީ ރައްޔިތުންގެ އިތުބާރު ކަމަށާއި، އެ އިތުބާރު ދެމެެހެއްޓުމަށްޓަކައި އަސްކަރީ އަހްލާގުގެ އެންމެ މަތީ މިންގަނޑުގައި ސާބިތުވެ ތިބުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިވެހި ސިފައިންނަށް އިލްތިމާސްކުރައްވައިފިއެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ސިފައިންގެ ކޮންމެ މީހަކު އާންމު ރައްޔިތެއްގެ ހައިސިއްޔަތު ދޫކޮށް، ސިފައިންގެ މީހަކަށް ބަދަލުވާ އިރު އެމީހެއްގެ ހަނދާނުގައި އެންމެ ބޮޑަށް ހަރުލާފައި ހުންނަންޖެހޭނީ ކުރި ސިފައިންގެ ހުވާ ކަމަށެވެ.

"މި ހުވާގެ މަތީގައި ސާބިތުވެ ތިއްބަވައި، ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ދިވެހި ދައުލަތަށް ހިދުމަތްކުރެއްވުމަށް ތިޔަ ސިފައިންނަށް ނަސޭހަތްތެރިވަން. އެ ހުވާގެ މަތީގައި ދެމިހުރިކަން ތިޔައިން ކޮންމެ ބޭފުޅޭއްގެ އަމަލާއި ބަހުން ސާބިތުކޮށްދިނުމަކީ ތިޔަ ސިފައިންގެ ކޮނޑުގައި މިރެއިން ފެށިގެން އެޅިގެންދާ ވަރަށް މަތިވެރި ގައުމީ ޒިންމާއެއް،" ރޭގެ ރަސްމިއްޔާތުގައި ސިފައިންގެ ހުވާ އަލަށް ކުރި ސިފައިންނަށް ރައީސް ވިދާޅުވިއެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޭ ނަސްރުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި އެ ޖަލްސާގައި ރައީށް ވިދާޅުވީ ނޮވެމްބަރު 3 އެއީ ދިވެހީން ތަޖުރިބާކުރި ހިތްދަތި އަދި ކަޅު ދުވަހެއް ކަމަށެވެ. އަދި އެ ހާދިސާއިން ލިބެންވީ އެންމެ މުހިންމު ފިލާވަޅަކީ ދެވަނަ ފަހަރަށް އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކުރަންވީ ކަންކަން ދެނެގަތުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގައުމީ ކޮންމެ ބަތަލެއްގެ އެންމެ ބާރުގަދަ ސިލޭހަކަށްވީ އެ ބަތަލެއްގެ ފަހަތުގައި ތިބި އާންމު ރައްޔިތުން ކަމަށާއި، ނޮވެމްބަރު ތިނެއްގެ ހަމަލާއާއި، ސުނާމީ ކާރިސާއާއި މާލޭގައި ދާދި ފަހުން ހިނގައިދިޔަ އަލިފާނުގެ ހާދިސާގައިވެސް ފެނި ސާބިތުވެގެން ދިޔައީ ދިވެހި ސިފައިންނާއި އާންމުންގެ ސާބިތު ގުޅުން ކަމަށެވެ.

މިފަދަ ކޮންމެ ކަމެއްގައި ތައްޔާރަށް ތިބޭ ރައްޔިތުންތަކެއް ރާއްޖޭގައި ތިބުމަކީ ސުލްހަމަސަލަސްކަމާއި ހަމަޖެހުމަށް ދިވެހި ރައްޔިތުން އިސްކަންދޭފަދަ އަލިގަދަ ހެއްކެއް ކަމަށާއި، އެފަދަ ރައްޔިތުން އުފެދެނީ ރައްޔިތުންނާއި އަސްކަރިއްޔާއާއި ދެމެދު އޮންނަ ފުރިހަމަ އިތުބާރާއި ބަދަހި ގުޅުމުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އެގުޅުން އިތުރަށް ދަމަހައްޓައި ނެގެހެއްޓުމަށްޓަކައި، ރައްޔިތުންނާ ވީހާ ގާތުން ޢަސްކަރިއްޔާގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް، މިހާރަށްވުރެ ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަމުން ގެންދާނެ ވާހަކަ ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއި އާ ޓެކްނޮލޮޖީ ޒަރިއްޔާއިން ލިބޭ ކުރިއެރުންތަކާއެކު، ގައުމތުަކުގެ އަސްކަރީ އަދި ދިފާއީ ސްޓްރެޓަޖީއަށް ބަދަލުތަކެއް ގެންނަން މަޖުބޫރުވެފައިވާ ކަމަށެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް ވިދާޅުވީ އެފަދަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ދިފާއަށް ކުރިމަތިވާ ގޮންޖެހުންތައްވެސް ކުރިއާ އަޅައިބަލާއިރު ވަރަށް ބޮޑަށް ތަފާތުވެއްޖެ ކަމަށާއި އެކަންކަމަށް ތައްޔާރުވެ ސިޔާސަތުތައް އަލުން ވިލަރެސްކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.

ރޭ އޮތް ރަސްމިއްޔާތުގައި ރައީސް ސޯލިހު، މިއަހަރަށް ސިފައިން ތައްޔާރުކުރި ގައުމީ ލަވަ އަލްބަމް އިފްތިތާހުކޮށްދެއްވިއެވެ.

comment ކޮމެންޓް