ނޮވެމްބަރު ތިނަކީ ގޮންޖެހުންތައް އެނގިިގެން ދިޔަ ދުވަހެއް: ޝާހިދު

އދ.ގެ ސަލާމަތީ މަޖިލީހުގައި ފޮރިން މިނިސްޓަރު ޝާހިދު ތަގުރީރުކުރައްވަނީ ----

ނޮވެމްބަރު ތިނެއް، 1988 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާއިން ފެނުނީ ރާއްޖެ ފަދަ ކުދި ގައުމުތަކުގެ ސަލާމަތާށް ހުރި ގޮންޖެހުންތައް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ނަސްރުގެ ދުވަހާ ގުޅިގެން މިނިސްޓަރު ޝާހިދު މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވީ އެދުވަހުގެ ހަމަލާއިން އެނގިގެންދިޔައީ އެފަދަ ގޮންޖެހުންތަކަށް ރާއްޖެ ފަދަ ކުދި ގައުމުތައް ހުށަހެޅިފައިވާ މިންވަރު ކަމަށެވެ. އެ މައްސަލައާ ގުޅޭ ގޮތުން ރާއްޖެއިން އދ.ގައި ވަކާލާތު ވެސް ކުރި ކަމަށާއި އޭގެ ސަބަބުން ކުދި ގައުމުތަކުގެ ސަލާމަތާ ގުޅޭ ގަރާރުތައް ފާސްވެގެން ދިޔަ ކަމަށާއި ރާއްޖެއިން އޭރު ކުރި މަސައްކަތުގެ ސަބަބުން ބައިނަލްއަގުވާމީ ސަލާމަތާ ގުޅޭ މަޝްވަރާތަކުގައި ކުދި ގައުމުތަކުގެ ސަލާމަތާ ގުޅޭ މަޝްވަރާކުރެވޭ ގޮތް ބަދަލުވެގެން ދިޔަ ކަމަށް މިނިސްޓަރު ޝާހިދުގެ ބަޔާނުގައި ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ މިއަދުގެ ދުނިޔޭގައި ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ބައްދަލުކޮށް، ނުރައްކާތަކުން އަރައިގަތުމަށް ޓަކައި، ގައުމުގެ ފުދުންތެރިކަމާއި، ކަންކަމާ ކުރިމަތިލުމުގެ ގާބިލިއްޔަތު އިތުރަށް ވަރުގަދަ ކުރުމުގެ މުހިންމުކަން ބޮޑުވެފައިވާ ކަމަށެވެ. މީގެ އިތުރުން ބައިނަލްއަޤްވާމީ މުޖުތަމައާއެކު އޮތް ގުޅުންތައް އިތުރަށް ވަރުގަދަކުރުމުގެ މުހިންމުކަން ވެސް ބޮޑުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ނަސްރުގެ ދުވަހަކީ ގައުމަށްޓަކައި ޖާނުން ގުރުބާންވި ފަރާތްތަކުގެ ހަނދާން އާކުރާ ދުވަސް ކަމަށާއި އެދުވަހު ޝަހީދުވި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ބޭފުޅުންނާއި އާންމުންގެ ހަނދާންތައް ލޯތްބާއެކު އާކުރާ ދުވަސް ކަމަށެވެ. މިއަދަކީ އެފަދަ ފަރާތްތައް ރާޢްޖޭގައި ލެއްވީތީ ޝުކުރުކުރާ ދުވަސް ކަމަށާއި ހަވާލުކުރި ޒިންމާތައް އެއްވެސް ފަސެޖްހުމެއްނެތި، ސާބިތުކަމާއެކީ އަދާކުރުންމަތީ ދެމިތިބި، އަދި މި ގައުމުގެ އިސްތިގްލާލް ނެގެހެއްޓުމަށްޓަކައި މަަސައްކަތްކުރި އެންމެހާ ފަރާތްތަކުގެ ހަނދާން އާކުރާ ދުވަސް ކަމަށް މިނިސްޓަރުގެ ބަޔާނުގައި ވިދާޅުވި އެވެ.

އެދުވަހުގެ ހަމަލާއާ ގުޅިގެން އިންޑިއާ އިން ރާއްގެއަށް ދިން އެހީ ފާހަގަ ކުރައްވައި މިނިސްޓަރު ޝާހިދު ވިދާޅުވީ މިއަދަކީ ހަގީގީ ރަހްމަތްތެރިންނާއި ބައިވެރިންގެ އަގު ވަޒަންކުރާ ދުވަސް ކަމަށެވެ.

"ތިނެއް ނޮވެމްބަރު 1988ގައި އިންޑިއާ ސަރުކާރުން ވެދެއްވި އަސްކަރީ އެހީތެރިކަމަކީ އަބަދުމެ، ދިވެހިންގެ ހިތްތަކުގައި ބިންވަޅުނެގިފައިވާނެ ކަމެއް. އެކަމަށް ޓަކައި އަޅުގަނޑުމެންގެ ހިތްތަކުގައި އޮތް ޝުކުރު ދުވަހަކު ވެސް ފަނޑުވެގެންނުދާނެ،" މިނިސްޓަރުގެ ބަޔާނުގައި ވިދާޅުވި އެވެ.

ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލް ރައްކާތެރިކުރުމަށް ޓަކައި ބައިނަލްއަގުވާމީ ގުޅުންތައް ވަރުގަދަކޮށްރަހްމަތްތެރިންނާއި ބައިވެރިންނާއެކު އޮތް އެއްބާރުލުން އިތުރަށް ވަރުގަދަކުރުމުގައި ދެމި ތިއްބަވާނެކަމުގެ ޔަގީންކަން މިނިސްޓަރުގެ ބަޔާނުގައި ދެއްވާފައިވެ އެވެ.

comment ކޮމެންޓް