ސަނާ ސޯލިހުގެ އިންސްޓާއިން ބަކުން ތަށި

ސަނާ ސޯލިހު --

އިންސްޓަގްރާމަކީ މިއަދު ހަމައެކަނި އަމިއްލަ ފޮޓޯ ޕޯސްޓުކުރާ ޕްލެޓްފޯމެއް ނޫނެވެ. އެއީ، އެތައް ބައެއްގެ މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ދައްކައިދޭ މައުރަޒެކެވެ. ވިޔަފާރި ކުރުމާއި ހޭލުންތެރިކުރުވުންވެސް އޭގެ ތެރޭގައި އެބަ އޮތެވެ.

ރާއްޖޭގެ އިންސްޓަގްރާމަރުންގެ ފީޑްތައް ވެސް ތަފާތެވެ. ހަމަ ގައިމުވެސް ސަނާ ސޯލިހުގެ ފީޑު އޭގެ ތެރެއިން ތަފާތެވެ.

ސަނާ ސޯލިހް ގެ ފީޑްގެ ފޮޓޯއެއް

އުމުރުން އެއް އަހަރާއި ފަސް އަހަރުގެ ދެ ކުދިންގެ މަންމަ ސަނާގެ ފީޑު ހާއްސަވަނީ ކުޑަކުދިންގެ ކާނާއަށެވެ. ހުދު ތައްޓެއްގައި އެކި ދުވަސްމަތިން އޭނާގެ ހަގު ދަރިފުޅަށް ތައްޔާރުކުރާ ބަކުންތަކުގެ ފޮޓޯ ޕޯސްޓުކުރެ އެވެ. ފޮޓޯތައް އެއްހަމަވެފައި، ހަދާ ކާނާވެސް ނިކަން ތަފާތެވެ.

ސަނާ ބުނާ ގޮތުން އޭނާއަކީ އަބަދުވެސް ކާއެއްޗެހީގެ ފޮޓޯ ލާ މީހެކެވެ. ހުކުރު ދުވަހުގެ ކެއުން ކޮންމެހެންވެސް ފޮޓޯ ނަގާފައި ލާންޖެހޭ ކަމަށް އޭނާ ބުންޏެވެ. އަމިއްލަ ކެއުންތަކުގެ ފޮޓޯ ޕޯސްޓުކުރަމުން ގޮސް އެންމެ ފަހުން "ބަކުން ތަށި" ފޮޓޯ ނަގާފައި ޕޯސްޓުކުރަން ފެށީ ހަގު ދަރިފުޅުގެ އުމުރުން އަށްމަހުގައި، ކާއެއްޗެހި "މޭޝް"ކޮށްފައި ދޭންފެށި ހިސާބުންނެވެ.

ސަނާގެ ފީޑުން ތަފާތު އެކި ބާވަތުގެ ކާތަކެތި ފެނެ އެވެ. މައިގަނޑު ގޮތެއްގައި ބޭނުންކުރާ އެއް ބާވަތަކީ އޯޓްސް އެވެ. ނަމަވެސް އޯޓްސްއާ އެކު ޕްރޫންސް، ބްލޫބެރީ، ޗިއާ ސީޑްސް އަދި ފޯމިއުލާ ކިތުގެ ރެސިޕީތައް އެބަ ހުއްޓެވެ. އަދި ބަތްވެސް ބޭނުންކޮށްފައި ހުރި އިރު ތަފާތު އެތައް ގޮތަކަށް ބަތާއި ތަރުކާރީ އަދި މަހުގެ ބާވަތްތައްވެސް އެއްކޮށްފައި ތައްޔާރުކޮށްފައި ހުރެއެވެ.

ސަނާ ބުނާ ގޮތުން ދަރިފުޅުގެ މެންދުރާއި ރޭގަނޑުގެ ކެއުން އޭނާ ފުރަތަމަ ތައްޔާރު ކުރަނީ ދެ ބުރަކަށެވެ. ފަހުން ދެ އިރަށް އެއްކޮށް ކައްކަން ފެށީ އެވެ. ނަމަވެސް ތަފާތަކާ އެކު އެވެ. ޗީޒް، ތެލުލި ފަތް ނުވަތަ ލުނބޯކޮޅެއް ހިމަނައިގެން ތަފާތުކޮށްލަނީ އެވެ.

ސަނާގެ ފީޑުން ފާހަގަކޮށްލެވުނު އެންމެ ތަފާތު ޑިޝްތަކަށް ބަލާއިރު، އޮޅުއަލަ ބޭނުންކޮށްފައި ހުރި ކެއުންތައް ފާހަގަކޮށްލެވެ އެވެ. އޮޅުއަލައަކީ މިފަހަކަށް އައިސް ހޯދަން ވަރަށް އުނދަގޫ ބާވަތަކަށް ވީނަމަވެސް މިއީ ޒަމާނުއްސުރެ ދިވެހިންގެ ކެއުމުގައި ހިމެނުނު މުހިންމު ބާވަތެކެވެ. އޮޅުއަލައިން ކާތަކެތި ތައްޔާރުކޮށްފައިވާ ގޮތަށް ބަލާއިރު، އޮޅުއަލައާއި އަލުވިއާއި ސެލްމަން ކިރުގަރުދިޔައާއި، އޮޅުއަލައާއި ގަރުދިޔަ އަދި ހުނި ހިމެނެ އެވެ. އަދި މިފަދައިން ބަނބުކެޔޮލާއި ގަރުދިޔަވެސް އޭނާ ތައްޔާރުކުރެ އެވެ.

މިފަދަ ތަފާތު ރެސިޕީތަކެއް އާންމުންނާއި ހިސާބަށް ސަނާ ގެނެސްދޭ އިރު، މިއީ ކިހިނެއް ހިޔާރުކުރާ ރެސިޕީތަކެއްތޯ ސުވާލު އުފެދޭ ނޫންހެއްޔެވެ. ސަނާ ބުނީ އޭނާ އަބަދުވެސް ބަލަނީ ތަފާތު، ރަހަ މީރު އަދި ސިއްހަތަށް ފައިދާހުރި، އެކި ކުލަކުލައިގެ ކާނާ ދަރިފުޅަށް ދެވޭތޯ ކަމަށެވެ. އެއްދުވަހު، ސްޕިނެޗް، ގްރީން ގްރާމް އަދި ބީންސް ދެވިއްޖެނަމަ އަނެއް ދުވަހު، އޮރެންޖު ކުލައިން މީލް ތައްޔާރުކުރެވޭތޯ ބަލައެވެ. އޭގެ އެއްމިސާލަކީ ކެރެޓާއި، މުގު، ދަނޑިއަލުވި، އަދި ބަރަބޮލެވެ.

އަދި މިކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ދެނީ އޭނާގެ ފިރިމީހާ ކަމަށްވެސް ސަނާ ބުންޏެވެ.

"އަހަރެންނަކީ ގޭގައި ހުންނަ މަންމައެއް. ގިނަ ފަހަރު ފިހާރައަށް ދާން އުނދަގޫވުމުން ލިސްޓު ދިނީމަ ފިރިމީހާ އެއްޗެހި ގަނެދޭނީ. ދެން ވަރަށް ގިނައިން ތަފާތު އާ އެއްޗެހި ގެނެސްދޭނެ. އެހެންވެ އަސްލު ތަފާތު ވެރައިޓީތަކުގެ ތަކެތި ކުދިންނަށް މިދެވެނީ،" ސަނާ ބުންޏެވެ.

ސަނާގެ ފީޑުގައި އާންމުކޮށް އަހަރެމެންގެ ގެތަކުގައި ކައިއުޅޭ ކެއުންތައްވެސް ކުދިންނަށް އެކާށޭނަހެން ތައްޔާރުކޮށްފައިވާ ގޮތް ފެންނަން ހުރެ އެވެ. އޭނާ ބުނާގޮތުން މިފަހުން އައިސް ތައްޔާރުކުރާ ކެއުންތަކަކީ ދެކުދިންނާއި އަދި އޭނާއަށްވެސް ކެއުމަށް ހަމަ ކަމުދާ ބާވްތަތަކެކެވެ.

އާންމުންގެ ބޮޑު ތަރުހީބެއް އޭނާގެ މި ފީޑަށް ލިބި މިކަމަށް އެކައުންޓް ހާއްސަކޮށްފައިވާއިރު، އެންމެ ގިނަމީހުންނަށްވެސް ކަމުދިޔަ ރެސިޕީތަކަކީ ދިވެހި ކެއުންތަކެވެ.

މިފަދައިން ބޭބީ ފުޑް ތައްޔާރުކުރަން ބޭނުންވާ ފަރާތްތަކަށް ސަނާ ބުނެލަން ބޭނުންވަނީ ދަރީންނަށް ކެއުންތައްޔާރުކުރުމުގައި ސިއްހަތަށް ފައިދާހުރި، އަދި ތަފާތު ކާއެއްޗެހި ތައްޔާރުކުރުމަށެވެ. އަދި ބައެއްފަހަރު ކިތަންމެ ރަނގަޅު އެއްޗެއް ތައްޔާރުކޮށްފައި ދިނުމުން އަދި ދަރިފުޅު ނުކެއަސް، އެ ކެއުމެއް އެހެން ގޮތަކަށް ތައްޔާރުކޮށްފައި ދޭން މަސައްކަތްކޮށްލާށެވެ.

comment ކޮމެންޓް