ދުނިޔޭގެ މަޝްހޫރު ފޮޓޯގްރާފަރެއްގެ މައުރަަޒެއް މާލޭގައި!

ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ފޮޓޯގްރާފަރު ޖީއެމްބީ އާކާޝްގެ ފޮޓޯއެއް : އޭނާގެ ފޮޓޯތައް އާޓް ގެލެރީން ފެންނާނެ --- ފޮޓޯ : ޖީއެމްބީ އާކާޝް

ދުނިޔޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ބަންގްލަދޭޝް ފޮޓޯގްރާފަރު ޖީއެމްބީ އާކާޝްގެ ފޮޓޯ މައުރަޒެއް މާލޭގައި ފަށައިފިއެވެ.

އާޓް ގެލެރީގައި ބާއްވާ އެ ފޮޓޯ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތު މިރޭ ޝަރަފުވެރިކޮށްދެއްވާފައިވަނީ އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނެވެ.

އެ ފޮޓޯ މައުރަޒުން ފެނިގެންދާނީ ދެކުނު އޭޝިއާ ސަރަހައްދުގައި ހުރި އިޖުތިމާއި މައްސަލަތަކުގެ މަންޒަރެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޔުމްނާ ވިދާޅުވީ އެ ފޮޓޯތަކުން ފެނިގެންދަނީ ބަންގްލަދޭޝްއާއި ޕާކިސްތާނު އަދި ނޭޕަލް ފަދަ ސަރަހައްދުތަކުގައި ހުރި އިޖުތިމާއީ މައްސަލަތައް ކަމަށެވެ.

އެގޮތުން އަނިޔާވެރިކަމާއި ކުޑަކުދިން ލައްވާ މަސައްކަތް ކުރުވުން ފަދަ އިޖުތިމާއީ މައްސަލަތަކުގެ ވާހަކަތައް އެ ފޮޓޯތަކުން ކިޔައިދޭކަމަށް ޔުމްނާ ވިދާޅުވިއެވެ.

އަދި ދިވެހި ފޮޓޯގްރާފަރުންވެސް ރާއްޖޭގައި ހުރި އިޖުތިމާއި މައްސަލަތައް ދައްކުވައިދޭ ފޮޓޯތައް ގިނައިން ނެގުމަށް މިނިސްޓަރު އެދިލެއްވުމެވެ. އޭގެ ސަބަބުން މައްސަލަތައް އެންމެނަށް އެނގި އެކަމަށް ހައްލެއް ހޯދުމަށް ފަސޭހަ ވެގެން ދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޖީއެމްބީ އާކާޝްއަކީ ފޮޓޯގްރަފީގެ ބޮޑެތި އެވޯޑުތަކެއް ހޯދާފައިވާ މީހެކެވެ. އެގޮތުން ޔުނިސެފް ފޮޓޯގްރާފަރުގެ އެވޯޑާއި އެންމެ މޮޅު ޓްރެވެލް ފޮޓޯގްރާފަރުގެ އެވޯޑުވެސް އޭނާ ވަނީ މީގެކުރީން ހޯދާފައެވެ. އޭނާގެ ތަފާތު ފޮޓޯތައް ވަނީ ދުނިޔޭގެ ބޮޑެތި ބްރޭންޑުތަކުން ބޭނުންކޮށްފައެވެ. އަދި 100 އަށްވުރެ ގިނަ ޕަބްލިކޭޝަންތަކުންވެސް ވަނީ އޭނާގެ ފޮޓޯތައް ބޭނުންކޮށްފައެވެ.

އޭނާގެ ފޮޓޯ މައުރަޒު އާންމުންނަށް ހުޅުވާލާނީ މާދަމާއެވެ. އެ މައުރަޒު މާދަމާއިން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

comment ކޮމެންޓް