އެމެޒޯން ރައްކާތެރި ކުރަމުން ދިޔަ ގާޑެއް މަރާލުމުން ބްރެޒިލްގެ ސަރުކާރަށް ނުރުހުން

އެމެޒޯންގެ ގާޑިއަންސް އޮފް ދަ ފޮރެސްޓްގެ މެމްބަރެއް ކަމަށްވާ ޕައުލޯ ޕައުލީނޯ ގުއަޖަޖަރާ ވަނީ މަރާލާފައި-- ފޮޓޯ: ރޮއިޓާސް

ސައޮ ޕައޮލޯ (ނޮވެމްބަރު 3): އެމެޒޯންގެ ބިންތަކާއި ގަސްތައް ރައްކާތެރި ކުރާ "ގާޑިއަންސް އޮފް ދަ ފޮރެސްޓް"ގެ މެމްބަރަކު މަރާލުމުން ބްރެޒިލްގެ ސަރުކާރަށް ގިނަ ބަޔެއްގެ ނުރުހުމާއި ފާޑު ކިޔުން އަމާޒުވެއްޖެ އެވެ.

ބްރެޒިލްގެ އިންޑިޖިނަސް ޕީޕަލްސް އެސޯސިއޭޝަން (އޭޕީއައިބީ) އިން ނެރުނު ބަޔާނެއްގައިވާ ގޮތުން ޕައުލޯ ޕައުލީނޯ ގުއަޖަޖަރާ މަރާލާފައި ވަނީ ގަވާއިދާ ހިލާފަށް އެމެޒޯންގެ ގަސްތައް ކަނޑާ ބަޔެކެވެ. އަދި ބަޑިން ދިން އެހަމަލާގައި އޭނާގެ ގަބީލާއަށް ނިސްބަތްވާ އިތުރު މީހަކު ޒަހަމްވި އެވެ.

އެ ދެ މީހުންނަކީ ބްރެޒިލްގެ މަރަންހާއޯ ސްޓޭޓުގައި އޮންނަ ގަބީލާތަކަށް ހާއްސަ، ރައްކާތެރިކޮށްފައިވާ ސަރަހައްދެއްގައި ދިރިއުޅެމުން ދިޔަ މީހުންނެވެ. އަދި އެމީހުން ނިސްބަތްވާ ގާޑިއަންސް އޮފް ދަ ފޮރެސްޓަކީ އެސަރަހައްދުގައި ހުންނަ ގަސްތައް ގަވާއިދާ ހިލާފަށް ކެނޑުން ހުއްޓުވުމަށް 2012 ވަނަ ހަދާފައިވާ ގުރޫޕެކެވެ.

ބްރެޒިލްގެ ޖަސްޓިސް މިނިސްޓަރު ސާޖިއޯ މޯރޯ ވަނީ ފުލުހުން އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި އެކުށަށް ޒިންމާވާ މީހުން އިންސާފަށް ގެންނާނެ ކަމަށް ވިދާޅުވެފަ އެވެ.

އެކަހެރި ގަބީލާތަކުގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާއެއް ކަމަށްވާ ސަވައިވަލް އިންޓަނޭޝަނަލް އިން ބުނި ގޮތުގައި މީގެ ކުރިން ވެސް ގާޑިއަންސް އޮފް ދަ ފޮރެސްޓުގެ މެމްބަރުންނަށް އަމާޒުކޮށް ހަމަލާތައްދީ، މަރާފައިވެ އެވެ.

އަދި މިއަހަރު ބްރެޒިލްގެ ރައީސްކަމަށް ޖައިރު ބޮލްސޮނަރޯ ވަޑައިގެންނެވި ފަހުން އެމެޒޯން ޖަންގަލި އާއި ގާޑިއަންސް ރައްކާތެރި ކުރުމަށް އިސްކަން ދެއްވަފައި ނުވާތީ ރައީސަށް ވަނީ ފާޑު ކިޔުން އަމާޒުވެފަ އެވެ. އަދި ބޮލްސޮނާރޯ ވަނީ އެމެޒޯންގައި ގަސްތައް ކަނޑާ، ދަނޑުވެރިކަން ކުރާ މީހުންނަށް ތާއިދުކޮށް، ތިމާވެށީގެ އެކްޓިވިސްޓުންނަށް ފާޑު ވިދާޅުވެ، ބްރެޒިލްގެ ތިމާވެށީގެ އިދާރާގެ ބަޖެޓު ކުޑަ ކުރައްވައިފަ އެވެ.

އޭޕީއައިބީން ބުނާ ގޮތުގައި ގަބީލާތައް ދިރިއުޅޭ ސަރަހައްދުތަކުގައި ހަމަލާތައް އިތުރުވެފައި ވަނީ އެފަދަ ގަބީލާތަކާ ބެހޭ ގޮތުން ބޮލްސޮނާރޯ ދައްކަވާ ވާހަކަފުޅުތަކުގެ ސަބަބުންނާއި އެސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ސަބަބުންނެވެ. އަދި އެފަދަ ހަމަލާތަކުގައި ގަބީލާތަކުގެ މީހުން މަރުވުމުން، ސަރުކާރުން މަރުގެ ޒިންމާ ނަގަން ޖެހޭނެ އެވެ.

މީގެ އިތުރުން، މިދިޔަ އޮގަސްޓު މަހު ބްރެޒިލްގެ ނެޝަނަލް އިންސްޓިޓިއުޓް ފޯ ސްޕޭސް ރިސާޗްއިން ބުނި ގޮތުގައި އެމެޒޯން ޖަންގަލީގައި އެމަހު ވަނީ ރެކޯޑު މިންވަރަކަށް އަލިފާން ރޯވެފަ އެވެ. އެގޮތުން މި އަހަރުގެ ޖެނުއަރީ މަހާއި އޮގަސްޓް މަހާ ދޭތެރޭ އެގައުމުގެ ޖަންގަލިތަކުގައި ރޯވި މިންވަރު ވަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު 85 ޕަސެންޓް އިތުރުވެފަ އެވެ. އެއަލިފާންޑަނޑުތައް އަދި ވެސް އަނދަމުންދާ ކަމަށް ބައެއް ރިޕޯޓުތަކުގައިވެ އެވެ.

comment ކޮމެންޓް